ޕާޓީގެ ބާރުވެރިކަން ލިބޭނީ އެއް ބޭފުޅަކަށް: ތަރިއެއް އޮއްސޭނެ!

ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް-- ސަން ގްރެފިކްސް: އަޙްމަދު ސާއިލު އަލީ

އެމްޑީޕީއަކީ ތާރީޚީ ޕާޓީއެކެވެ. ތާރީޚު ބަދަލުކުރި ޕާޓީއެކެވެ. އެ އަލުން ލިޔާ ޕާޓީއެކެވެ. މާދަމާގެ ޕްރައިމަރީއަކީ ވެސް ތާރީޚުގައި ލިޔެވޭނެ އިންތިޚާބެކެވެ. އެތައް ގޮތަކުން، ޑިމަކްރަސީގެ ނަމޫނާ ފެނިގެންދާ އިންތިޚާބެކެވެ. ފުރަތަމަ ފަހަރަށް އުފެއްދި ސިޔާސީ ޕާޓީން މާދަމާ ވެސް އެކުރަނީ މުޅިން އަލަށް ރާއްޖޭގައި ކުރާ ކަމެކެވެ.

ރާއްޖޭގެ ހަޔާތުގައި ރައީސުލްޖުމްހޫރިއްޔާއަކު އެތެރޭ އިންތިޚާބެއްގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. މިއީ އާދައިގެ ސިޔާސީ ހަރަކާތެއް ނޫނެވެ. ޑިމަކްރަސީގެ ނަމޫނާ ހަރަކާތެކެވެ. މި އިންތިޚާބު ހާއްސަ ވަނީ އެއްގޮތަކުން ނޫނެވެ. މި ނިންނަމީ އެންމެ ނިންމުމެއް ވެސް ނޫނެވެ. މިއީ އެއް ފާހަގައިން ނިންމާ ބޮޑު ނިންމުމެކެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޕާޓީގެ ބާރުވެރިކަމަށް ކުރާ ހަނގުރާމައިގެ ނިމުމެވެ. ވާދަވެރިކަން ނަފުރަތަށްވެ، އެކަތި ނުވެވޭވަރަށް ދެ ބޭފުޅުން ތިބީ ރުޅިވެފައެވެ. ދެން އޮތީ ކޮންމެވެސް އެއްބޭފުޅަކު ބަލި ގަބޫލުކުރައްވާ ގެޔަށް ވަޑައިގަތުމެވެ. މާދަމާ މިއީ އެޕާޓީ ގޮވައިން ކުރިއަށް ވަޑައިގަންނަވާނީ އެތަނުން ކޮން ބޭފުޅެއްތޯ އެޕާޓީގެ އާންމު މެންބަރުން ނިންމާ ދުވަހެވެ. ތާރީޚީ ވަނީ އެހެންވެއެވެ.

އެމްޑީޕީން ބޭއްވި ޖަލްސާއެއްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގަތީ ޝައްކެއް ނެތް ގޮތުގައި ނަޝީދުގެ މަދަދާއެކީއެވެ. ނޫންނަމަ، 2018ގައި ރައީސަށް ރިޔާސީ އިންތިޚާބު ކާމިޔާބެއް ނުވީހެވެ. އެއީ މާޒީގެ ސާފު މަންޒަރެވެ.

އެކަމަކު، ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ނަޝީދަށް، ރައީސް ވެރިކަން ކުރައްވާ ގޮތް ކަމުނުދިޔައީއެވެ. އެކި ކަންކަމުގައި ފަނޑުކޮށް އުފެދުނު ހިޔާލުގެ ތަފާތުތައް ބޮޑުވެ، ޅަ ދުވަހުއްސުރެ އެކީ އުޅުނު ދެބޭފުޅުން ރުޅިވީއެވެ. އެކުވެރިކަމާއި ލޯބި، ބަދަލުވީ ނަފުރަތާއި ރުޅިއަށެވެ. އެހިސާބުން އުފެދުނު ރުޅިގަނޑު ބޮޑުވެ، ދެ ބޭފުޅުންނަށް އެކުގައި ނުތިއްބެވޭ ވަރުވީއެވެ. ދެ ބޭފުޅުންގެ ސަޕޯޓަރުންނަށް ވެސް ކުރީގެ ހަތުރުންނަށްވުރެ އެކެއް އަނެކަކު ކަމުނުދިޔައީއެވެ.

ހަގީގީ މައްސަލަ ކުރިމަތިވަނީ ރައްޔިތުން ގާތު އެދިގެން ގެންނަވާ ވެރިކަމުން އެދޭ ކަންކަން ނުކޮށްދެއްވާތީއެވެ. ވާނީވެސް އެހެންނެވެ. މިއީ ރާއްޖޭގެ ސިޔާސީ މާހައުލަށް އާ ކަމެއް ވެސް ނޫނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގަތުމުން އެމަނިކުފާނުގެ އެއްބަފައި ބޭބޭފުޅު އަދި ދިގު 30 އަހަރު ވެރިކަން ކުރެއްވި މައުމޫން އަބްދުލްގައްޔޫމަށް ވެސް ޔާމީން ވެރިކަން ކުރެއްވި ގޮތް ކަމަކު ނުދިޔައެވެ. އެހިސާބުން ދެބޭފުޅުން ދެމެދުގައި ހިނގި ހަމަނުޖެހުމާއި މިހާރާ ވެސް އެއްގޮތް ކުރެވޭނެއެވެ.

ޔާމީންވެސް ވެރިކަމަށް ވަޑައިގަތީ މައުމޫންގެ މަގުބޫލުކަމުންނެވެ. އެމަނިކުފާނަށް އޮތް އިތުބާރެއްގެ އެހީގައެވެ. އެކަމަކު، އެފަހަރު ވެސް އެދޭ ކަންކަން ނުވުމުން، ދެބެއިންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވީއެވެ. އެފަހަރު ވެސް ފަނޑުކޮށް ފެށި އަރާރުން ނިމުނީ، މައުމޫން ޕާޓީން ބޭރުވެ، ޖަލަށްވަޑައިގަންނަވަން ޖެހުމާއި ހަމައިންނެވެ.

މުހިއްމު ސުވާލަކީ ޕީޕީއެމްގެ މެންބަރުން ޔާމީނާއެކު ކުރިއަށް ދިޔަފަދައިން އެމްޑީޕީ މެންބަރުން މޮޅުވާ ބޭފުޅަކާއެކު ކުރިއަށް ވަޑައިގަންނަވައިފާނެތޯއެވެ. ވޯޓުން ނިންމާ ނިންމުމަކުން ޕާޓީ ރޫޅިދާނެތޯއެވެ. އެކަތިވެ އެކުގައި ކުރިއަށް ދެވިދާނެތޯއެވެ. ޕާޓީ ބައިބައިވެދާނެތޯއެވެ. އެ ފިކުރުގެ ދިރުމަކީ ނަޝީދުތޯ ނުވަތަ ރައީސާއެކު ކުރިއަށްދާނީތޯ ނިންމާނެއެވެ.

މޮޅުވާ ބޭފުޅަކަށް ޕާޓީ، ބަލިވާ ބޭފުޅަކު ގެޔަށް

ރައީސް ޞާލިހަކީ މަޑުމައިތިރި ބޭފުޅެކެވެ. ވިސްނަވާފައި ފިޔަވަޅު ނަންގަވާ ބޭފުޅެކެވެ. ހިކުމަތުން ކަން ކުރައްވާ ވެރިއެކެވެ. ނަޝީދަކީ ސިޔާސީ މާހިރެކެވެ. ކެމްޕޭން ކުރެއްވުމާއި ސިޔާސީ އުކުޅުގައި އަރާހުންނެވި ބޭފުޅެކެވެ. މުރާލި ބޭފުޅެކެވެ. ރަށްރަށުން ދައްކާ މަންޒަރާއި ކެމްޕޭން ޖަލްސާތަކުން ފެންނަ ރަންރީންދޫ ސަފުތަކަށް ބަލާ އިންތިޚާބުގެ ނަތީޖާ ވަޒަން ކުރާކަށް ނޭންގެއެވެ.

އެކަމަކު، ކޮންމެވެސް އެއް ކޮޅަކަށް މާދަމާ އެމްޑީޕީގެ ތިލަފަތް ބަރުވާނެއެވެ. އެއް ބޭފުޅަކު ގެޔަށް ވަޑައިގަންނަވަން މަޖުބޫރު ވާނެއެވެ. އަނެއް ބޭފުޅަކަށް، އާރާއިބާރާއި، ޕާޓީގެ މުޅި ކޮންޓްރޯލާއި، ރިޔާސީ ޓިކެޓްވެސް ލިބިވަޑައިގަންނަވާނެއެވެ. އެކަން ދެ ރައީސުން ވެސް ގަބޫލުކުރައްވައެވެ.

ރައީސް ޞާލިހުގެ ވަރަށް އަރިސް ބޭފުޅަކު ވިދާޅުވިގޮތުގައި މި ޕްރައިމަރީ ނާކާމިޔާބުވެއްޖެ ނަމަ އިތުރަށް ސިޔާސީ މަސައްކަތް ކުރެއްވުމުގެ ނިޔަތެއް އެމަނިކުފާނު ނުގެންގުޅުއްވައެވެ. އެއީ، މި އިންތިޚާބުން ނިންމާ ހަގީގީ ނިންމުން އެމަނިކުފާނަށް ވެސް ސާފުވާތީއެވެ. ވެރިކަމުގައި ހުރެ، އަމިއްލަފުޅު ޕާޓީން ރިޔާސީ ޓިކެޓް ނުލިބިއްޖެނަމަ އެއީ ސިޔާސީ ހަޔާތް ނިންމާލަން ޖެހޭ ހިސާބުކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް -- ފޮޓޯ: ރައީސް އޮފީސް

"ރައީސް ވިދާޅުވީ ޕްރައިމަރީން ބަލިވެއްޖެނަމަ، ދެން މިކަމުގައި [ސިޔާސީ ކަންކަމުގައި] ނޫޅުއްވާނެ ކަމަށް. މި މަސައްކަތުން ރިޓަޔާ ކުރައްވަން ގަސްތުކުރައްވާ ކަމަށް" ރައީސް އަރިސް ބޭފުޅަކު ވިދާޅުވިއެވެ.

އެއީ ރައީސްގެ ހިޔާލުފުޅެކެވެ. ޕާޓީގެ މެންބަރުން ނިންމާ ނިންމުމަށް އިޙްތިރާމްކޮށް، ސިޔާސީ މަސައްކަތުން އެއްފަރާތްވުމެވެ. ޕާޓީގެ ބާރު ނަޝީދަށް ދެއްވަން އެ މެންބަރުން ނިންމަވައިފިނަމަ އެކަމަށް އިހްތިރާމް ކުރައްވާ ގެޔަށް ވަޑައިގެންނެވުމެވެ. ނަޝީދަށް އެ ފުރުސަތުދެއްވާ، ޕާޓީގެ ހިންގުމުން އެއްފަރާތްވުމެވެ.

ނަޝީދުވެސް ވިދާޅުވީ އެފަދައިންނެވެ. ބަލިވެއްޖެ ނަމަ ވަޑައިގަންނަވާނީ ގެޔަށް ކަމަށެވެ. ދެން ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ވެސް އަދި އިދިކޮޅު ޕީޕީއެމަށް ވެސް ތާއީދު ނުކުރައްވާނެ ކަމަށެވެ. ފާޑަކަށް ވިދާޅުވީ ސިޔާސީ މަސައްކަތް ހުއްޓާލައްވާނެ ވާހަކައެވެ. އެކަމަކު، ނަޝީދު އެ ފިޔަވަޅު ނެންގުމީ ނާދިރު ކަމެކެވެ. ފަހަތަށް ޖެހިވަޑައިގެން އިދިކޮޅަށް ތާއީދު ކުރެއްވިޔަސް ސިޔާސީ މަސައްކަތާ ދުރުވެދާނޭ ނުބުނެވޭނެއެވެ. އެއީ ހަގީގަތެވެ.

"ޕީޕީއެމްއާއެކު ނުހުންނާނަން އެއީ ސަތޭކައިން ސަތޭކައިގެ ކަމެއް. ޕީޕީއެމާއެކު ނުހުންނާނަން. އެކަމަކު އިބްރާހީމް މުޙައްމަދު ޞާލިޙަކާއެކު ނުހުންނާނަން،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކަމަކު، ޕީޕީއެމްގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ ދެއްކެވި ވާހަކަފުޅުތަކަށް ބަލާ، އެކުލަ މިކުލައާ އެއްވުމީ ނުވާނެ ކަމެކޭ ވެސް ނުބުނެވޭނެއެވެ. ބަލިވާ ހާލަތެއްގައި ނަޝީދަށް އޮތީ ދެގޮތެކެވެ. އެއީ ރައީސްގެ ހިޔަނީގައި ހުންނެވުން ނުވަތަ އިދިކޮޅާއެކު ރައީސާ ދެކޮޅަށް ނުކުމެވަޑައިގެން ސިޔާސީ ކުރިމަގެއް ހޯދަން މަރުދަން ޖެހުމެވެ. އަމިއްލަ ޕާޓީން ނޫނެކޭ ބުނެފި ހާލަތެއްގައި އެމަނިކުފާނު ވެސް އާންމު އިންތިޚާބަކަށް ނުކުންނެވުން ނާދިރެވެ. އެއީ، ހިސާބު ޖަހައިގެން ފިޔަވަޅު ނަންގަވާ ސިޔާސީ ލީޑަރަކު ކުރައްވާނެ ކަމެއް ނޫނެވެ. ބުއްދިވެރި ގޮތެއް ނޫނެވެ.

ނަޝީދުގެ އެންމެ އަރިސް އެއް މެންބަރު، އިބްރާހިމް ރަޝީދު (ބޮންޑޭ)ވެސް ގަބޫލުކުރައް ވަނީ އެފަދައިންނެވެ. އެ ވިދާޅުވަނީ ސިޔާސީ ހަޔާތް ނިންމަވާލައްވާ ވާހަކަފުޅު ނޫން ކަމަށާއި އެ ވިދާޅުވަނީ ކޯލިޝަން ގޮވައިގެން ނުކުމެ އަލުން މި ކެހި ލިބިނުގަންނާނެ ވާހަކަކަމަކަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ އެ ވިދާޅުވަނީ އަލުން މެނިފެސްޓޯ ތަންފީޒު ނުކުރެވޭނެ ވެރިކަމެއް ނުހޯއްދަވާނެ ވާހަކަ ކަންނޭންގެ. އެއްކޮށް ސިޔާސީ ހަރަކާތް ހުއްޓަވާލައްވާނެ ކަމަކަށް ގަބޫލެއް ނުކުރަން." އޭނާ ވިދާޅުވިއެވެ.

ތާރީޚީ އެތެރޭ ޕްރައިމަރީތައް ދައްކައިދޭ މަންޒަރު

އެތެރޭ ވާދަ ފުރަތަމަ ބޭރަށް ދެއްކީ ވެސް އެމްޑީޕީންނެވެ. އާންމުން ތެރޭ އެއް ޕާޓީގެ ދެބޭފުޅުން ފުރަތަމަ ފަހަރަށް ބަހުސެއް ކުރެއްވީވެސް އެ ޕާޓީންނެވެ. އެއީ އަލަށް ސިޔާސީ ޕާޓީތައް އުފެދިގެން އައިއިރު، 2008 ވަނަ އަހަރު އެ ޕާޓީން ބޭއްވި ރިޔާސީ ޕްރައިމަރީގައި ބަދަލުކުރި ތާރީޚެވެ.

އޭރު އެޕާޓީގައި ތިއްބެވި އެންމެ މަގުބޫލު ތިން ބޭފުޅުންނެވެ. އެންމެ ތާއީދު ބޮޑު ތިން ނަމެވެ. ނަޝީދާއި، ޑރ. މުހައްމަދު މުނައްވަރާއި، މޫސާ މަނިކެވެ.

އެ އިންތިޚާބުގައި ވެސް މި ހިނގާ ކޯޅުންތައް ހިނގިއެވެ. ދަފުތަރުގެ މައްސަލައާއި ވޯޓުނުލެވޭ މެންބަރުންނަށް އެހެން މީހަކު ލައްވާ އެ ހައްގު ފުރިހަމަކުރުމުގެ ފުރުސަތުގެ ސަބަބުން ވެސް ފިތުނަތަކެއް އުފެދުނެވެ. އިންތިޚާބުގެ ތެރެއިން ވެސް މައްސަލަތަކެއް ފެންމަތިވިއެވެ. ވާދަވެރިކަން ބޮޑު ނަމަވެސް، އެފަހަރުގެ އިންތިޚާބުގައި އެޕާޓީގެ އާންމު މެންބަރުން ނިންމީ ނަޝީދާއެކުގައި ކުރިއަށްދާށެވެ.

އެމްޑީޕީން "ރަށްވެހި ފަތިސް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެއަށްފަހު ކަން ވީވެސް އަދުގެ ހާލަތާ ނުހަނު އެއްގޮތަށެވެ. ދެން ވާދަކުރެއްވި ބޭފުޅުންގެ އަލި ފަނޑުވީއެވެ. މުނައްވަރު ޕާޓީ އޮފީހަށް ވަޑައިގަތުން ވެސް މަޑުޖައްސާލެއްވިއެވެ. އެއަށްފަހު ދުރުދުރުގައި ހުންނެވުމަށް ފަހު، ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވީއެވެ.

ދެން އެފަދަ ވާދަވެރިކަމެއް ފެނުނީ 2013 ވަނަ އަހަރު އިދިކޮޅު ޕީޕީއެމުންނެވެ. އެޕާޓީގައި ވެސް އޭރު ނުހަނު މަގުބޫލު، ޔާމީނާއި އުމަރު ނަސީރުގެ ކުރިމަތިލުމެވެ. ޕްރައިމަރީ ނިމުނީ ހިތްހަމަނުޖެހުންތަކާއި ރުޅި މޫނަކުންނެވެ. އެކަމަކު، އާންމު މެންބަރުންގެ ނިންމުމާ އެއްގޮތަށް ޕާޓީ ދިޔައީ ޔާމީނާއެކުގައި ކުރިއަށެވެ.

އެހެންވެ، މިފަހަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް އާންމު މެންބަރުންގެ ނިންމުމާއެކު، ހޮވޭ ލީޑަރަކާއެކު އާންމު މެންބަރުންނަށް އޮތީ ޕާޓީއައިގެން ކުރިއަށް ދިއުމެވެ. ފިތުނައިގައި ބެދިފައި ތިބި މެންބަރުންނަށް އެ ސަފްހާ މާޒީކުރަން ޖެހެއެވެ. އެތައް ބަޔަކު ބަންދުވެ، އެތައް ބަޔަކު ބިކަވެ، ނިކަމެތިވެ، އެތައް ބަޔަކު ރެޔާއި ދުވާލު މަގުމަތީ ހިންގި ސިޔާސީ ހަރަކާތުން އުފަންކުރި ބިޔަބޮޑު ސިޔާސީ ޕާޓީ ނެތި ފަނާވެދާން ދޫކޮށްލާނެ ކަމަކަށް ނުބެލެވެއެވެ. އެއީ، ގައުމަށް ވެސް ހެޔޮ ގޮތެއް ނޫނެވެ.

އެޕާޓީގެ އާންމު މެންބަރުން ތާއީދު ބޮޑު ލީޑަރާއެކު ދާނީ ކުރިއަށެވެ. މަޑުޖެހި ތިބެވެން ނެތީމައެވެ. އެމްޑީޕީއަކީ އެއަށްވުރެ މާ ބޮޑު ގުރުބާނީއެކެވެ.

comment ކޮމެންޓް