41 ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދަނީ

ހއ. ހޯރަފުށީ ކައުންސިލުގެ އިދާރާ --- ޓުވިޓާ ފޮޓޯ/ ހޯރަފުށީ ކައުންސިލް

އިދާރީ އެންމެ އިސްވެރިޔާގެ މަގާމަށް 41 ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އެ ކޮމިޝަނުން އެސްޖީންގެ މަގާމަށް މީހުން ހޯދުމަށް ހުޅުވާލީ 2021 ވަނަ އަހަރުގެ ޖޫން މަހުއެވެ. އޭރު 200 ކައުންސިލްގެ އިދާރާއަކަށް އެސްޖީންގެ މަގާމަށް ހުޅުވާލަފައިވެއެވެ.

ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރާ ހަމައަށް އައްޔަނު ކުރެވިފައިވަނީ 127 ސެކްރެޓަރީ ޖެނެރަލުންނެވެ. އޭގެތެރެއިން ބައެއް އެސްޖީން އިސްތިއުފާ ދީފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.

އެސްޖީން ހޯދުމަށް މިފަހަރު ހުޅުވާލި ކައުންސިލްތަކުގެ ތެރޭގައި ހިމެނެނީ ފަސް އަތޮޅު ކައުންސިލަކާއި، 36 ރަށު ކައުންސިލެކެވެ. އޭގެތެރެއިން ރަށު ކައުންސިލްގެ އެސްޖީންގެ ގޮތުގައި ދެ ރޭންކަކުން ކުރިމަތިލެވޭގޮތަށް ވަނީ ހުޅުވާލާފައެވެ. ފުރަތަމަ ރޭންކްގެ މުސާރަ އަކީ 16،100 ރުފިޔާއެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 12،285 ރުފިޔާއެވެ. އަތޮޅު ކައުންސިލްތަކުގެ އެސްޖީންގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 21،000 ރުފިޔާއެވެ. މިއީ ފަސް އަހަރު ދުވަހުގެ މުއްދަކަށް އައްޔަނުކުރާ މަގާމުތަކެވެ.

ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ދަތިވެފައިވާތީ، ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެ މަގާމުގެ ޝަރުތުގެ ތެރޭގައި ޑިގްރީ އޮތް މީހަކަށް ވާންޖެހޭކަމަށް ބަޔާންކޮށްފައި އޮތް އޮތުން ދަށްކޮށް، ޑިޕްލޮމާގެ ފެންވަރު މީހުންނަށް ވެސް ކުރިމަތިލެވޭގޮތަށް ބަދަލުކޮށްފައެވެ.

އެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެސްޖީއިންގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ހައިސިއްޔަތުން ކައުންސިލްގެ ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސުމާއި، އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމާއި، ކައުންސިލް އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ރިޕޯޓްކުރުމާއި ޖަވާބުދާރީވުން ހިމެނެއެވެ. އަދި، ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުސޫލުތައް ތަންފީޒްކުރުމަކީވެސް އެސްޖީންގެ މަސްއޫލިއްޔަތެވެ.

މީގެއިތުރުން، ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތައް ކައުންސިލްގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެޚިދުމަތްތައް ފޯރުކޮށްދިނުމަކީވެސް އެސްޖީންގެ މަސްއޫލިއްޔަތެވެ.

comment ކޮމެންޓް