22 އަހަރު ފަހުން ހިތަދޫން 500 ގޯތި ދޫކުރަން އިއުލާނުކޮށްފި

އައްޑޫ ސިޓީ --- ފޮޓޯ/ ޓައިމްސް އޮފް އައްޑޫ

އައްޑޫ ސިޓީ ހިތަދޫން 500 ބަންޑާރަ ގޯތި ދޫކުރަން ރޭ އިއުލާނުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫން 1،500 އަކަފޫޓުގެ ގޯތިތައް ހޯދުމަށް އަންނަ މަހުގެ 23 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ. ގޯއްޗަށް އެދޭ ފޯމު ބަލައިގަންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެންނެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު މިއަދު "ސަން"އަށް ވިދާޅުވީ އައްޑޫ ސިޓީ ހިތަދުއިން ގޯތި ދޫކުރަން އިއުލާނުކޮށްފައިވަނީ 22 އަހަރު ފަހުން ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ހިތަދުއިން އެކަނި އިތުރު 2،000 ގޯތި ދޫކުރުމުގެ މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ފަހަރު ގޯތި ދޫކުރާނީ ދެ ކެޓެގަރީއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ކެޓަގަރީގައި ހިތަދޫ މީހުންނަށް 90 ޕަސެންޓު (450 ގޯތި) އަދި އައްޑޫގެ އެހެން ރަށްރަށުގެ މީހުންނަށް 10 ޕަސެންޓް (50 ގޯތި) ދޭނެއެވެ.

ހިތަދޫން 500 ގޯތި ދޫކުރަން އިއުލާނުކުރިއިރު، އައްޑޫގެ އިތުރު ތިން ރަށަކުން 500 ގޯތި ދޫކުރަން މިދިޔަ އަންގާރަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ. އެ ފަހަރު އިއުލާނުކުރީ ފޭދޫން 1،500 އަކަފޫޓުގެ 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 2،000 އަކަފޫޓުގެ 100 ގޯތި ދޫކުރުމަށެވެ.

މި ފަހުން އައްޑޫއިން ގޯތި ދޫކުރަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ބޯމަތިވެފައިވާތީ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ. އެގޮތުން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ގޯތިދޫކުރަން ދަންވަރު ހުޅުވާލުމަކީ ކަޑަޖެހުމުގެ އާ މަރުހަލާއަކަށް ގޮސްފައިވާކަން އެނގިފައިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވައި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝުއާއު މިއަދު ވިދާޅުވީ، ނަޝީދު އެގޮތަށް ވިދާޅުވަނީ، މަސައްކަތް ކުރިއަށްދާ ގޮތް ރަނގަޅަށް އެނގިނުލައްވާތީ ކަމަށެވެ. އެގޮތުން ޕްލޭނިން މިނިސްޓްރީން ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދިން ހިސާބުން ފެށިގެން ގޯތި ދޫކުރުމަށް އިއުލާނު ކުރުމުގެ މަސައްކަތް އެ ކައުންސިލުން ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާތަނަށް ގޯތި ދޫކުރަން އިއުލާނުކޮށްފައި ވާނީ އެކަމަށް ބޭނުންވާ އެންމެހާ އިދާރީ ކަންކަން ކޮށް އެކަން ކޮށް ނިމޭ ގަޑީގަ. ވަކި ގަޑިއަކަށް ބަލާފައެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ޝުއާއު ވިދާޅުވީ ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ބަޔަކު މަސައްކަތް ކުރަން ވަކި ގަޑިއެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ގޯތި ދޫކުރުމަށް އިއުލާނުކުރުމުގެ ކަންކަން ވެސް ކުރިއަށް ދަނީ އެގޮތުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް