ރަޝިއާ ބަލިކުރަން ނޭޓޯގެ ނުވަ ގައުމަކުން ޔުކްރެއިނަށް ހަނގުރާމައިގެ ޓޭންކް ފޮނުވަނީ

އެެމެރިކާގައި އުފައްދާ އަބްރަމްސް މަރުކާގެ ޓޭންކް

ބާލިން (26 ޖަނަވަރީ 2023): ރަޝިއާއާ ހަނގުރާމަ ކުރުމަށްޓަކައި ޔޫކްރައިންއަށް މަތީފެންވަރުގެ ޓޭންކް ދިނުމަށް އެމެރިކާއާއި ޖަރުމަނު ހިމެނޭގޮތަށް ނޭޓޯގެ ނުވަ ގައުމަކުން ނިންމައިފިއެވެ.

މިގައުމުތަކަށް މިގޮތަށް ނިންމާފައިވަނީ މިމައްސަލާގައި ގޮތެއް ނިންމުމަށް މިދިޔަ ހަފްތާގެ ބަންދުގައި ނޭޓޯއިން ބޭއްވި އެޖަމާއަތުގެ ދިފާއީ ވަޒީރުންގެ ބައްދަލުވުން ނާކާމިޔާބުވެފައި ވަނިކޮށެވެ. އެބައްދަލުވުމުގައި ނޭޓޯގެ ބައެއް ގައުމުތައް އެކަމަށް ދެކޮޅު ހެދުމުން އެންމެފަހުން ނިންމީ ބޭނުންވާ ގައުމަކުން ޔުކްރެއިނަށް ހަނގުރާމައިގެ ޓޭންކް ދިނުމަށާއި ބޭނުންނުވާ ގައުމުތަކުން ނުދިނުނަށެވެ.

މިއާއެކު އިއްޔެވަނީ ނޭޓޯގެ ނުވަ ގައުމަކުން ޔުކްރެއިންއަށް ހަނގުރާމައިގެ ޓޭންކް ދިނުމަށް ނިންމާފައެވެ. މީގެތެރޭގައި ހިމެނެނީ އެމެރިކާ އާއި ޖަރުމަނުގެ އިތުރުން އިނގިރޭސިވިލާތް، ޕޮލެންޑް، ނޯވޭ، ފިންލެންޑް، ފަރަންސޭސިވިލާތް، ސްޕެއިން އަދި ހޮލެންޑްއެވެ.

އެމެރިކާ ބުނާގޮތުން އެގައުމުން ޔުކްރެއިނަށް ފޮނުވާތީ އަބްރަމްޒް މަރުކާގެ 31 ޓޭންކެވެ. ޖަރުމަނު ބުނާގޮތުން އެގައުމުން ފޮނުވާނީ ލިއޮޕަޑް 2 މަރުކާގެ 14 ޓޭންކެވެ. ނަމަވެސް ފަހުގެ މަރުހަލާއެއްގައި އަދި އިތުރު 14 ޓޭންކް ފޮނުވިދާނެއެވެ. އިނގިރޭސިވިލާތް ބުނާގޮތުން އެގައުމުން ފޮނުވާނީ ޗެލެންޖަރު މަރުކާގެ 14 ޓޭންކެވެ. ޕޮލެންޑުންވެސް ފޮނުވަނީ އެގައުމު ޖަރުމަނު އަތުން ގަނެފައިވާ ލިއޮޕަޑް ދޭއް މަރުކާގެ ޓޭންކްތަކުގެ ތެރެއިން 14 ޓޭންކެވެ.

ފަރަންސޭސިވިލާތުން ބުނީ ޓޭންކް ފޮނުވާނެކަމަށާ ނަމަވެސް ފޮނުވާނެ މަރުކާއަކާއި އަދަދު އަދި ކަނޑަނާޅާ ކަމުގައެވެ. ނޯވޭ، ފިންލެންޑް، ހޮލެންޑް ފަދަ ގައުމުތަކުން ޔުކްރެއިނަށް ޓޭންކް ފޮނުވައިދޭނެ އަދަދެއް ހާމައެއް ނުކުރެއެވެ. މިގައުމުތަކުގައި ހުރީ އެމެރިކާއާއި ޖަރުމަނު ފަދަ ގައުމުތަކުން ގަނެފައިވާ ޓޭންކްއެވެ.

ޖަރުމަނުގައި އުފައްދާ ލިއޮޕާޑް މަރުކާގެ ޓޭންކް

ޔޫކްރައިނަށް ހަނގުރާމައިގެ މަތީފެންވަރުގެ ޓޭންކް ފޮނުވަން ނޭޓޯގެ ނުވަ ގައުމަކުން ނިންމީ ރަޝިއާގެ ކުރިމަތީގައި ޔުކްރެއިންގެ ލަޝްކަރުތައް ފަހަތަށްޖެހެން މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައެވެ. ރަޝިއާ ފާއިތުވި ތިން ހަފްތާތެރޭގައިވަނީ ޔުކްރެއިންގެ އރުމަތީގެ ސްޓްރެޓީޖިކް ސިޓީއެއްކަމަށްވާ "ސޮލިދާ" ހިފާފައެވެ. އަދި ރަޝިއާ މިދިޔަ ހޯމަ ދުވަހު ވަނީ "ސޮލިދާ"ގެ ކައިރީގައިވާ ޔުކްރެއިންގެ އެހެން ޓައުންއެއްވެސް ހިފާފައެވެ. ރަޝިއާ ގެންދަނީ ޔުކްރެއިންގެ އިރުމަތީގެ ސިޓީއެއްކަމަށްވާ "ބަޚްމުތު" ހިފުމަށްވެސް މަސައްކަތް ކުރަމުންނެވެ.

މިސަރަހައްދުގައި ވަރުގަދައަށް ހަނގުރާމަ ހިންގާއިރު ޔުކްރެއިންވަނީ އެގައުމުގެ ސިފައިން ފަހަތަށް ޖެހެމުންދާކަމަށާއި ނަމަވެސް ފަހަތަށްޖެހެނީ ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދެމުންކަން ހާމަކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން ހުޅަނގުން ޔުކްރެއިނަށް ޓޭންކް ފޮނުވަން ނިންމީ މިފަދަ ބަރުހަތިޔާރު ނުދީފިނަމަ ރަޝިއާގެ ކުރިމަތީ ޔުކްރެއިންގެ ލަޝްކަރުތައް މާބޮޑަށް ފަހަތަށްޖެހެން މަޖުބޫރުވެ އެންމެފަހުން އަމާންދޭންޖެހޭ ހިސާބަށް ކަންތައް ހިނގައިދާނެކަމުގެބިރު އޮތުމުންނެވެ.

ޔުކްރެއިން ބުނާގޮތުން އިރުމަތީ ފްރަންޓްގައި ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމައަށް މަދުވެގެން 300 ޓޭންކް ބޭނުންވެއެވެ. ނަމަވެސް މިއަދަދަށް ޓޭންކް ދިނުމަކީ ނޭޓޯގެ ގައުމުތަކަށްވެސް ފަސޭހަކަމެއް ނޫނެވެ. ޓޭންކަކީ އަގުބޮޑުވެފައި އުފައްދަންވެސް އުނދަނގޫ ހަތިޔާރެކެވެ.

އަސްކަރީ މުހައްލިލުން ވިދާޅުވާގޮތުގައި ނޭޓޯގެ ގައުމުތައް ދޭ ޓޭންކުތަކުގެ ސަބަބުން ޔުކްރެއިންގެ ދިފާއީ ބާރުވަރުގަދަވެ ރަޝިއާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ވަގުތީ ގާބިލްކަމެއް ޔުކްރެއިންއަށް ލިބިގެންދާނެއެވެ. ނަމަވެސް މިކަމުގެ ސަބަބުން ހަނގުރާމައިގެ މައިދާނަށް ދާއިމީ ބޮޑު ބަދަލެއް ނާންނާނެއެވެ.

ސަބަބަކީ ޔުކްރެއިނަށް ލިބޭ ޓޭންކްތަކުގެ އަދަދު މަދުވެފައި ހަނގުރާމަކުރާ ސަރަހައްދު ބޮޑުވެފައި އެޓޭންކްތައް ހަލާކުކޮށްލުމުގެ ގާބިލްކަން ރަޝިއާގެ ކިބާގައި ހުރުމުންނެވެ. އަނެއްކޮޅުން ރަޝިއާގެ ލަޝްކަރާއެކު އެގައުމުގެ ކުލީ ސިފައިންގެ ދެޖަމާއަތެއްކަމަށްވާ "ވެގްނާ" ގްރޫޕްގެ ހަނގުރާމަވެރިންނާއި ޗެޗްނިޔާގެ ގެރިއްލާ ހަނގުރާމަވެރިން މިހާރު ގިނަ އަދަދަކަށް ބައިވެރިވަމުންދާތީ ރަޝިއާގެ ލަޝްކަރު މިހާރު އޮތީ ކުރިއާ އަޅާބަލާއިރު ވަރަށް ވަރުގަދަ ހާލަތެއްގައި ކަމަށްވާތީއެވެ.

ރަޝިއާވަނީ ހުޅަނގުން ޔުކްރެއިނަށް ފޮނުވާ ޓޭންކުތައް ގެންނަ މަގުތައްބަލައި ހަނގުރާމައިގެ މައިދާނަށް އައުމުގެ ކުރިން އެތަކެތި ހަލާކުކޮށްލާނެކަމުގެ އިންޒާރު ދީފައެވެ.

comment ކޮމެންޓް