އެހެން ފަހަރުތަކަށްވުރެ އެންމެ ފަހުން ބޭއްވި 2022 ވަނަ އަހަރުގެ އެޑެކްސެލް އޭލެވެލްއާއި އައިއޭއެލްގެ އިތުރުން އެޗްއެސްސީގެ ނަތީޖާ މާ ފުރިހަމަ ކަމަށް ސްކޫލްތަކުން ބުނެފިއެވެ.
އެންމެ ފަހުން ބޭއްވި 2022 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުތައް އޮތީ މިދިޔަ އޮކްޓޯބަރު މަހުގައެވެ. އޭގެ ތެރޭގައި އެޑެކްސެލް އޭލެވެލްއާއި އައިއޭއެލްގެ އިތުރުން އެޗްއެސްސީ އިމްތިހާނު ހިމެނެއެވެ.
މަތީ ސާނަވީ އިމްތިހާނުތަކުގެ ނަތީޖާ ދޫކުރަން ފެށީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
މިހާތަނަށް ޔަގީންވެފައި ހުރި ނަތީޖާތަކަށް ބަލާއިރު އެ ނަތީޖާ ތަކަކީ ފާހަގަކޮށްލެވޭ ފުރިހަަމަ ނަތީޖާތަކެއް ކަމަށް ސްކޫލުތަކުން ބުންޏެވެ.
އެގޮތުން އަހްމަދިއްޔާ އިންޓަނެޝަނަލް ހައި ސްކޫލް (އޭއައިއެސް)ގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ 2022ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުތަކުގައި އެ ސްކޫލުގެ ޖުމުލަ 206 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.
އޭގެ ތެރެއިން 87 ދަރިވަރަކު ގަދަ 10ގައި ހިމެނިފައިވާ ކަމަށާއި ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން ތިން ދަރިވަރަކު ގަދަ 10ގެ އެއްވަނައިގައި ހިމެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި އަހަރުގެ ނަތީޖާތައް ވެސް ވަރަށް ރަނގަޅު. ވަރަށް ހިތްހަމަ ޖެހޭ. އޭގެ ކުރީ ފަހަރަށްވުރެ މާ ފުރިހަމަ ނަތީޖާތައް،" އޭނާ ވިދާޅުވިއެވެ.
އޭގެ ކުރީ އަހަރު އަހްމަދިއްޔާގެ 230 އަށް ވުރެ ގިނަ ދަރިވަރުން މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވެފައިވާއިރު 52 ދަރިވަރަކު ވަނީ ގަދަ 10ގައި ހިމެނިފައެވެ.
ހަމައެގޮތަށް ސެންޓަ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ޖުމުލަ 418 ދަރިވަރުން އެންމެ ފަހުން ބޭއްވި މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވެފައިވާއިރު ޖުމުލަ 160 ދަރިވަރުން ވަނީ ގަދަ 10ގައި ހިމެނިފައެވެ. އެއީ 40 ޕަސެންޓު ދަރިވަރުންނެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ މިއަދު "ސަން"އަށް ވިދާޅުވީ އެ ސްކޫލުން ހޯދި ނަތީޖާއަކީ މޮޅު ނަތީޖާއެއް ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރު އެ ސްކޫލްގެ ޕާސް ޕަސެންޓޭޖަކީ 90 ޕަސެންޓް ކަމަށާއި އެންމެ ފަހުގެ ޕާސް ޕަސެންޓޭޖަކީ ވެސް 90 ޕަސެންޓް ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް އުފާވޭ ޕާސް ޕަސެންޓޭޖު ވެސް އެއްވަރެއްގައި ހިފޭއްޓިފަ ހުރީމަ. އެއީ 2021 އަދި 2022 ގަވެސް 90 ޕަސެންޓްގައި ހުރީ،" އޭނާ ވިދާޅުވިއެވެ.
ދެހާސް އެކާވީސް ވަނަ އަހަރު ސީއެޗްއެސްއީގެ 480 އަށް ވުރެ ގިނަ ދަރިވަަރުން މަތީ ސާނަވީ އިމްތިހާނުތަކުގައި ބައިވެރިވެފައި ވާއިރު 140 ދަރިވަރުން ވަނީ ގަދަ 10ގައި ހިމެނިފައެވެ. އަދި އެ ފަހަރު 43 ދަރިވަރަކަށް ހައި އެޗީވާސް އެވޯޑް ލިބިފައިވާއިރު އެންމެ ފަހުން ބޭއްވި މަތީ ސާނަވީގެ އިމްތިހާނުން 51 ދަރިވަރަކަށް ހައި އެޗީވާސް އެވޯޑް ލިބޭ ކަމަށް ސޮފޫރާ ވިދާޅުވިއެވެ.
"މިހާރު ވެއްޖެ ރީޗެކަށް ލާފަ. އަޅުގަނޑު އުއްމީދު ކުރަނީ ފައިނަލް ނަތީޖާގައި އަދިވެސް ވަނަތަކުގައި ސީއެޗްއެސްއީގެ ދަރިވަރުން އިތުރުވާނެ ކަމަށް،" ސޮފޫރާ ވިދާޅުވިއެވެ.
މީގެ އިތުރުން ވިލާ އިންޓަނެޝަނަލް ހައި ސްކޫލުގެ ނަތީޖާ އަކީ ވެސް ފާހަގަކޮށްލެވެ ނަތީޖާއެކެވެ.
ވިލާގެ ޕްރިންސިޕަލް އަހުމަދު ސައީދު މިއަދު "ސަން"އަށް ވިދާޅުވީ އެ ސްކޫލުގެ 200 ދަރިވަރުން އެންމެ ފަހުން ބޭއްވި މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވެފައިވާއިރު 45 ދަރިވަރުން ގަދަ 10ގައި ހިމެނޭ ކަމަށެވެ.
މި ނަތީޖާއަކީ އޭގެ ކުރީ އަހަރުގެ ނަތީޖާއަށް ވުރެ ރަނގަޅު ނަތީޖާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަތޮޅުތެރެއިން މި ނޫހާ ވާހަކަ ދެއްކި ސްކޫލްތަކުގެ ވެރިން ވެސް ބުނީ ނިމިދިޔަ އިމްތިހާންގެ ނަތީޖާ ރަނގަޅު ކަމަށެވެ.
އެގޮތުން ށ. މިލަންދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް އާދިލް މިއަދު "ސަން"އަށް ވިދާޅުވީ 2021 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން އެ ސްކޫލަށް 100 ޕަސެންޓް ޕާސް ޕަސެންޓޭޖު ނުލިބޭ ކަމަށެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި އިމްތިހާނުގައި އެ ސްކޫލުގެ 10 ދަރިވަރަކު ބައިވެރިވެގެން 100 ޕަސެންޓް ޕާސް ޕަސެންޓޭޖު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ނަތީޖާ ތަކަކީ ފައިނަލް ނަތީޖާތަކަށް ނުވާއިރު މާދަމާގެ ނިޔަލަށް ރީޗެކަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މިހާރުވެސް ގިނަ ސްކޫލުތަކުން ރީޗެކަށް ހުށަހަޅާފައިވާއިރު މިހާރަށްވުރެ ވެސް ރަނގަޅު ނަތީޖާތަކެއް ލިބުމުގެ އުއްމީދުގައި އެ މީހުން ތިބި ކަމަށް އެ ސްކޫލުތަކުން ބުނެއެވެ.
މިދިޔަ އޮކްޓޯބަރު މަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖުމްލަ 40 ސެންޓަރެއްގައި މަތީ ސާނަވީ އިމްތިހާނު ކުރިއަށް ގެންގޮސްފައިވެއެވެ.
މި އިމްތިހާނުގައި ޖުމްލަ 2،849 ދަރިވަރުން ބައިވެރިވެފައިވާއިރު، މީގެތެރެއިން 2،785 ދަރިވަރުންނަކީ އެޑެކްސެލް އޭލެވެލްގެ މާއްދާތަކުން އިމްތިހާނު ހެދި ދަރިވަރުންނެވެ. އަދި، 1،299 ދަރިވަރުންނަކީ އެޗްއެސްސީ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނެވެ.