މިދިޔަ މަހު އިމްޕޯޓް އިތުރުވެ އާމްދަނީ ދަށަށް

މުދާ ބަރުކޮށްފައިވާ ބޯޓަކުން މުދާ ބާލަނީ: ނިމިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓްކުރި މުދަލުގެ އަގު އިތުރު ނަމަވެސް، 2021 ވަނަ އަހަރާ އަޅާބަލާއިރު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ދަށަށް --- ސަން ފައިލް ފޮޓޯ

ނިމިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓްކުރި މުދަލުގެ އަގު އިތުރު ނަމަވެސް، 2021 ވަނަ އަހަރާ އަޅާބަލާއިރު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ހިނގައްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރުގެ ޑިސެންބަރ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވެއެވެ. މިދިޔަ ޑިސެންބަރު މަހު އެ އަދަދު ވަނީ 5.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 27 އިންސައްތައިގެ ކުރިއެރުމެކެވެ.

ނަމަވެސް މިދިޔަ އަހަރުގެ ޑިސެންބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު ދެ އިންސައްތަ ވަނީ ދަށްވެފައެވެ. އެގޮތުން، 2021 ވަނަ އަހަރުގެ ޑިސެންބަރު މަހު 364 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، ފާއިތުވި މަހު އެ އަދަދު ވަނީ 356 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ، ފަރަންސޭސިވިލާތް، އޮމާން، އިންޑިއާ، ސިންގަޕޫރު އަދި ޗައިނާއިންނެވެ. ފަރަންސޭސި ވިލާތުން 766 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާނުން 754 މިލިއަން ރުފިޔާގެ މުދާ، އިންޑިއާއިން 724 މިލިއަން ރުފިޔާގެ މުދާ، ސިންގަޕޫރުން 694 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާއިން 532 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

މުދާ ބޭރުކުރި މިންވަރަށް ބަލާއިރު، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއިން 221 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ. މިދިޔަ މަހު އެކްސްޕޯޓު ކޮށްފައި ވަނީ 299 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 35 އިންސައްތަ އިތުރު އަދަދެކެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑު، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އެމެރިކާ، އަދި ފަރަންސޭސިވިލާތަށެވެ.

އެގޮތުން، ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 66 އިންސައްތަ އެކްސްޕޯޓު ކޮށްފައި ވަނީ ތައިލޭންޑަށެވެ. ހަތް އިންސައްތަ މުދާ ޖަރުމަންވިލާތަށް އެކްސްޕޯޓު ކޮށްފައިވާއިރު، އިނގިރޭސިވިލާތަށް ފަސް އިންސައްތަ އެކްސްޕޯޓުކޮށްފައިވެއެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓް ކޮށްފައި ވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.

ރާއްޖެއަށް މުދާ ހިފައިގެން 123 އުޅަނދެއް މިދިޔަމަހު ރާއްޖެ އައިސްފައިވެއެވެ. އަދި 115 އުޅަނދެއް މުދާ ހިފައިގެން ފުރާފައިވެއެވެ.

comment ކޮމެންޓް