ކިންގް ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވެފައި ހުންނަތާ ތިން މަސް ދުވަސް ވެފައިވާއިރު އެކަން އަދިވެސް ހައްލު ނުކޮށް، އެކަމުގެ ފަހުގެ މައުލޫމާތު ދޭން އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފިއެވެ.
ރީތި، ތަނަވަސް، ސަލްމާން މިސްކިތަށް އާއްމުކޮށް ވެސް ނަމާދަށް ގިނަ ބަޔަކު އަރައެވެ. ހާއްސަކޮށް ހުކުރު ނަމާދަށް ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ އެ މިސްކިތަށް ދެއެވެ. އޭސީގެ މައްސަލަ މިހާ ދުވަސްވީއިރު ވެސް ހައްލު ނުވެ އޮތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.
އިސްލާމިކް މިނިސްޓްރީން ކުރިން ބުނީ ރާއްޖެއިން އެ އޭސީ ޔުނިޓުތަކުގެ މަރާމާތަށް ބޭނުންވާ ތަކެތި ނުލިބުނު ކަމަށެވެ. އޭގެ ފަހުން އޭސީ މަރާމާތުކުރަން ތާރީޚަކަށް ފަހު ތާރީޚެއް އިސްލާމިކް މިނިސްޓްރީން ދަނީ ދެމުންނެވެ.
ސަލްމާން މިސްކިތުގެ އޭސީ މަރާމާތުކުރުމަށް ތުރުކީގެ އެކްސްޕާޓުންނާއެކު މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 13ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ.
އެ މަސައްކަތް ލަސްވުމާ ގުޅިގެން "ސަން"އިން މިދިޔަ ހޯމަ ދުވަހު ސުވާލު ކުރުމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު އިސްމާއީލް އަފްރާހު ވިދާޅުވީ އޭސީ މަރާމާތުކުރާ މީހުންގެ ތެރެއިން އެއްބަޔަކު މިދިޔަ ހަފުތާ އާދިއްތަ ދުވަހު ރާއްޖެއައި ކަމަށެވެ.
އެ މީހުން އޭސީތައް މަރާމާތުކުރުމުގެ ބައެއް މަސައްކަތްތައް ކުރިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އިތުރު ގުރޫޕެއް މި ހަފުތާ ކުރީކޮޅު އައިސް މައްސަލަ ހައްލު ކުރާނެ ކަމަށް އަފްރާހް ކުރިން ވިދާޅުވިއެވެ.
އެ ވިދާޅުވި މީހުން ރާއްޖެއައިތޯ އާއި މިހާރު މައްސަލަ ހައްލު ކުރެވިއްޖެތޯ ބެލުމަށް މި ނޫހުން ތަކުރާރުކޮށް އަފްރާހްއާ އެތައް ފަހަރަކު ގުޅައި ވާނީ މެސެޖް ކޮށްފައެވެ. ނަމަވެސް އޭގެން އެއްވެސް ކޯލަކަށް ވެސް އަދި މެސެޖަކަށް ވެސް އޭނާ ޖަވާބެއް ނުދިނެވެ.
އޭސީތައް ހަލާކުވެފައި ހުރުމުން ނަމާދުކުރާ އެއްވެސް ބަޔަކަށް ފިނި ނުވާއިރު ވެންޓިލޭޝަން ރަނގަޅު ނަމަވެސް އެ ތަނުގައި މެންދުރު ވަގުތު ހުންނަނީ ހޫނުގަދަވެ އުދާސްވެފައެވެ.
ކިންގް ސަލްމާން މިސްކިތަކީ، ރައީސް ޔާމީން ސަރުކާރުގައި ސައުދީ އަރައްބިއްޔާގެ ފަރާތުން ހިލޭ އެހީގެ ދަށުން އިމާރާތްކޮށްފައިވާ ހަ ފަންގިފިލާގެ އިމާރާތެކެވެ.
މި ސަރުކާރުގައި ސަލްމާން މިސްކިތް ހުޅުވި ނަމަވެސް، އެ މިސްކިތް ހުޅުވުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ތާރީޚަކަށްފަހު ތާރީޚެއް ދީފައެވެ.