މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ފައިނޭންސިން ފެސިލިޓީއެއްގެ ދަށުން ރައްޔިތުުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިންމަނިކާއި އޭނާގެ ބޭބެ އިނާން ހުސެއިންމަނިކު، ނަގާފައިވާ ފައިސާ ނުދެއްކުމުގެ ސަބަބުން އެކަމާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާ އިތުރަށް ކުރިޔަށް ނުގެންދިޔުމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ސިވިލް ކޯޓުން ބުނީ ނިހާން އާއި އިނާންގެ މައްޗަށް ކޮށްފައިވާ ދައުވާ އިތުރަށް ކުރިޔަށް ނުގެންދިޔުމަށް ނިންމާފައިވަނީ އެ ބޭންކުން ހޯދުމަށް އެދިފައިވާ ފައިސާ އެކުގައި ދައްކާ، ޚަލާސް ކޮށްފައިވާ ކަމަށް ބުނެ، އެމްއައިބީން އެ ދައުވާ އަނބުރާ ގެންދިޔުމަށް އެދިފައިވާތީ ކަމަށެވެ.
އެ މައްސަލައަކީ ޝަރުތުތަކާ އެއްބަސްވެ، 2016 ވަނަ އަހަރު "ޑިިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން" ފެސިލިޓީގެ ދަށުން ނިހާން އާއި އިނާންއަށް ދޫކުރި ހަތަރު މިލިޔަން ރުފިޔާ އެއްބަސްވުމާ އެއްގޮތަށް ނުދެއްކުމާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.
އެކަމާ ގުޅިގެން އެމްއައިބީ އިން ވަނީ އެ ފެސިލިޓީގެ ފައިސާ އާއި މަހުންމަހަށް އަރަމުންދާ 'މަންތުލީ ރެންޓަލް' ފައިސާއާ ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާ އެކުގައި އެއްފަހަރާ ނުދެއްކޭނަމަ، އެ ފެސިލިޓީއާ ގުޅިގެން ރަހުނު ކޮށްފައިވާ ޕްލެޓިނަމް ރެޒިޑެންސްގެ އެޕާޓްމަންޓު ވިއްކާލުމުގެ ހުއްދައަށް ކޯޓުގައި އެދިފައެވެ.
ނަމަވެސް އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނިކޮށް އެ ފެސިލިޓީގެ ދަށުން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ނިހާންއާއި އިނާން ދެއްކުމުން، އެމްއައިބީން ވަނީ މައްސަލަ އަނބުރާ ގެންދަން ކޯޓުގައި އެދިފައެވެ. ވުމާއެކު އެ މައްސަލަ ބާތިލު ކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެ ދައުވާ އަނބުރާ ގެންގޮސްފައިވާއިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދީބު ދިން ރިޝްވަތުގައި ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގުން ހާމަވެފައިވާ ކަމަށް ބުނެ ޕީޖީ އޮފީހުން ވެސް ވަނީ ނިހާނުގެ މައްޗަށް ދައުވާ ކޮށްފައެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.