އިންޑިއާ މީހުން އެމެރިކާގެ ވިސާއަށް މަޑުކުރަންޖެހޭ މުއްދަތު ކުރު ކުރުމަށް ފިޔަވަޅުތައް އަޅަނީ

އިންޑިއާގައި ހުންނަ އެމެރިކާގެ އެމްބަސީއާއި އެ ކުންފުނީގެ ކޮންސިއުލޭޓްތަކުން ވިސާ އަށް މަޑުކުރަންޖެހޭ މުއްދަތު ކުޑަކުރަނީ -- ފޮޓޯ/ ގެޓީ އިމޭޖަސް

އިންޑިއާގެ ރައްޔިތުން އެމެރިކާގައި ދިރިއުޅުމަށާއި މަސައްކަތް ކުރުމަށް ހުއްދަދޭ ވިސާއަށް މަޑުކުރަންޖެހޭ މުއްދަތު ކުޑަކުރުމުގެ ގޮތުން، އިންޑިއާގައި ހުންނަ އެމެރިކާގެ އެމްބަސީއާއި އެގައުމުގެ ކޮންސިއުލޭޓްތަކުން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

އިންޑިއާގެ ރައްޔިތުންގެ ތެރެއިން އެމެރިކާގެ ވޯކް ވިސާއަށް އެދޭ މީހުން ވިސާ ލިބެންދެން މިހާރު މަޑުކުރަން ޖެހޭ މުއްދަތަކީ 60 ދުވަހާއި 280 ދުވަހާއި ދެމެދުގެ މުއްދަތެކެވެ. އަދި އެގައުމުގައި ދިރިއުޅެންދާ މީހުން ގާތްގަނޑަކަށް ދޮޅު އަހަރު ދުވަހުގެ މުއްދަތަކަށް ވިސާއަށް އިންތިޒާރު ކުރަން ޖެހެއެވެ.

އެއާޚިލާފަށް އޭޝިއާގެ ބެއިޖިން އާއި ކޮލަމްބޯ ފަދަ ސިޓީތަކުގެ މީހުންނަށް ގާތްގަނޑަކަށް 30 ދުވަހާއި 35 ދުވަހުގެ ތެރޭގައި އެމެރިކާގެ ވިސާ ލިބޭ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ލަފާކުރެއެވެ.

އިންޑިއާގައި ހުންނަ ޔޫއެސް މިޝަނުން ބުނީ އިންޑިއާގައި ދޭ ޚިދުމަތްތަކަށް ކޯވިޑް-19ގެ ސަބަބުން ބުރޫ އަރައި، މަސައްކަތްތައް ފުނިޖެހިފައިވާ ކަމަށެވެ. އެކަމުގެ އަސަރު އިންޑިއާގެ ބައެއް ވިޔަފާރިތަކުގެ އިތުރުން އެމެރިކާގައި ދިރިއުޅެ، މަސައްކަތް ކުރުމަށް ވިސާއަށް ބަރޯސާވާ އެތައް ހާސް އިންޑިއާގެ ރައްޔިތުންނަށް ކޮށްފައިވާ ކަމަށް އެ މިޝަނުން ބުންޏެވެ.

މުމްބާއީގެ ކޮންސިއުލާ ޗީފް ޖޯން ބެލާޑް އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، އިންޑިއާގެ އެކި ކަންކޮޅުތަކުގައި ކޮންސިއުލާ ޓީމުތަކުން އަންނަނީ ދަތުރުވެރިންގެ ބޭނުންތައް ފުއްދައި، ވިސާއަށް މަޑުކުރާ ވަގުތު ކުޑަކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެއީ އެމެރިކާއަށް ދަތުރުފަތުރު ކުރުމަށް ފަސޭހަކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫއެސް މިޝަނުން ބުނެފައި ވަނީ ދިއްލީގައި ހުންނަ އެމްބަސީތަކާއި މުމްބާއީ، ޗެންނާއީ، ކޮލްކަތާ އަދި ހައިދަރުއާބާދުގައި ހުންނަ ކޮންސިއުލޭޓްތަކުން ދެން ހޮނިހިރު ދުވަހުވެސް ޚިދުމަތް ދޭނެ ކަމަށާއި އެގޮތުން، ވިސާ އިންޓަވިއުއަށް ކޮންސިއުލޭޓަށް ދާން ޖެހޭ މީހުންނަށް އެ ފުރުސަތު ދޭނެ ކަމަށް ބުންޏެވެ.

އެއާއެކު، މުމްބާއީގައި ހުންނަ ކޮންސިއުލޭޓް ޖެނެރަލް ވެސް ވަނީ އެ ކޮންސިއުލޭޓުން އިތުރު އެޕޮއިންޓްމަންޓްތަކަށް ޖާގަ ދިނުމުގެ ގޮތުން ހަފުތާ ބަންދުގައި ޚިދުމަތް ދޭނެކަން އިއުލާންކޮށްފައެވެ.

އެ މިޝަނުން ވަނީ، އިންޑިއާގެ އޮފީސްތަކުގެ ދާއިމީ ކޮންސިއުލާ އޮފިސަރުންގެ އަދަދު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަރަށް އަވަހަށް އިތުރުކުރާނެ ކަމަށް ބުނެފައެވެ. އަދި އަންނަ މާޗު މަސް ޖެހެންވާއިރަށް، ކޮންސިއުލޭޓްތަކުގެ މަސައްކަތް އަވަސް ކުރުމަށް ޓަކައި ވަގުތީ ކޮންސިއުލާ އޮފިސަރުން ވެސް އައްޔަން ކުރާނެ ކަމަށް މުމްބާއީގެ އެމެރިކާ މިޝަންއިން ބުންޏެވެ.

މަސްދަރު: ބީބީސީ

comment ކޮމެންޓް