ރާއްޖޭގެ ޖަލުތަކުގައި ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކާއި އަނިޔާތައް ކޮށްފައިވާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ސިއްރުކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އަޑުއެހުންތަކާ ގުޅިގެން ބާއްވާ ޕްރީ-ވިޒިޓް ދަތުރު ނިންމާލައިފިއެވެ.
އެގޮތުން މިމަހުގެ 19 ވަނަ ދުވަހު އެ އޮފީހުގެ ޓީމެއް ވަނީ މާފުށީ ޖަލަށް ޒިޔާރަތްކޮށް، އެ އަޑުއެހުންތަކުގައި ބަޔާންދިނުމަށް ނަން ނޯޓުކުރި މީހުންގެ ތެރެއިން ޝޯޓްލިސްޓްކޮށްފައިވާ މީހުންނާ ބައްދަލުކޮށްފައެވެ.
އެ އޮފީހުން ބުނީ މި ބައްދަލުވުންތައް ބާއްވާފައިވަނީ އާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދާ އަޑުއެހުންތަކާ ގުޅޭގޮތުން ބަންދުގައި ތިބި މީހުންނަށް މައުލޫމާތު ދިނުމާއި، އެމީހުންގެ ހާލަތު ދެނެގަނެ އެއަޑުއެހުންތަކުގައި ބަޔާން ދިނުމަށް އިއުތިރާޒެއް ނެތްކަމުގެ އިގުރާރާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށެވެ.
އަދި، އިގުރާރުގައި ސޮއި ކުރުމުގެ އިތުރުން، އަޑުއެހުންތަކުގައި ބަޔާންދޭ މީހުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް ވެސް އެފަދަ މީހުންނަށް ވަނީ ކިޔައިދީފައެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބޭއްވި ޕްރީ ވިޒިޓް ބައްދަލުވުންތަކުގެ ތެރެއިން / ފޮޓޯ: އޯޓީޖޭ
މި ދަތުރުގައި ޖުމްލަ 26 މީހަކާ އެއޮފީހުން ބައްދަލުކޮށްފައިވެއެވެ.
ރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާކަމަށް ހުށަހެޅިފައިވާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކާއި އަނިޔާތަކާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭ ކްލޯޒްޑް ހިއަރިން ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ.
އެގޮތުން، މިއަޑުއެހުންތަކުގެ ފުރަތަމަ ބައި މާފުށީ ޖަލުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ދެވަނަ އަޑުއެހުން ކުރިއަށްދާނީ މާލޭ ސިޓީގެ އިތުރުން އައްސޭރި ޖަލުގައެވެ. މާފުށީ ޖަލުގައި ކުރިއަށްގެންދާ އަޑުއެހުމުގައި ބަޔާންދިނުމަށް 37 މީހުން ނަން ނޯޓުކޮށްފައިވެއެވެ.
މީގެއިތުރުން، މާލޭގައި ބާއްވާ އަޑުއެހުމުގައި 11 މީހުން، އަދި އައްސޭރި ޖަލުގައި ދެ މީހުން ވަނީ ބަޔާންދިނުމަށް ނަން ނޯޓުކޮށްފައެވެ.