މިއީ ޕާޓީއަށް ސިޔާސީ ގޮތުން އެންމެ ކާމިޔާބު ދައުރު: އަދާލަތު

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: ހޯމް މިނިސްޓަރު އިމްރާން އަބްބްދުﷲ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ މި ދައުރަކީ އަދާލަތު ޕާޓީއަށް ސިޔާސީ ގޮތުން އެންމެ ކާމިޔާބު ފަސް އަހަރުކަމަށް އެ ޕާޓީން ބުނެފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުުޅިގެން އަދާލަތު ޕާޓީން ނިންމާނެ ނިންމުމަކާ ގުޅޭ ގޮތުން ސުވާލުކުރުމުން އެ ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު "ސަން"އަށް ވިދާޅުވީ މީގެ ކުރީގެ ރިޔާސީ ދައުރުތަކުގައި ކުރެވުނު ތަޖުރިބާތަކަށްވުރެ މި ދައުރުގައި ކުރެވުނު ތަޖުރިބާ ތަފާތުކަމަށެވެ.

"އަޅުގަނޑުމެން ދެކެނީ މި ނިމިގެންދާ ރިޔާސީ ދައުރަކީ އަދާލާތު ޕާޓީއަށް ވެސް ހަމަ ކާމިޔާބު ރިޔާސީ ދައުރެއްކަމަށް. އެދޭ ގޮތަށް ހުރިހާ ކަމެއް ތަރުތީބުވެގެން ނުދިޔަޔަސް، ކުރިއަށް މިއޮތީ މުޅިން އާ ދައުރެއް،" ނަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީން އެންމެ އިސްކަން ދޭ ދެ ކަމަކީ ދީނީ ވަހްދަތު ދެމެހެއްޓުމާއި، ގައުމުގައި ހިނގާ ނުރަނގަޅު ކަންކަމަށް ބަސްބުނުމެވެ.

އެހެންކަމުން ދެން އަންނަ ދައުރުގައި ވެސް އަދާލާތު ޕާޓީން ގޮތެއް ނިންމާނީ އެ ދެ ކަމަށް ބެލުމަށްފަހުކަމަށް ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ އަދި އެއްވެސް ޕާޓީއަކާއެކު ކުރިއަށްދާނީތޯ ނުވަތަ ނުދާނީތޯ ނުނިންމާކަމަށެވެ. އެކަމާ މަޝްވަރާކޮށް ގޮތެެއް ނިންމާނެކަމަށް ވެސް ނަޒީރު ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބާ ދޭތެރޭގައި، އަދި އެބައޮތް ހަމަ ރަނގަޅަށް ކެމްޕޭން ފަށައިގެން މަސައްކަތްކުރަން ބަލާނަމަ ހަތަރު ފަސްވަރަކަށް މަސް. އެ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން ދެކެން ސިޔާސީ މަސްރަހު ކިތަންމެ ގޮތަކަށް ފުރޮޅިދާނެކަމަށް. އަޅުގަނޑުމެން ވެސް މި ދަނީ ދިރާސާކުރަމުން،" ނަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވަކި ލީޑަރަކު ވަކި ޕާޓީއެއް ހިންގަން ހުންނެވުމަކީ އެ ޕާޓީއަކާއެކު މަސައްކަތް ނުކުރެވެންވީ ސަބަބެއް ނޫންކަމަށެވެ.

ނަމަވެސް އެކުގައި މަސައްކަތްކުރަން ނިންމާއިރު ބަލާނެ ގިނަ ކަންތައްތަކެއް ހުންނާނެކަމަށް ނަޒީރު ވިދާޅުވިއެވެ.

މި ދައުރާ މެދު އަދާލަތުން ހިތްހަމަޖެހޭކަމަށް ބުނާއިރު، މި ސަރުކާރުގެ މުހިންމު މަގާމުތަކުގައި ތިއްބެވީ އެ ޕާޓީގެ މެމްބަރުންނެވެ. އެގޮތުން ހޯމް މިނިސްޓަރުކަމުގައި ހުންނެވީ އަދާލަތުގެ ރައީސް އިމްރާން އަބްދުﷲއެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވަނީ ނަޒީރެވެ. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފަކީ އެ ޕާޓީއަށް ނިސްބަތްވާ އަލީ ޒާހިރެވެ. ހަމައެއާއެކު އިސްލާމިކް މިނިސްޓްރީގެ ހިންގުން ވެސް އޮތީ އެ ޕާޓީގެ އަތުގައެވެ.

އަދާލަތު ޕާޓީން މީގެ ކުރިން ރަސްމީ ސިފައެއްގައި ކޯލިޝަނެއްގައި މަސައްކަތްކުރީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެރިކަމަށް ގެނައުމަށެވެ.

އެމަނިކުފާނު އިންތިޚާބުވެވަޑައިގަތުމަށްފަހު މާ ގިނަ ދުވަސްތަކެއްނުވެ، ވެރިކަންކުރުމުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން އެ ކޯލިޝަން ރޫޅުނީއެވެ.

އޭގެ ފަހުން އަދާލަތުން 2018ވަނަ އަހަރު އެމްޑީޕީއާއެކު ކޯލިޝަން ހަަދައި، ގުޅިފައިވާ އިއްތިހާދުގެ ޕާޓީގެ ކެނޑިޑޭޓުގެ މަގާމުގައި ހުންނެވި، މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ހޮވުމަށް ޓަކައި މަސައްކަތްކުރިއެވެ.

މި ދައުރު ނިމެން އަންނައިރު އަދިވެސް ކޯލިޝަން ރޫޅިފައެއްނުވެއެވެ.

comment ކޮމެންޓް