ކުރިއަށް އޮތް 48 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކުރާނެ: މެޓް

ޖުލައި 7، 2021: މާލެއަށް ބޯކޮށް ވާރޭ ވެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓުން މިއަދު "ސަން"އަށް ބުނީ މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުުގުރުން އެކަށީގެން ވާ ކަމަށެވެ.

އެގޮތުން އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުތުރާއި އިރު އިތުރުން ގަޑިއަކު އަށް މޭލާއި 18މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ދެކުނު އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

ކަނޑުތައް ވެސް ދެކުނުގެ އަތޮޅުތަކަށް ފިޔަވައި އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސް މިނުގައި ދެ ފޫޓާއި ހަ ފަސް ފޫޓު ހުންނާނެ ކަމަށާއި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިއަދު ހެނދުނު 06:30 އިން މިއަދު މެނދުރު 12:00އަށް ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.

މެޓުން ބުނިގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެއެވެ.

އެގޮތުން މުޅި ރާއްޖެއަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބަހަކަށް ވެސް އެވްރެޖު ގޮތެއްގައި 35 މޭލަށް ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ވައި ގަދަ ވާނެ ކަމަށް މެޓުން ބުންޏެވެ.

މެޓުން ބުނީ ކުރިއަށް އޮތް 48 ގަޑިއިރުގެ ފަހުން މޫސުން ކުޑަކޮށް އަލިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

comment ކޮމެންޓް