އެމެރިކާގައި 10 މީހަކު މަރާލި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

އެމެރިކާގެ ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ މޮންޓެރީ ޕާކު -- ފޮޓޯ/ ރޮއިޓާސް

އެމެރިކާގެ ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ މޮންޓެރީ ޕާކުގައި ޗައިނާގެ އާ އަހަރު ފާހަގަ ކުރަން ބޭއްވި ޕާޓީއެއްގައި ބަޑި ޖަހައި، 10 މީހަކު މަރާލުމަށްފަހު ފިލި މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ ހާދިސާ ހިނގި، މޮންޓެރީ ޕާކުގެ ހުޅަނގު ދެކުނުގައި އޮންނަ ޓޮރެންސް ޓައުންގައި ޕާކުކޮށްފައި އޮތް އެމީހާގެ ކާރުގެ ތެރެއިންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ހަމަލާދިން މީހާއަކީ އުމުރުން 72 އަހަރުގެ، ހޫ ކޭން ޓްރޭން ނަމަކަށް ކިޔާ ފިރިހެނެކެވެ.

ބޭރުގެ ރިޕޯޓްތަކުން ބުނާ ގޮތުގައި ފުލުހުން އޭނާގެ ކާރު ހޯދާ، ކާރު ވަށާލުމާއެކު ޓްރޭން ވަނީ އަމިއްލަ ގަޔަށް ބަޑި ޖަހާފައެވެ. އެއާއެކު އޭނާ ވަގުތުން މަރުވެފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ޓްރޭން ފެނިފައި މިވަނީ، ފުލުހުން އޭނާ ހޯދަމުންދާތާ އެއް ދުވަސް ފަހުންނެވެ. ޓްރޭން މި ހަމަލާ ދިން ސަބަބެއް އަދި ސާފު ވެފައެއް ނުވެއެވެ.

ޓްރޭން ވަނީ މޮންޓެރީ ޕާކުގައި ހުރި އިމާރާތެއްގައި އެ ސަރަހައްދުގައި ދިރިއުޅޭ މީހުން އާ އަހަރު ފާހަގަ ކުރަމުން ދަނިކޮށް، މީހުންތަކުގެ ތެރެއަށް ބަޑި ޖަހާފައެވެ.

މި ހަމަލާގައި އިތުރު 10 މީހުން ޒަހަމް ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ހާދިސާގައި މަރުވެފައި ވަނީ ފަސް އަންހެނުންނާއި، ފަސް ފިރިހެނުންނެވެ.

މޮންޓެރީ ޕާކު ގައި ބަޑި ޖަހާ 10 މީހުން މަރާލި ހޫ ކޭން ޓްރޭން -- ފޮޓޯ/ ރޮއިޓާސް

ލޮސް އެންޖެލެސް ކައުންޓީ ޝެރިފް ރޮބަޓް ލޫނާ ވިދާޅުވީ އެ ހާދިސާގައި މަރުވި މީހުންނަކީ އުމުރުން 50 އަހަރުން މަތީގެ މީހުން ކަމަށެވެ.

ރިޕޯޓްތަކުގައިވާ ގޮތުން، އެ ހަމަލާދިނުމަށްފަހު ޓްރޭން ދިޔައީ އެ ސަރަހައްދާ 20 މިނެޓް ދުރުގައި ހުރި އިމާރާތަކަށެވެ. ނަމަވެސް އެ އިމާރާތުގައި ތިބި މީހުން ވަނީ އޭނާގެ އަތުން ބަޑި އަތުލާފައެވެ. އެއަށްފަހު ޓްރޭން ވަނީ އެތަނުން ވެސް ފިލާފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި ޓްރޭންގެ އަތުގައި ސެމީ އޮޓޮމެޓިކް ބަޑިއަކާއި، ވަރަށް ގިނަ ވަޒަންވެސް ހުއްޓެވެ.

ޝެރިފް ވިދާޅުވީ ޓްރޭން ބޭނުންކުރި ބަޑިއަކީ ކެލިފޯނިއާގައި ބޭނުން ކުރުން މަނާ ބާވަތުގެ ބަޑިއެއް ކަމަށެވެ.

އެ ހަމަލާއާ ގުޅިގެން ހިތާމަ ފާޅުކުރުމުގެ ގޮތުން ސަރުކާރުގެ ހުރިހާ އިމާރާތެއް ބައި ދަނޑިއަށް ދިދަ ތިރިކުރުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އަންގަވާފައެވެ.

މޮންޓެރީ ޕާކުގެ އާބާދީ 61،096އަށް އަރާއިރު އެ ސިޓީގެ 65.6 އިންސައްތަ މީހުންނަކީ އޭޝިއާ ދަރިކޮޅުގެ މީހުން ކަމަށް އެ ސިޓީގެ 2020 ވަނަ އަހަރުގެ ތަފާސްހިސާބުން ދައްކައެވެ.

comment ކޮމެންޓް