އެމެރިކާގެ ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ މޮންޓެރީ ޕާކުގައި ޗައިނާގެ އާ އަހަރު ފާހަގަ ކުރަން ބޭއްވި ޕާޓީއެއްގައި ބަޑި ޖަހައި، 10 މީހަކު މަރާލައިފިއެވެ.
އެ ހާދިސާ ހިނގީ ހޮނިހިރު ދުވަހުގެ ރޭ ގަޑިން ގާތްގަނޑަކަށް 22:20 ހާއިރެވެ.
ކެލިފޯނިއާގެ މަޝްހޫރު ލޮސް އެންޖެލެސް ސިޓީ ކައިރީ އޮންނަ މޮންޓެރީ ޕާކަކީ މުޅި އެމެރިކާގައި ވެސް، އޭޝިއާ ދަރިކޮޅުގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އެއް ސިޓީއެވެ.
އެ ހަމަލާއާ ބެހޭ ގޮތުން ލޮސް އެންޖެލެސް ކައުންޓީ ޝެރިފް ރޮބަޓް ލޫނާ ވިދާޅުވީ އެ ހަމަލާ ދިން މީހާ އަދި ނުހޯދޭ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ހަމަލީ ދިން ސަބަބެއް ވެސް ޔަގީންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހާދިސާގައި 10 މީހަކަށް އަނިޔާވެފައިވާ އިރު އޭގެ ތެރެއިން އެކަކު ހާލު ކްރިޓިކަލް ކަމަށް ރިޕޯޓުތަކުގައިވެއެވެ.
އެ މައްސަލަ ތަހުގީގު ކުރަނީ އެފްބީއައިގެ ލޮސް އެންޖެލިސް ފީލްޑް އޮފީހާއި ލޮސް އެންޖެލިސް ކައުންޓީ ޝެރިފްސް ޑިޕާޓްމަންޓާއި ހޮމިސައިޑް ބިއުރޯ އާއި މޮންޓެރީ ޕާކް ޕޮލިސް ގުޅިގެންނެވެ.
ފުލުހުން ބުނާ ގޮތުގައި ހަމަލާ ދިން މީހާއާ ހާދިސާގައި މަރުވި މީހުންނާ ގުޅުމެއްވާ ކަމަށް ބުނަން އަދި މާ އަވަހެވެ.
ޗައިނީސް އާ އަހަރު ފާހަގަ ކުރުމަށް މޮންޓެރީ ޕާކްގައި ބޭއްވި ފެސްޓިވަލަށް އެތައް ހާސް ބަޔަކު އެއްވިއެވެ.
ދެ ދުވަހަށް ކުރިއަށްގެންދަން ރާވާފައި އޮތް އެ ފެސްޓިވަލަކީ އެ މުނާސަބަތާ ގުޅުވައިގެން ދެކުނު ކެލިފޯނިއާގައި ބާއްވާ އެންމެ ބޮޑު އެއް ހަފުލާއެވެ.
އެހެންނަމަވެސް ބަޑީގެ ހަމަލާއާ ގުޅިގެން އެ ފެސްޓިވަލް ވަނީ ކެންސަލްކޮށްފައެވެ.
މޮންޓެރީ ޕާކުގެ އާބާދީ 61،096އަށް އަރާއިރު އެ ސިޓީގެ 65.6 އިންސައްތަ މީހުންނަކީ އޭޝިއާ ދަރިކޮޅުގެ މީހުން ކަމަށް އެ ސިޓީގެ 2020 ވަނަ އަހަރުގެ ތަފާސްހިސާބުން ދައްކައެވެ.