މަތީ ތައުލީމަށް ދޫކުރި ލޯނުތަކުގެ ތެރެއިން ދައުލަތަށް 1.9 ބިލިއަން ރުފިޔާ ލިބެންޖެހޭ

ފެބްރުއަރީ 17، 2020: މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑރ. އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

މަތީތައުލީމު ހާސިލްކުރުމަށް ދަރިވަރުންނަށް އެކި ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން 2021 ވަނަ އަހަރުގެ ނިޔަލަށް 1.9 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހޭކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުގެ 2021 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ލޯނުތަކަށް އަނބުރާ ލިބެންޖެހޭ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތްކޮށްފައި ނުވާކަމަށެވެ. އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބަލަހައްޓާ ލޯނުތަކަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ސައްހަކަންވެސް ކަށަވަރުވެފައި ނުވާކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މި ރިޕޯޓުގައިވާގޮތުން 2021 ވަނަ އަހަރުގެ ނިޔަލަށް އެކި ސްކީމްތަކުން މަތީތައުލީމަށް ދޫކޮށްފައިވާ ލޯނުތަކުން އަނބުރާ ނުލިބިހުރި (އޯވަޑިއު) ފައިސާގެ ގޮތުގައި ޖުމްލަ 186،477،740 ރުފިޔާ ހުރިކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މާލީބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ ތެރެއިން އެ މިނިސްޓްރީން މެނޭޖުކުރާ ލޯނުތަކުގެ ރެކޯޑުތައް ބެލެހެއްޓުމަށް އިންޓާނަލް ކޮންޓްރޯލްތައް ގާއިމްކޮށްފައި ނެތުމުންނާއި، އެކަށީގެންވާގޮތަށް ހިސާބުތައް ބަލަހައްޓާފައި ނެތުމުން، އެ ސްކީމްތަކުގެ އޯވަޑިއުގެ ގޮތުގައި ބަޔާންކޮށްފައިވާ 105.3 މިލިއަން ރުފިޔާއަކީ އެ އަހަރުގެ ނިޔަލަށް އެ ސްކީމުން ލިބެންޖެހޭ ފައިސާގެ ސައްޙަ އަދަދުކަން ކަށަވަރު ކުރެވެން ނެތްކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުގެ ނިޔަލަށް ހަޔާ އެޑިއުކޭޝަނުން ލޯނުނަގާފައިވާ ފަރާތްތަކުން ލިބެންޖެހޭ ފައިސާގެ އަދަދު އުޅެނީ 2.5 ބިލިއަން ރުފިޔާގައެވެ. މީގެ ތެރެއިން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ލިބެންޖެހޭ ފައިސާގެ އަދަދު އުޅެނީ 1.9 ބިލިއަން ރުފިޔާގައެވެ. އަދި މީގެ ތެރެއިން ނުދައްކާ (އޯވަޑިއު)ގެ ގޮތުގައި ލިބެންޖެހޭ އަދަދު އުޅެނީ 186.4 މިލިއަން ރުފިޔާގައެވެ.

މިކަމާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ، އެއްބަސްވުމާ ހަމަޔަށް ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް 2021 ވަނަ އަހަރު އެއްވެސް މަސައްކަތްތަކެއް ކޮށްފައިނުވާކަމަށެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަ ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް ޝަރީއަތަށް ހުށަހަޅާފައި ނުވާކަމަށްވެސް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ހަޔާ އެޑިއުކޭޝަނުގެ 2021 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ޕަބްލިކް ބޭންކް އެކައުންޓު ނޫން އެކައުންޓުތަކުގައި ފައިސާ ބަހައްޓާފައިވާ މައްސަލަވެސް ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް އެކި އެކައުންޓްތަކުގައި ބަހައްޓާފައިހުރި ފައިސާގެ ޖުމްލަ އަދަދު 44.1 މިލިއަން ރުފިޔާއަށް އަރައެވެ.

comment ކޮމެންޓް