ވިލިނގިއްޔާއި ރަސްދޫން ޑުރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުން އަތުލާފައިވާ ޑުރަގު ---

ގއ. ވިލިނގިއްޔާއި އއ. ރަސްދޫގައި އޮޕަރޭޝަންތަކެއް ހިންގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 32 އަހަރާއި 43 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން ވިލިނގިލީގެ އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުން ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި މަހުގެ 18 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 32 އަހަރުގެ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 36 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.

ރަސްދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މިމަހު 20 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 43 އަހަރުގެ މީހާ އެރަށު ބަނދަރު ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެމީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހައިދީފައެވެ.

comment ކޮމެންޓް