ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކަކަށް އެެތެރެވުމަށް ސައްޙަ ނޫން ވިސާ ޖަހައިދިން މައްސަލައެއްގައި ބަންގްލަދޭޝްގެ ފުލުހުން ހަ މީހަކު ހައްޔަރުކޮށްފިއެވެ.
އެ ގައުމުގެ ޑާކާ މެޓްރޮޕޯލިޓަން ޕޮލިހުގެ ސައިބާ އެންޑް ސްޕެޝަލް ކްރައިމް ޔުނިޓުން އެކަމާ ގުޅުން ހުރި ޚާއްސަ ތަހުގީގެއް ފެށީ ޑާކާގައި ހުންނަ އެމެރިކާގެ އެމްބަސީން ވަގު ވިސާ ދޫކުރިކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހެޅުމާއެކުއެވެ.
އެ މީހުން ހައްޔަރުކުރި އިރު އެ މީހުން އަތުންވަނީ ނަކަލު ކުރަން ގެންގުޅުނު ތައްގަނޑާއި، ޕާސްޕޯޓުތައް ވެސް ހޯދައިފައެވެ.
އެކަމާ ގުޅިގެން ބަންގްލަދޭޝްގެ މީޑިއާތަކަށް މައުލޫމާތު ދެމުން ޑާކާ މެޓްރޯޕޮލިޓަން ޕޮލިސް، ސައިބާ އެންޑު ސްޕެޝަލް ކްރައިމް ޔުނިޓުގެ ޑެޕިއުޓީ ކޮމިޝަނަރު، މުހައްމަދު ތާރިގު ބިން ރާޝިދު ވިދާޅުވީ، ވިސާއަށް ހުށަހަޅައިދިނުުމުގެ މަސައްކަތް ކުރަމުން އައި އެ މީހުންގެ އޭޖެންސީތަކުން ބައެއް ގައުމުތަކުގެ ސައްޙަ ނޫން ސީލްތައް ޖަހަފައިވާ ޕާސްޕޯޓުތައް ވިސާއަށް އެދި ހުށަހަޅާފައިވާކަމަށެވެ.
އޭގެ ތެރޭގައި ދިވެހިރާއްޖެ، މެލޭޝިއާ އަދި ކެމްބޯޑިއާގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ޕާސްޕޯޓުތައް ހިމެނޭކަމަށް އޭނާއާ ހަވާލާދީ ބީޑީ ނިއުސް24ގައި ވެއެވެ.
ފޭކް ވިސާ ޖަހައިދިނުމަށް ޓަކައި އެކަން ކުރަން ހަވާލުކުރާ ކޮންމެ މީހެއްގެ އަތުން އެއް މިލިއަން ނުވަަތަ 1.5 މިލިއަން ޓާކާ އާހަމައަށް ފައިސާ ނަގަމުން އައި ކަން ވެސް މިހާތަނަށް ކުރި ތަހުގީގުންވަނީ ހާމަވެފައެވެ.