ޤުރުއާން އަންދަން ހުއްދަ ދިނުން ސަރުކާރުން ކުށްވެރި ކޮށްފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދީ، ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް ހިންގި އެ ހުތުރު އަމަލު ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ކީރިތި ޤުރުއާން އެންދުމަށް ސްވިޑްންގެ ހަރުކަށި ސިޔާސީ ފަރާތްތަކުން އިއްޔެ ވަނީ އެއްވުމެއް ބާއްވާފައެވެ. އެ އެއްވުން ބާއްވާފައި ވަނީ ސްވިޑްން ސަރުކާރުގެ ހުއްދައާއެކުގައެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްދުފަހަނައަޅާފައިވާ ސިޔާސީ ޕާޓީ ސްޓްރެމް ކުރުސްގެ ލީޑަރު ރަސްމުސް ޕަލޫދާން ސްވިޑަންގައި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް ހިންގި ހުތުރު އަމަލު ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ސްވިޑެންގައި ހިންގި އެ ހަރަކާތާ ގުޅިގެން އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ރާއްޖޭގެ އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ގޮވާލާފައެވެ. އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިފައިވާތީ، އެކަން އެ ކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށިކޮށް ކުށްވެރި ކުރާ ކަމަށެވެ. އިދިކޮޅުން ބުނީ މުސްލިމުންނާ ދެކޮޅަށް ހިންގޭ އެފަދަ ލާދީނީ އަދި ލާއިންސާނީ ޙަރަކާތްތަކަކީ އެއްގޮތަކަށްވެސް އެ ކޯލިޝަނުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

މުސްލިމް ބައެއް ގައުމުތަކުން ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. އެގޮތުން އެ ހަރަކާތް ހިންގުމާ ދެކޮޅަށް ސައުދީ އަރަބިއްޔާ، އުރުދުން، ކުވޭތުގެ އިތުރުން ތުރުކީވިލާތުން ވެސް ވަނީ އަޑު އުފުލާފައެވެ. ތުރުކީގެ ވަޒީރުންގެ ވަފުދެއް ސްވިޑްންއަށް ކުރަން ހަމަޖައްސާފައިވާ ދަތުރެއް ވެސް ވަނީ އެ ހަރަކާތާ ގުޅިގެން ކެންސަލްކޮށްފައެވެ.

comment ކޮމެންޓް