ހިތް ފަސޭހަ މާހައުލަކުން ރައްޔިތުންނަށް ހޯދައިދިން 'އަމާން އުދަރެސް'

އެފްޑީސީ އިން ދައްކާލި ސާމްޕަލް އެޕާޓްމެންޓް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން "ގެދޮރުވެރިޔާގެ" ނަމުގައި ދޫކުރާ ފްލެޓުތައް ނޫސްވެރިންނަށް ދައްކާލައިފިއެވެ. ހިތްފަސޭހަ މާހައުލެއްގައި ހުރި މި ފްލެޓުތައް ވެސް އެހާމެ ހިތްގައިމެވެ.

އެ ފްލެޓުތަކަށް އެދި ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި މަސައްކަތް ފަހި ދިިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށް، ޢަމަލީ މަސައްކަތް ފެށި ނަމަވެސް، އެ މަސައްކަތް މި ދައުރުގައި ނިންމާލުމަކީ ހުވަފެނީ ބިލާހެއްކަމުގައި ގިނަ މީހުން ދެކުނެވެ. ނަމަވެސް އެފްޑީސީގެ "އަމާން އުދަރެހުން" ދައްކުވައިދިނީ އެއީ ހަގީގަތެއްކަމެވެ.

ގިނަ މަސައްކަތްތަކަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް އެ ފްލެޓުތަކުގެ މޮޑެލް އެޕާޓުމެންޓެއް އެކުންފުނިން ވަނީ ދައްކައިފައެވެ. މިއަހަރުގެ އޮގަސްޓު މަހު، އެތަނަށް ވަދެވޭނެކަމަށް އެފްޑީސީން އަންދާޒާ ކުރާއިރު، މިއީ މިފަދަ ބިޔަ ބޮޑު މަސައްކަތަކަށް ހަލުވި ދުވެއްޔެކެވެ.

"އަމާން އުދަރެސް" އަކީ ކޮބާ؟

އެފްޑީސީގެ އަމާން އުދަރެސް ފްލެޓްތަކަކީ އާންމު ބޯހިޔާވަހިކަމަށް އިމާރާތްކުރެވޭ ޖުމްލަ 32 ޓަވަރުގެ ތެރެއިން 16 ޓަވަރެވެ. މިއީ 18 ބުރީގެ ޓަވަރުތަކަކަށް ވީއިރު، މި ޓަވަރުތައް އެޅުމަށް އެފްޑީސީން ހަވާލުކުރީ ދެ ކުންފުންޏަކަށެވެ.

މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު ނޭޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކުންފުނި (އެންބީސީީސީ)އާ ހަވާލުކުރިއިރު، އަނެއް 16 ޓަވަރު ހަވާލުކުރީ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ. މީގެ ތެރެއިން ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކުރީ އަމާން އުދަރެސްގެ ޓަވަރުތައް އެޅުމަށެވެ.

އެފްޑީސީ އިން ދައްކާލި ސާމްޕަލް އެޕާޓްމެންޓް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މި ޓަވަރުތަކަކީ ޖުމްލަ ދެ ބަވާތެއްގެ ރޫމްތައް ހިމެނޭ ޓަވަރުތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި އަދި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓެވެ. މީގެ ތެރޭގައި ހިމެނޭ ތިން ކޮޓަރީގެ އެޕާޓްމެންޓްތަކުގައި 900 އަކަފޫޓް ހުންނައިރު، ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގައި 650 އަކަފޫޓް ހުންނާނެއެވެ.

ކޮންމެ އެޕާޓްމެންޓެއްގައި ވެސް ކޮޓަރިތަކުގެ އިތުރުން ސިޓިން ރޫމް، ފާހަނާ، ބަދިގެ އަދި ބެލްކަނީ އެއް ހުރެއެވެ. ބަދިގެއާއި ސިޓިން ރޫމަކީ ވަކިން ހުންނަ ދެ ތަނަށް ވާއިރު، ލޯންޑްރީ ރޫމެއް ވެސް ވަކިން ހުރެއެވެ. ކޮޓަރިތަކުގެ ގޮތުގައި އެއް މާސްޓާ ބެޑްރޫމް އަދި ކުޑަ ރޫމްތައް ހުންނާނެއެވެ.

މި ޓަވަރުތަކަކީ ސަރުކާރުގެ ސޮވެރިން ގެރެންޓީގެ ދަށުން އިންޑިޔާގެ އެގްޒިމް ބޭންކުން ދިން ދެ ލޯނަކުން އަޅާ ޓަވަރުތަކެކެވެ. އެއީ 110.5 މިލިއަން ޑޮލަރުގެ ލޯނަކާއި އަދި 116.45 މިލިއަން ޑޮލަރުގެ ލޯނަކެވެ. މި ދެ ލޯނުގެ ޖުމްލަ 227 މިލިއަން ޑޮލަރަށް އަރައެވެ.

އެފްޑީސީން ބުނީ ކީކޭ؟

ސަރުކާރުން މި މަސައްކަތް ހަވާލު ކުރީ އަތްފޯރާ ފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި އުފެއްދެވީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއެވެ.

އެފްޑީސީ އިން ދައްކާލި ސާމްޕަލް އެޕާޓްމެންޓް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ބޯހިޔާވަހިކަމާ ގުޅޭގޮތުން ހިންގާ މަޝްރޫއުތަކާއި މާލީ ހާލަތު ދަށް ފަރާތްތަކަށް ސަބްސިޑައިޒް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ފުރަތަމަ ފަހަރަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަނީ މި ކުންފުނީގެ ދަށުންނެވެ.

މިއީ 2019ވަނަ އަހަރު އެފްޑީސީ އުފެއްދި ފަހުން، އެކުންފުނީގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ޕްރޮޖެކްޓެވެ. އެހެންވެ، މިއީ އެ ކުންފުންޏަށް ޚާއްސަ ޕްރޮޖެކްޓެވެ.

އެކުންފުނިން ބުނީ އެކުންފުނީގެ އެންމެ މައިގަނޑު އަމާޒަކީ ހިތް ފަސޭހަ މާހައުލަކުން ރައްޔިތުންނަށް ހިތް ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުން ކަމަށެވެ. އަދި މި ފްލެޓްތަކުގެ އަގުތައް ކުޑަވާނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމަށް އާންމުންނަށް ޑެލިވާ ކުރާއިރު، އެންމެ ފުރިހަމަ، އެންމެ ރަނގަޅު، ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނެ ތަނެއް ޑެލިވާ ކުރެވޭތޯ،" އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ސަލްފިއްޔާ އަންވަރު ވިދާޅުވިއެވެ.

އެފްޑީސީ އިން ދައްކާލި ސާމްޕަލް އެޕާޓްމެންޓް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

އެފްޑީސީގެ އެންމެ މައިގަނޑު މަގްސަދަކަށް ވީ އެ އެޕާޓްމެންޓް ތަކަކީ ރައްޔިތުންނަށް އެންމެ ހިތްގައިމު އެޕާޓްމެންޓްތަކަކަށް ހެދުމެވެ. އެ އެޕާޓްމެންޓްތަކުގެ ސައިޒުތަކާއި އަދި އެނޫނަސް އެ ޓަވަރުތަކުން އާންމުންނަށް ލިބޭނެ ޙިދުމްތަތަކުން އެކަން ޢާންމުންނަށް ސާފުވާނެއެވެ.

"ވަރަށް ހިތްގައިމު، ހިތް ފަސޭހަ ދިރިއުޅުމަކަށް އަޅުގަނޑުމެންނަށް މިތަން ބޭނުން ކުރެވޭނެ. ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެ މިތަންތަނުން،" ސަލްފިއްޔާ ވިދާޅުވިއެވެ.

އެ ޓަވަރުތަކުގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާއަކީ ކޮމާޝަލް ވިޔަފާރިތަކަށް ހުޅުވާލެވޭ ތަންތަނެވެ. އެތަންތަނުން ވިޔަފާރިތަކަށް ޖާގަ ދިނުމުގައި އެންމެ ބޮޑަށް ބަލާނީ އަލަށް ކުރިއަރަމުން އަންނަ ވިޔަފާރިތަކަށެވެ.

"އަޅުގަނޑުމެންގެ ޕްލޭނަކީ މިހާރު، މިތަނުގައި މީހުން ދިރިއުޅެން ފަށާއިރަށް، ކޮމާޝަލް ޔޫސްތަކަށް ދޫކުރުން. އެގޮތުން އެންމެ ބޮޑަށް އަޅުގަނޑުމެން ބަލާނީ އިމާޖިން ބިޒްނަސްތަކަށް ދެވޭތޯ. އަދި އެނޫނަސް ވިޔަފާރިތަކަށް ފުރުސަތު ދެވޭނެ." އެކުންފުނީގެ ޗީފް އޮފް އޮޕަރޭޝަންސް ނަޝްވާ ހަމީދު ވިދާޅުވިއެވެ.

ކޮމާޝަލް ބޭނުންތަކަށް ވިޔަފާރިތަށް ހޮވާއިރު، އެކަން ކުރާނީ އެކުންފުނިން ކަނޑައަޅާ މާސްޓާ ޕްލޭނެއްގެ ދަށުން އިއުލާން ކޮށްގެންނެވެ.

އެފްޑީސީގެ މި ޓަވަރުތަކަށް ޢާންމުންނަށް ވަދެވި، އެތަންތަނުގައި ދިރިއުޅެވޭނެ ދުވަހަކަށް ޢާންމުން ތިބީ ކެތް މަދުވެފައެވެ. އެތަންތަނުގެ އަގު އަދި އިއުލާން ނުކުރި ނަމަވެސް، އެ ފްލެޓްތަކުގެ އަގުތައް ކުޑަވާނެ ކަމުގެ ޔަގީންކަން އެކުންފުނިން ދެއެވެ.

comment ކޮމެންޓް