އައިލެންޑް އޭވިއޭޝަނުން އަލަށް ގެނައި ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގެ ދަތުރުތައް ފަށައިފި

މޯލްޑިވިއަނުން އަލަށް ގެނައި ދެ ބޯޓުގެ ތެރެއިން އެއް ބޯޓު -- ފޮޓޯ/ މޯލްޑިވިއަން

އައިލެންޑް އޭވިއޭޝަނުން މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އެންމެފަހުން އަލަށް ގެނައި ދެ ބޯޓުގެ ތެރެއިން އެއްބޯޓު ރަސްމީކޮށް އުދުހުންތަކުގައި ބޭނުންކުރަން ފަށައިފިއެވެ.

މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް ގެނައި އޭޓީއާރު 600-72 މަރުކާގެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވާއިރު، ފުރަތަމަ ފްލައިޓު މިއަދު ބާއްވާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، އައްޑޫސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

މި ބޯޓު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ ހަވީރު 17:50 ގައެވެ. މި ބޯޓަކީ 74 މީހުންގެ ޖާގައިގެ ބޯޓެކެވެ.

އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ މޯލްޑިވިއަނުން އުދުހުންތައް ބާއްވަމުން އަންނަ ރާއްޖޭގެ މަންޒިލްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަންޒިލެވެ. މޯލްޑިވިއަނުން ބުނީ އޭޓީއާރު 600-72 މަރުކާގެ އަނެއް ބޯޓުގެ ދަތުރުތައްވެސް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް އޭޓީއާރު 600-72 މަރުކާގެ އައު ދެ ބޯޓު ރާއްޖެ ގެނެސްފައިވަނީ، މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް މޯލްޑިވިއަނުން އައު ދެ ބޯޓު ގެނެސްފައިމިވަނީ، ދަތުރުތަކަށް އޮންނަ ޑިމާންޑް އިތުރުވުމާއި، މިހާތަނަށް ބޭނުންކުރަމުން އައި ބޯޓުތަކުގެ މެއިންޓަނަންސް މަސައްކަތްތައް އިތުރުވެ، އެކަމަށް ކުރަންޖެހޭ ހޭދަވެސް ބޮޑުވެގެންކަމަށް މޯލްޑިވިއަނުން ބުނެއެވެ.

600-72 މަރުކާގެ ދެ ބޯޓުގެ އިތުރުން އައިލެންޑް އޭވިއޭޝަނުން ވަނީ މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އޭޓީއާރު 600-42 މަރުކާގެ ބޯޓެއްވެސް ގެނައުމަށް ނިންމާފައެވެ. މިއީ 50 މީހުންގެ ޖާގައިގެ ބޯޓެކެވެ.

އައިލެންޑް އޭވިއޭޝަނުން ބައިނަލްއަގުވާމީ ދަތުރުތައް ކުރުމަށް ދެ ބޯޓު ބޭނުންކުރާއިރު، އެތެރޭގެ އުދުހުންތަކުގައި މިހާރުވެސް 10 ބޯޓު ބޭނުންކުރެއެވެ.

comment ކޮމެންޓް