ޔޫކްރެއިނަށް ބަރުހަތިޔާރު ފޯރުކޮށްދިނުމަށް ނޭޓޯގެ ބައެއް ގައުމުތަށް ފަސްޖެހެން ފަށައިފި

ޖަރުމަނުގައި އޮންނަ އެމެރިކާގެ ރަސްމްޓެއިން އަސްކަރީބޭހުގައި އިއްޔެ ބޭއްވި ނޭޓޯގެ މަތީފެންްވަރުގެ ބައްދަލުވުން ލީޑު ކުރެއްވީ އެމެރިކާގެ ދިފާއީ ވަޒީރު

ރަމްޝްޓައިން (23 ޖަނަވަރީ 2023) : ޔޫކްރެއިންއަށް ހަނގުރާމައިގެ ޓޭންކް ފޯރުކޮށްދިނުމާމެދު ނޭޓޯގެ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ހައްލުކުރުމުގައި އެޖަމާއަތް ނާކާމިޔާބު ވެއްޖެއެވެ.

މިމައްސަލަ ހައްލުކުރުމަށްޓަކައި ޖަރުމަނުގައި އޮންނަ އެމެރިކާގެ ރަސްމްޓެއިން އަސްކަރީބޭހުގައި އިއްޔެ ބޭއްވި ނޭޓޯގެ މަތީފެންވަރުގެ ބައްދަލުވުމުގައި މިމައްސަލަ ހައްލުކުރަން މަސައްކަތްކުރިނަމަވެސް އެކަންވަނީ ވާގޮތް ނުވެފައެވެ.

އެމެރިކައާއި ޖަރުމަނުގެ ދިފާއީ ވަޒީރުން ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުމުން އެންމެފަހުން ނިންމީ ޔޫކްރެއިންއަށް ހަނގުރާމައިގެ ޓޭންކް ފޯރުކޮށްދިނުމާމެދު ގޮތެއްނިންމާނީ ނޭޓޯގެ ކޮންމެ ގައުމަކުންވެސް އެގައުމު އަމިއްލައަށް އެކަހެރި ގޮތެއްގައި ކަމުގައެވެ.

ޔޫކްރެއިންގެ ރައީސް ވްލަޑިމީރު ޒެލެންސްކީ ވަނީ ޖަރުމަނުގައި އުފައްދާ ފެންވަރުމަތީ ޓޭންކް އެއްކަމަށްވާ "ލިއޮޕާޑް ޓޫ" މަރުކާގެ އަސްކަރީ ޓޭންކް ޔޫކްރެއިންއަށް ފޯރުކޮށްދިނުމަށްއެދި އެތަށްފަހަރަކު ޖަރުމަނަށާއި ނޭޓޯއަށް އިލްތިމާސް ކުރައްވާފައެވެ. ނަމަވެސް ޖަރުމަނުވަނީ މިހަތިޔާރު ޔޫކްރެއިންއަށް ފޯރުކޮށްދިނުމަށް ފަސްޖެހިފައެވެ.

ޒެލެންސްކީވަނީ އެމެރިކާގައި އުފައްދާ "އަބްރަމްޒް އެމްވަން" މަރުކާގެ ޓޭންކް ޔޫކްރެއިންއަށް ފޯރުކޮށްދިނުމަށްވެސް އެދިވަޑައިގެންފައެވެ. ނަމަވެސް ޖަރުމަނުގައި އޮންނަ އެމެރިކާގެ ރަސްމްޓެއިން އަސްކަރީބޭހުގައި އިއްޔެ ބޭއްވި ނޭޓޯގެ މަތީފެންވަރުގެ ބައްދަލުވުމުގައި ޔޫކްރެއިންއަށް މިދެވައްތަރުގެ ޓޭންކް ދިނުމާމެދުވެސް ގޮތެއް ނިންމިފައެއް ނުވެއެވެ.

އެބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވީ ހަނގުރާމައިގެ ޓޭންކަކީ ބަރުހަތިޔާރެއްކަމަށްވާތީ އެތަކެތި ޔޫކްރެއިންއަށް ފޯރުކޮށްދިނުމާމެދު ނޭޓޯގެ މަތީފެންވަރުގެ ބައްދަލުވުމުން ގޮތެއް ނިންމާފައިނުވާ ކަމުގައެވެ. އަދި ހަނގުރާމައިގެ ޓޭންކް ޔޫކްރެއިންއަށް ފޯރުކޮށްދޭނަމަ އެކަންނިންމާނީ އެތަކެތި އުފައްދާ ގައުމަކުންކަމަށް އެބައްދަލުވުމުގެ ބައިވެރިން ދެކޭކަމަށްވެސް އޮސްޓިން ވިދާޅުވިއެވެ.

އެހެންނަމަވެސް ޔޫކްރެއިންއަށް ބޭނުންވާ އާދައިގެ ހަތިޔާރު ފޯރުކޮށްދިނުމުގައި ނޭޓޯގެ ގައުމުތައް ކުރިޔަށް ދިޔުމަށް އެބައްދަލުވުމުންވަނީ ނިންމާފައެވެ. ޔޫކްރެއިންއިން އެދިފައިވާ ހަތިޔާރުތަކުގެ ތެރޭގައި ޓޭންކްގެ އިތުރުން ރަޝިއާގެ ބާރުގަދަ މިސައިލް ހަމަލާތަކުން ދިފާއުވުމަށް ބޭނުންކުރާ ވައިގެ ދިފާއީ ނިޒާމުތަކާއި ބޮޑު ބަޑީގެ އުންޑައާއި އާމެޑް ވެހިކަލް ހިމެނެއެވެ.

އެމެރިކާއާއި އިނގިރޭސިވިލާތާ އަދި ފަރަންސޭސިވިލާތުން ވަނީ ވައިގެ ދިފާއީ ނިޒާމުތައް ޔޫކްރެއިންއަށް ދޭނެކަމަށް ބުނެފައެވެ. އެމެރިކާވެސްވަނީ އެގައުމުގައި އުފައްދާ ޕެޓްރިއޮޓް މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމު ޔޫކްރެއިންއަށް ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. މިތަކެތި ބޭނުންކުުރުމުގެ ތަމްރީންވެސް ޔޫރަޕްގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކުގައި ޔޫކްރެއިން ސިފައިންނަށް މިހާރުގެންދަނީ ފޯރުކޮށްދެމުންނެވެ.

ޖަރުމަނުން ޓޭންކްފަދަ ބަރުހަތިޔާރު ޔޫކްރެއިންއަށް ދޭން ފަސްޖެހެނީ ހަނގުރާމައިގެ އަލިފާންގަނޑު ނިއްވާލަން މަސައްކަތްކުރުމުގެ ބަދަލުގައި އެއަލިފާންގަނޑަށް "ދަރުއަޅާ" ގައުމެއްގެ ގޮތުގައި ޖަރުމަނުލޭބަލް ކުރެވިދާނެކަމުގެ ބިރަށާ އަދި މިކަމަށް ބަދަލުހިފުުގެ ގޮތުން ރަޝިއާ ޔޫކްރެއިންއަށް ދޭ ހަމަލާތައް އާދަޔާ ޚިލާފަށް ވަރުގަދަވާނެތީ ކަމަށް ޖަރުމަނުގެ މީޑީއާ ބުނެއެވެ.

ޖަރުމަނުގައި އޮންނަ އެމެރިކާގެ ރަސްމްޓެއިން އަސްކަރީބޭސް

ޔޫކްރެއިން ހަނގުރާމައަށް ދަރުއަޅާކަމަށް އެންމެބޮޑަށް ލޭބަލްކުރެވިފައިވާ ދެގައުމަކީ އެމެރިކާއާއި އިނގިރޭސިވިލާތެވެ. އަދި ޔޫކްރެއިންގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމަށްޓަކައި ސުލްހައާ ދިމާއަށް ޔޫކްރެއިން ދިޔަނުދީ ހިފަހައްޓާކަމުގެ ތުހުމަތުވެސް އެންމެ ބޮޑަށް ކުރެވެނީ ޔޫކްރެއިން ގެ މައްސަލާގައި ހަރުކަށި ފިކުރު ގެންގުޅޭ މިދެގައުމުގެ މައްޗަށެވެ.

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު އެންމެބޮޑަށް ކުރާ އެއްގައުމަކީވެސް އިނގިރޭސިވިލާތެވެ. އިނގިރޭސި އިގްތިސާދަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި ހަކަތައިގެ ދަތިކަމާއި ހަކަތައަގުބޮޑުވުމާއި އެކަމުގެ ސަބަބުން އުފެއްދުންތެރިކަން ދަށަށްދިޔުމާއި އިފްލޭޝަން އާދަޔާ ޚިލާފަށް މައްޗަށްގޮސް ތަކެތީގެ އަގު އުފުލުމާއި އިނގިރޭސިވިލާތުގެ އުފެއްދުންތަކަށް މާކެޓް ލިބުން ދަތިވުންފަދަ ބޮޑެތި މައްސަލަތައް ހިމެނެއެވެ.

އިގްތިސާދީ ދަތިތަކާއެކު ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭތީ އިނގިރޭސިވިލާތުގެ މަސައްކަތްތެރިން ހަޅުތާލުތައް ކުރަމުންގެންދާތާ އެތަށް ހަފްތާއެއްވެއްޖެއެވެ. މިކަމުގެ ސަބަބުންވެސް އިނގިރޭސި އިގްތިސާދުދަނީ އިތުރަށް ހީނަރުވަމުންނެވެ. ނަމަވެސް އިނގިރޭސިވިލާތުންވަނީ އެގައުމުގައި އުފައްދާ "ޗެލެންޖަރު" މަރުކާގެ ހަނގުރާމައިގެ ޓޭންކް ޔޫކްރެއިންއަށް ފޯރުކޮށްދިނުމަށް ނިންމައި އެކަން އިއުލާނުކޮށްފައެވެ.

ރަޝިއާވަނީ އިނގިރޭސިވިލާތުގެ ޓޭންކްތައް ޔޫކްރެއިންއަށް ގެންދިޔުމުގެ މަގުމަތީގައި މިސައިލުން ހަމަލާދީ އެތަކެތި ހަލާކުކޮށްލާނެކަމުގެ އިންޒާރު ދީފައެވެ. ޔޫކްރެއިން ހަނގުރާމައިގެ ހާލަތަށް ބަލާއިރު ހުޅަނގުން ޔޫކްރެއިންއަށް ކިތަންމެވަރަކަށް ހަތިޔާރު ފޯރުކޮށްދިން ނަމަވެސް ފާއިތުވި ދޮޅުމަސްތެރޭގައި ޔޫކްރެއިން ސިފައިންވަނީ ރަޝިއާގެ ބާރުތަކުގެ ކުރިމަތީގައި ފަހަތަށް ޖެހެން މަޖުބޫރުވެފައެވެ. އަދި ރަޝިއާވަނީ ޔޫކްރެއިންގެ އިރުމަތީގެ ސިޓީއެއްކަމަށްވާ "ސޮލިދާރު" ދާދިފަހުން ހިފާފައެވެ.

މީގެއިތުރުން މިދިޔަ ބުރާސްފަތި ދުވަހުވެސް ރަޝިއާ ވަނީ ޔޫކްރެއިންގެ އިރުމަތީގެ އިތުރު ޓައުން އެއް ހިފައި ޔޫކްރެއިން ސިފައިން ފަހަތަށް ޖައްސާފައެވެ. ރަޝިއާގެ މި ކުރިއެރުން ހުޅަނގުން ފާހަގަކޮށްފައެއް ނުވެއެވެ.

ރަޝިއާ ހިފި ޔޫކްރެއިންގެ "ސޮލިދާރު" ސިޓީއަކީ ލޮކޭޝަނާއި އެރަށުގެ ހާލަތަށް ބަލާއިރު ސްޓްރެޓީޖިކް ސިޓީއެއް ނަމަވެސް އެރަށް ރަޝިއާގެ އަތްދަށަށް ދިޔުމުން އެމެރިކާއާއި ހުޅަނގުގެ ބާރުތައްވަނީ އެއީ ސްޓްރެޓީޖިކް ބުރަދަނެއް ހުރި ސިޓީއެއްނޫންކަމަށް ބުނެ ރަޝިއާގެ ކުރިއެރުމުގެ އަގު ދަށްކޮށްލާފައެވެ. ޔޫކްރެއިން ގެންދަނީ އެސިޓީ އެއްކޮށް އަދިވެސް ނުހިފޭކަމަށްބުނެ ރަޝިއާގެ ކުރިއެރުންތަކަށް އިއުތުރާފުވުމަށް ފަސްޖެހެމުންނެވެ.

ޔޫކްރެއިންއަށް ބަރުހަތިޔާރު ފޯރުކޮށްދިނުމަށް ފަސްޖެހޭ ގައުމުތަކުގެ ތެރޭގައި ޖަރުމަނުގެ އިތުރުން ފަރަންސޭސިވިލާތާއި ސްޕެއިންއާއި ޕޯޗްގަލް އިޓަލީފަދަ ބޮޑެތި ގައުމުތައް ހިމެނެއެވެ.

comment ކޮމެންޓް