އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އިލެކްޓްރިކް ބަހުގެ ޚިދުމަތް ވިލިމާލޭގައި މިއަދު ހަވީރު ފަށައިފިއެވެ.
މި ޚިދުމަތަށް ވިލިމާލޭގައި ބޭނުންކުރަނީ ހަ ބަހެވެ. އެމްޓީސީސީން ބުނީ މި ބަސްތަކުގައި 11 މީހުންނަށް އިށީނދެގެން ތިބެވޭނޭހެން ސީޓު ހަރުކޮށްފައި ހުންނާނެކަމަށެވެ. އަދި ހަތަރު މީހުންނަށް ކޮޅަށް ތިބެވޭނެ ޖާގައާއެކު ޖުމްލަ 15 މީހުންނަށް އެއްފަހަރާ މި ބަހުގައި ދަތުރުކުރެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.
މިއަދުން ފެށިގެން ދެ ހަފުތާއަށް ބަހުގެ ޚިދުމަތް ވިލިމާލޭގައި ފޯރިކޮށްދޭނީ މުޅިން ހިލޭއެވެ. އެ މުއްދަތު ހަމަވުމުން އަގު ނަގައިގެން ދަތުރުކުރި ނަމަވެސް 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު ދައްކައިގެން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑު ދައްކައިގެން ހިލޭ ދަތުރުކުރެވޭނެއެވެ.
މިހާރު އެމްޓީސީސީން ކުރަނީ ވިލިމާލެ ބަސް ދަތުރުތަކަށް ނަގާނެ އަގު ކަނޑައެޅުމުގެ މަަސައްކަތެވެ.
އާރުޓީއެލް ވިލިމާލެ ބަހުގެ ޚިދުމަތް ކޮންމެ ދުވަހަކު ހެނދުނު 05:35އިން ރޭގަނޑު 00:00އަށް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެއެވެ. ބަހުގެ ޚިދުމަތް ކޮންމެ ބަސް ހުއްޓިއަކުން ވެސް ފަސް މިނިޓާއި 10 މިނިޓާ ދޭތެރޭގެ ވަގުތުކޮޅެއްގައި ލިބޭނެއެވެ.
ބަސް ދަތުރުކުރާ ރޫޓުތައް ކަނޑައަޅާފައި ވަނީ ރައްޔިތުން އެންމެ ގިނައިން ދާންޖެހޭ ސަރަހައްދުތައް ދެނެގަތުމަށްފަހު ކަމަށް އެމްޓީސީސީން ބުންޏެވެ. އެގޮތުން ސްކޫލުތަކާއި، ހޮސްޕިޓަލާއި، ފެރީ ޓާމިނަލް އަދި ބީޗުތައް ހިމެނެއެވެ.
އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދޭން ފަށާފައި ވަނީ، އެ ރަށުގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް އަންނަ މަހުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަކަން މާލޭ ސިޓީ ކައުންސިލުން އިއުލާންކުރި ފަހުންނެވެ.
މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނީ ޖުމުލަ 10 ބަގީކަމަށް އެ ކައުންސިލުން ބުންޏެވެ. އަދި މި ހުރިހާ ބަގީއަކުން ވެސް 24ގަޑި އިރު ޚިދުމަތް ލިބޭނޭކަމަށް އެ ކައުންސިލުން ބުންޏެވެ.
ވިލިމާލޭގައި މީގެކުރިން އަމިއްލަ ބައެއް ފަރާތްތަކުން ބަގީގެ ދަތުރުތައް ކުރިނަމަވެސް، ބެޓްރީ ސައިކަލްތައް ގިނަވެ، ބަގީގެ ޚިދުމަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ވިލިމާލޭގައި އެކަށޭނަ ބަގީގެ ޚިދުމަތެއް ނެތުމަކީ، އެރަށަށް އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ މީހުންނާއި، ހުކުރާއި ހޮނިހިރު ދުވަހު އެރަށަށް ދަތުރުދާ ވަރަށް ގިނަ އާއިލާތަކެއްގެ ޝަކުވާއެކެވެ.