މާލޭގައި ކާޅު ގިނަވަނީ

މާލޭގައި ކާޅުތަކެއް --- ސަން ފައިލް ފޮޓޯ

ކުރިއާ އަޅާބަލާއިރު މާލޭގައި ކާޅު އުޅޭ މިންވަރު ގިނަ ވެއްޖެއެވެ.

ކުރިން މާލޭގައި ކާޅާއި ވާ ގިނަވެއްޖެ ނަމަ ބަޑި ޖަހައިގެން މަރައެވެ. އެކަމުގެ ސަބަބުން މާލެއިން ވަރަށް ކާޅެއް ނުފެނެއެވެ.

ނަމަވެސް ކުރިއާ އަޅާބަލާއިރު މާލޭގައި މިހާރު ކާޅު އުޅޭ މިންވަރު ގިނަކަން ފާހަގަކުރެވެއެވެ. އެގޮތުން މާލޭގެ މަގުމަތިންނާއި ގޭގޭގެ ބެލްކަނިތަކުގައި ކާޅު އުޅޭ މިންވަރު ގިނައެވެ. އަދި ގޭގޭ ބެލްކަނިތަކުގައި އަވީލާފައި ހުންނަ ހިކިމަސްފަދަ ކާ އެއްޗެހި ވެސް ގެންދެއެވެ.

ހަމައެއާއެކު ސައިކަލު ޕާކުކޮށްފައި ހުންނައިރު އެންމެ ގިނައިން ސައިކަލުތައް ހަޑިކުރާ އެއްޗަކަށް ވަނީ ވާލެވެ. ނަމަވެސް މިހާރު ކާޅުގެ ސަބަބުން ވެސް އެކަން ދިމާވެއެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ ކާޅާއި ވާ ގިނަވުމުން އެ މަރުމަކީ ވަރަށް ކުރީގައި ކުރި ކަމެއް ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ކުރިއަކަށް ނުގެންދަން ކާޅާއި ވާ މެރުމުގެ ޕްރޮގްރާމުތަކެއް،" އޭނާ ވިދާޅުވިއެވެ.

އެކަން ކުރުން ހުއްޓާލި ސީދާ ސަބަބެއް ނޭނގޭ ކަމަށާއި މިހާރު ދިރޭ އެއްޗެހި މެރުމުގައި ވަކި އުސޫލުތަކާއި ގަވާއިދުތަކެއް އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި ކާޅު ގިނަވުމާ ގުޅޭ ގޮތުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް މިއަދު "ސަން"އަށް ވިދާޅުވީ ކާޅު ގިނަވެފައިވާ ވާކަމެއް އަދި އީޕީއޭގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމަށެވެ.

މީގެ ކުރިން ކާޅާއި ވާ މެރި ނަމަވެސް މިހާރު އިންސާނުންގެ ތެރޭގައި ދިރިއުޅޭ ދިރޭ އެއްޗެހި މެރުމަކީ ކުރާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެކަހަލަ އެއްޗެހި ވެސް މާ ގިނަ ވެއްޖެނަމަ މަދުކުރުމަށް ވަކި އުސޫލަތަކެއްގެ މަތިން އަމަލު ކުރާނެ. އެކަމު ނުއެއް މަރާނެ މިހާރު. އެއީ އެ ނެތި ދިއުމުގެ ބިރުވެސް އޮންނާތީ،" އޭނާ ވިދާޅުވިއެވެ.

ނައީމް ވިދާޅުވި ގޮތުގައި ކާޅު ގިނަކަމަށް ފާހަގަކުރެވިފައި ނެތަސް ކުރިއާ އަޅާބަލާއިރު ބުޅާ ގިނަ ކަން އީޕީއޭއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް