ދަތުރު ދާން ތައްޔާރުތަ؟ ކުޑަގިރި ހުޅުވާލަނީ!

ކުޑަގިރި ޕިކްނިކް އައިލެންޑް

ސަރުކާރުން ތަރައްގީކުރަން ފަށާފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވާލަން ތައްޔާރުވެއްޖެއެވެ.

މި ރަށުގެ ޗާލު މަންޒަރުތައް ފެންނަ ވީޑިއޯ ލަވައެއް ސަރުކާރުން އާންމުކޮށްފައިވާއިރު، އެރަށް އާންމުންނަށް ބޭނުންކުރަން ހުޅުވާލުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. ނަމަވެސް އަދި ވެސް ސީދާ ތާރީހެއް ނުނިންމައެވެ.

އެޗްޑީސީން ބުނީ މިހާރު ކުރަމުން އަންނަނީ ރަށުގެ މަސައްކަތްތައް ނިންމާ ދަތުރު ދިޔުމަށް ރަށް ހުޅުވާލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އެހެންކަމުން ދާދި އަވަހަށް އެރަށް ހުޅުވާލާނެއެވެ.

މީގެކުރިން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ގޮސް އުޅުނީ މާލެ ކައިރި އޮންނަ ކުޑަ ބަނޑޮހަށެވެ. ނަމަވެސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އެރަށް އަމިއްލަ ވިޔަފާރިވެރިއަކަށް ރިސޯޓް ހިންގަން ދީފައެވެ. މާލޭ ސަރަހައްދުން ދަތުރު ދާނެ ރަށެއް ކަނޑައަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވައުދުވެފައިވާއިރު، މި މަސައްކަތަށް މާލެއާ ދާދި ކައިރީގައި އޮތް ކުޑަގިރި ފަޅުން އަށް ހެކްޓަރު ބިން އަދި ރަށާއި އިންވެގެން 1.5 ހެކްޓަރުގެ ކުޑަ ފިނޮޅެއްވެސް ވަނީ ހިއްކާފައެވެ.

މި ޕިކްނިކް އައިލެންޑްގެ މާސްޓަރ ޕްލޭން ތައްޔާރުކޮށް ގިނަ މަސައްކަތްތައް ވެސް ކުރިއަށް ގެންދަނީ އެޗްޑީސީއިންނެވެ. މާލެއިން ފުރައިގެން ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ތެރޭގައި ދެވޭ މިރަށަށް ދަތުރުދާން ބޭނުންވާ މީހުންނަށް ދަތުރުކުރުމަށް ބޭނުންވާ އިންތިޒާމުތައް ވެސް އެޗްޑީސީން ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން މާލެއިން ނުވަތަ ހުޅުމާލެއިން ދާން ބޭނުންވި ކަމުގައިވިޔަސް ޓިކެޓް ގަންނަން ލިބޭނެއެވެ.

ކުޑަގިރި ތަރައްގީކޮށްފައިވަނީ ދަތުރުދާ މީހުންނަށް ބޭނުންވާ ގިނަ ޚިދުމަތްތައް ލިބޭނެ ފަދައިންނެވެ. ފާހާނާ އާއި ޗޭންޖިން ރޫމް އާއި، ނާސިން ރޫމް އާއި، މިސްކިތުގެ އިތުރުން، ކްލިނިކަކާއި، ފިހާރައާއި ކެފޭގެ ޚިދުމަތްވެސް ލިބެން ހުންނާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

މީގެއިތުރުން، އާންމުންނަށް ހުޅުވާލާއިރު، އާންމުކޮށް ކުޅޭ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެއެވެ. އެރަށުގައި ވޮލީ ބޯޅަ ކޯޓަކާއި ބާސްކެޓް ކޯޓަކާއި އައުޓްޑޯ މިނީ ފުޓްބޯޅަ ދަނޑެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށް ޕްލޭ ގްރައުންޑެއްވެސް ހިމަނާފައިވެއެވެ.

ދަތުރު ދިއުމުގެ އިތުރުން، ކައިވެނި ހަފްލާތަކާއި، އުފަންދުވަސް އަދި ކުންފުނިތަކާއި އޮފީސްތަކުން އެމީހުންގެ އެކި އިވެންޓްތައް ބާއްވަން ރައް ކުށްޔަށް ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް