މައިސިކް މެޝިން: ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް

ނެޝަނަލް ހެލްތު ލެބޯޓަރީގެ ބައެއް މުވައްޒަފުން "މައިސިކް" މެޝިނާ އެކު / ފޮޓޯ: އެމްއެފްއޭޑީއޭ

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ހިއުމަން ޖީން ސީކުއެންސް ޓެސްޓުތައް ހެދޭނެ މެޝިނެއް ނެޝަނަލް ހެލްތު ލެބޯޓަރީގައި ބޭނުންކުރަން ފަށައިފިއެވެ.

ޖީން ސީކުއެންސިން ހެދުމަށް މައިސިކް މެޝިން ހަދިޔާކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންނެވެ. މި މެޝިން ބޭނުންކުރުމަށް ބޭނުންވާ ތަމްރީންތައް ހެދުމަށް އިންޑިއާގެ އައިޖީއައިބީ އިންސްޓިޓިއުޓްގެ ސައިންޓިސްޓުން މެދުވެރިކޮށް ނުވަ މުވައްޒަފަކަށް ތަމްރީން ދީފައިވެއެވެ.

އޭގެތެރޭގައި ނެޝެނަލް ހެލްތު ލެބޯޓަރީގެ ހަ މުވައްޒަފުންނާއި އައިޖީއެމްއެޗް ލެބޯޓަރީގެ ދެ މުވައްޒަފުންނާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ މުވައްޒަފަކު ހިމެނެއެވެ.

ނޭޝަނަލް ހެލްތު ލެބޯޓަރީގައި ގާއިމްކޮށްފައިވާ ޖީން ސީކުއެންސިން ފެސިލިޓީއާ ބެހޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ސީނިއާ މައިކްރޯބަޔޮލޮޖިސްޓް އާސިފާ ލުތުފީ ވިދާޅުވީ، މި މެޝިން އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ ކޮވިޑް-19ގެ ޖީން ސީކުއެންސިން ހެދުމަށް ކަމަށެވެ. މި ތަހުލީލުން ކޮވިޑްގެ ވޭރިއަންޓުތައް ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދުވަސްވަރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މަދުވި ނަމަވެސް، ދުނިޔޭގެ އެކި ހިސާބުތަކުގައި އަދިވެސް ކޮވިޑް ފެތުރޭކަން ފާހަގަކޮށް އާސިޔާ ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވާ ސާމްޕަލްތައް ޖީން ސީކުއެންސިން ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ.

މީގެއިތުރުން، މި މެޝިން ބޭނުންކޮށްގެން ގައިންގަޔަށް ނާރާ ބަލިތައް ދިރާސާކުރެވޭނެ ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ. އެގޮތުން، ތެލެސީމިއާ އާއި ކެންސަރު ފަދަ ބަލިތަކުގެ ތަހުލީލުތައް ހެދުމަށް މި މެޝިން ބޭނުންތެރި ކަމަށް އޭނާ ވިދާޅުވިއެވެ.

އައިޖީއައިބީގެ ތަމްރީނަށް ފަހު ޖީން ސީކުއެންސިންގެ ފުރަތަމަ ރަން، މިދިޔަ ހޯމަ ދުވަހު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ރާއްޖޭގައި މި ފެސިލިޓީ ގާއިމްކޮށްފައިވަނީ ހެލްތު މިނިސްޓްރީ އާއި، އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރުގެ އެދިވަޑައިގެންނެވުމުގެ މަތީންނެވެ.

އާސިޔާ ވިދާޅުވީ، ޖީން ސީކުއެންސިން ލެބޯޓަރީ ގާއިމްކުރުމަށް އިތުރަށް ބޭނުންވާ އެހެނިހެން އިކުއިޕްމަންޓްތަކާއި ރީއެޖެންޓްތަކާއި، ކޮންސިއުމެބެލްސް ހަދިޔާ ކޮށްދެއްވީ ޔޫއެސްއެއިޑްއިން ކަމަށެވެ.

comment ކޮމެންޓް