ޓެކްސް ފައިސާ މިފްކޯއަށް ޚަރަދުކުރުމަކީ ރައީސްގެ ސިޔާސަތެއް ނޫން: ފައްޔާޒް

ފެލިވަރުގައި އަލަށް ތަރައްޤީކުރާ ސަރަހައްދުގެ ނަމޫނާއެއް--

ޓެކްސް ދައްކާ މީހުންގެ ފައިސާއިން މިފްކޯއަށް ޚަރަދުކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސިޔާސަތެއް ނޫންކަމަށާއި، މިފްކޯ ތަރައްގީ ކުރެވޭނީ އެކުންފުނީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށްގެންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވީ، ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް، ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރާ ވާހަކަ ދައްކާފައިނުވާކަމަށެވެ.

ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއަށްގެންދެވޭނީ ކޯލްޑް ސްޓޯރޭޖް ބޮޑުކޮށްގެން ކަމަށެވެ. މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ވޭތުވެދިޔަ ތަނުގައި ކުރެވުނުހާވެސް ކަމަކީ ޓެކްސް ދައްކާ މީހުންގެ ފައިސާ މިފްކޯއަށް ޚަރަދުކުރުންކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މިފްކޯގައި މަސް ރައްކާކުރުމުގެ ކެޕޭސިޓީއަކީ 1500 ޓަނު. އެހެންވެގެން މަސްގަނެ މަހަށް ރަނގަޅު އަގެއް ބޭރުގެ މާކެޓުތަކުން ނުލިބެނީ. މަސްވެރިން މަސް ބޭނީމާ މަސްވެރިންނަށް އަގުދީފައި ގަނެފައި އެ ކުނިވީމައި ދެން ޖެހެނީ އުކާލަން،" ފައްޔާޒު ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުން އިފްތިތާހްކުރުމަށް ބޭއްވި ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވާހަކަދައްކަވަނީ. މި ޖަލްސާގައި މިފްކޯގެ ކުރިމަގާއި ބެހޭގޮތުންވެސް މިނިސްޓަރު ވާހަކަދެއްކެވި -- ފޮޓޯ:ރައީސް އޮފީސް

ފައްޔާޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ރަނގަޅުކުރުމަށް ރައީސް ބެއްލެވީ މަސްވެރިންނަށް ދޭ އަގު ބަރާބަރަށް ރަނގަޅަށް ދިނުމަށާއި، ބައިނަލްއަގުވާމީ މާރުކޭޓުން މަހަށް ރަނގަޅު އަގު ހޯދުމުގެ އިތުރުން، ޓެކްސް ދައްކާމީހުންގެ ފައިސާ މިފްކޯއަށް ޚަރަދު ކުރަން ނުޖެހޭނެ ގޮތަކަށް ކަމަށެވެ. މިގޮތުން އެންމެ ރަނގަޅު ކަމަކަށް ފެނުނީ، ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ސަރުކާރުގެ މަސް ކުންފުނީގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް ނިންމާފައިވަނީ ޅ. އަތޮޅު ފެލިވަރުގައެވެ. މިއީ މިހާތަނަށް ރާއްޖޭގައި ގާއިމްކުރެވޭ އެންމެ ބިޔަ ސްޓޯރޭޖެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުން ވަނީ ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސްއެއް ގާއިމްކުރުމަށް އިންޑިއާގެ ރައިނެކް ކުންފުންޏާ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ދައުލަތުގެ މަސްކުންފުނި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިސްމާޢީލް ފައުޒީއެވެ. ރައިނެކް އިންޑިއާ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޕީ ސުކުމަރަން އެވެ.

ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސްއެއް ޤާއިމްކުރުމަށް އިންޑިއާގެ ރައިނެކް އާއެކު ސޮއިކުރަނީ-- ފޮޓޯ/ރައީސް އޮފީސް

މި މަޝްރޫއުގެ ދަށުން ފެލިވަރުގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރާއިރު، މަޝްރޫއުގެ އަގު ގާތްގަނޑަކަށް 23 މިލިއަން ޑޮލަރަށް އަރާނޭ ކަމަށް ސަރުކާރުން ލަފާކުރެއެވެ. މި މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމަށް ނިންމާފައިވަނީ، އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިނޭންސްގެ ދަށުންނެވެ.

މިފްކޯއިން ބުނީ އަލަށް ގާއިމްކުރެވޭ ކޯލްޑް ސްޓޯރޭޖާއެކު 200 ޓަނުގެ ބްރައިން ފްރީޒަރެއްގެ އިތުރުން 80 ޓަނުގެ RSW އެއް ނުވަތަ، ރެފްރިޖަރޭޓަޑް ސީ ވޯޓާ ސިސްޓަމެއް ގާއިމްކުރާނެ ކަމަށެވެ. މި މަޝްރޫއާއެކު ގއ. ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމުކުރާނެ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

ފެލިވަރު ތަރައްގީކުރުމަށް އަލަށް ހިއްކި ސަރަހައްދު--- ފޮޓޯ/އެމްޓީސީސީ

ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ، ފެލިވަރު ފަޅުން އަލަށް ހިއްކާފައިވާ 5.7 ހެކްޓަރުގެ ބިމުގައެވެ.

އަލަށް ހިއްކި ސަރަހައްދުގައި މަސްކިރާ ޖެޓީއަކާއި، އެކްސްޕޯޓް ޖެޓީއެއްގެ އިތުރުން އާއްމު ބޭނުންތަކުގައި ބޭނުންކުރުމަށް ޖެޓީއެއް ހެދުމަށް ހަމަޖެހިފައިވާކަމަށް މިފްކޯއިން ބުނެއެވެ.

comment ކޮމެންޓް