އަރުތަ ޕްރޮގްރާމުން ތަމްރީނުވުމުގެ ފުރުސަތު އަޙްޔަރު، ޝައްފާން އަދި މިޝްކާއަށް

ޒުވާން ކުޅުންތެރިން ތަމްރީނުކޮށް ކުރިއެރުވުމުގެ މަގުސަދުގައި ޔޫތު މިނިސްޓްރީން ފެށި "އަރުތަ" ޕްރޮގްރާމުގެ ދަށުން ތަމްރީނު ހެދުމުގެ ފުރުސަތު ޓޭބަލް ޓެނިސް ކުޅުންތެރިން ކަމަށްވާ އަޙްޔަރު އަހުމަދު ހާލިދާއި މުހައްމަދު ޝައްފާން އިސްމާއީލާއި މިޝްކާ މުހައްމަދު އިބްރާހިމަށް ދީފިއެވެ.

މިއަދު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަރުތަ ޕްރޮގްރާމްގެ ދަށުން އެ ތިން ކުޅުންތެރިން ތަމްރީނުތައް ހަދާނީ ކްރޮއޭޝިއާގައި ކަމަށެވެ.

އެ ތިން ކުޅުންތެރިންގެ ނަން އަރުތަ ޕްރޮގްރާމްގެ ލިސްޓަށް އިތުރުކުރުމުގެ ކުރިން ރާއްޖޭގެ ޒުވާން ފެތުންތެރިޔާ އީން އައްބާސް ޝަރީފާއި ރާއްޖޭގެ ގައުމީ ބީޗްވޮލީ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)އާއި، ކުރިއަރަމުން އަންނަ ބާރު ދުވުންތެރިޔާ އިބާދުﷲ އާދަމްގެ އިތުރުން އުމުރުން 14 އަހަރުގެ ޓެނިސް ކުޅުންތެރިޔާ އާރާ އާސާލް އާޒިމް ވެސް ވަނީ އެ ލިސްޓުގައި ހިމަނައިފައެވެ. އަދި ދާދިފަހުން ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީގެ އިތުރުން އައިޝަތު ރަފާ ނާޒިމްގެ ނަން ވެސް ވަނީ އެ ލިސްޓުގައި ހިމަނައިފައެވެ.

އަރުތަ ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގައި ޕްރޮފެޝަނަލް ކުޅުންތެރިން އުފެއްދުމެވެ.

އެ މަސައްކަތުގެ ތެރެއިން، އެތުލީޓުންނަށް ބޭނުންވާ އިލްމާއި ހުނަރާއި އަހުލާގު ދަސްކޮށްދިނުމުގެ ގޮތުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފެސިލިޓީތަކުގައި ދުނިޔޭގެ ފެންވަރުގެ ކޯޗުންނާއެކު ތަމްރީނުވުމުގެ ފުރުސަތު "އަރުތަ" ސްކޮލަޝިޕް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ތިބެގެން ތަމްރީނު ހޯދުމުގެ ފުރުސަތު ވެސް ފަހިކުރެވޭނެކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

އަރުތަ ޕްރޮގްރާމް ލޯންޗުކުރުމުގެ ކުރިންވެސް ސަރުކާރުގެ އެހީގައި ބައެއް ކުޅިވަރުތަކުގެ އެތުލީޓުން އައީ ރާއްޖެއިން ބޭރުގައި ތަމްރީން ހަދަމުންނެވެ.

comment ކޮމެންޓް