ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ބަސްތައް ގެނެސްފި

ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ބަސްތައް ގެނެސްފައި --- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީން ވިލިމާލޭގައި ފަަށަން އުޅޭ އާރުޓީއެލް ބަހުގެ ޚިދުމަތަށް ބޭނުންވާ ބަސްތައް ގެނެސްފިއެވެ.

ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމުގައި ބޭނުންކުރުމަށް ނިންމާފައިވަނީ ކަރަންޓުން ޗާޖުކޮށްގެން ދުއްވާ އިލެކްޓްރޯނިކް ވެހިކަލެވެ.

ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނީ ހަ ބަހެވެ. އެމްޓީސީސީން ބުނީ މި ބަސްތަކުގައި 11 މީހުންނަށް އިށީނދެގެން ތިބެވޭނޭހެން ސީޓު ހަރުކޮށްފައި ހުންނާނެކަމަށެވެ. އަދި ހަތަރު މީހުންނަށް ކޮޅަށް ތިބެވޭނެ ޖާގައާއެކު ޖުމްލަ 15 މީހުންނަށް އެއްފަހަރާ މި ބަހުގައި ދަތުރުކުރެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ވިލިމާލެއަށް ބަހުގެ ޚިދުމަތް ފުޅާކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި، އުއްމީދަކީ މިމަސް ނިމުމުގެ ކުރިން ބަހުގެ ޚިދުމަތް ފެށުންކަމަށެވެ. އެ ބަހުގެ ޚިދުމަތާ ގުޅޭ ރޫޓް މެޕާއި ޝެޑިއުލް ކުރިއަށް އޮތް ދުވަސްތަކުގައި އާއްމުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ވިލިމާލެއަށް ބަހުގެ ޚިދުމަތް ފެށުމަށް ނިންމާފައިވާއިރު، މާލޭ ސިޓީ ކައުންސިލުން ވަނީ ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް އަންނަ މަހުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ބުނެފައެވެ.

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނީ ޖުމުލަ 10 ބަގީކަމަށް އެ ކައުންސިލުން ބުންޏެވެ. އަދި މި ހުރިހާ ބަގީއަކުން ވެސް 24ގަޑި އިރު ޚިދުމަތް ލިބޭނޭކަމަށް އެ ކައުންސިލުން ބުންޏެވެ.

ވިލިމާލޭގައި މީގެކުރިން އަމިއްލަ ބައެއް ފަރާތްތަކުން ބަގީގެ ދަތުރުތައް ކުރިނަމަވެސް، ބެޓްރީ ސައިކަލްތައް ގިނަވެ، ބަގީގެ ޚިދުމަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ވިލިމާލޭގައި އެކަށޭނަ ބަގީގެ ޚިދުމަތެއް ނެތުމަކީ، އެރަށަށް އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ މީހުންނާއި، ހުކުރާއި ހޮނިހިރު ދުވަހު އެރަށަށް ދަތުރުދާ ވަރަށް ގިނަ އާއިލާތަކެއްގެ ޝަކުވާއެކެވެ.

comment ކޮމެންޓް