ޑްރަގާއެކު ހައްޔަރުކުރި މީހަކު ކޯޓު އަމުރު ގޯސްވުމުން ދޫކޮށްލައިފި

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކުރި ނަމަވެސް ކޯޓު އަމުރު ގޯސްކޮށް އޮތުމުން އެ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްނުދީ ދޫކޮށްލައިފިއެވެ.

މަސްތުވާތަކެއްޗާއި ބަނގުރާ ގަވާއިދާ ޚިލާފަށް ގެންގުޅެ ވިޔަފާރި ކުރުމުގެ އިތުރުން ޓްރެފިކްކުރުމުގެ ތުހުމަތުގައި ފުލުހުން އިއްޔެ ވަނީ 36 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައެވެ.

އޭނާ ދިރިއުޅުނު ގ. ސިނަމާލެ ފްލެޓް ބަލާ ފާސްކުރިއިރު އެތަނުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެ މައްސަލައިގައި ތުހުމަތުވާ މީހާއަށް ފުލުހުން ދީފައިވަނީ އެ ގެ ބަލާފާސްކުރުމަށް ނެރެފައިވާ އަމުރު ނޫން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

އެހެންކަމުން އެ އަމުރުގެ ދަށުން ބަލާފާސްްކޮށް ހޯދާފައިވާ ހެއްކަކީ ގާނޫނާ އެއްގޮތަށް ބަލާފާސްކޮށްގެން ހޯދާފައިވާ ހެއްކެއް ކަމަށް ނުބެލެވޭތީ, އެ އަމުރުގެ ދަށުން ހޯދި ހެކި އެއްފަރާތްކުރުމުން ތުހުމަތެއް ވުޖޫދުވާ މިންވަރުގެ ހެކި ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ތުހުމަތުވާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް ފުލުހުން އެދުނު ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްނުދީ ދޫކޮށްލާފައެވެ.

މީގެ ކުރިން ވެސް ކޯޓު އަމުރުގައި މައްސަލަ ހުރުމުން ބޮޑެތި ތުހުމަތުތަކެއްކުރެވުނު ކުށްވެރިން ވެސް ދޫކޮށްލާފައިވެއެވެ.

comment ކޮމެންޓް