ދެ ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމާއި، ތިން ރަށެއްގެ ފުޓްބޯޅަދަނޑުގެ ސަބްބޭސް އަލުން ރަނގަޅު ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމަންޓުން މިއަދު ވަނީ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތައް ހަވާލުކުރި ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މީގެ ތެރެއިން ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތް ކުރުމަށް މިފަހަރު ހަމަޖެހިފައިވާ ދެ ރަށަކީ، ރ. ހުޅުދުއްފާރާއި، ރ. މަޑުއްވަރީ އެވެ.
ހުޅުދުއްފާރު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)އާއެވެ. މި މަސައްކަތުގެ އަގަކީ 2.6 މިލިއަން ރުފިޔާއެވެ. އެއްބަސްވުމުގައި ވާގޮތުން މަސައްކަތް ނިންމުމަށް ދީފައިވަނީ 45 ދުވަހެވެ.

ހުޅުދުއްފާރު ދަނޑު ހެދުމުގެ މަސައްކަތް ހަވާލުކުރުމުގެ ތެރެއިން-- ފޮޓޯ/ޔޫތް މިނިސްޓްރީ
ރ.މަޑުއްވަރީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތްވެސް ހަވަލުކޮށްފައިވަނީ، އާރުޑީސީއާއެވެ.
އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ، 1.7 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމަންޖެހެނީ 45 ދުވަހުގެ ތެރޭގައެވެ.

މަޑުއްވަރީ ދަނޑުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން--- ފޮޓޯ/ޔޫތް މިނިސްޓްރީ
ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ރެކްޓިފައިކުރުން ނުވަތަ އަލުން ފަސްގަނޑު ރަނގަޅުކޮށް އެއްވަރުކުރުމުގެ މަސައްކަތް ކުރުމަށް މިފަހަރު ނިންމާފައިވާ ރަށްތަކަކީ، ބ. ދަރަވަންދޫ، ބ.ތުޅާދޫ އަދި ހއ.މުރައިދޫގަ އެވެ.
ބ. ދަރަވަންދޫގެ ފުޓްބޯޅަދަނޑުގެ ފަސްގަނޑު ރަނގަޅުކޮށް އެއްވަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 449،835.38 ރުފިޔާއަށް އޯޓެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ހަތް ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ދަރަވަންދޫ ދަނޑުގެ މަސައްކަތް ހަވާލުކުރުމުގެ ތެރެއިން-- ފޮޓޯ/ޔޫތް މިނިސްޓްރީ
ތުޅާދޫގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އޯޓެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އަގެއްގެ ގޮތުގައި 474،437.98 ރުފިޔާ ކަނޑައެޅިފައިވާއިރު، މަސައްކަތް ހަތް ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ތުޅާދޫ ދަނޑު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން--- ފޮޓޯ/ޔޫތް މިނިސްޓްރީ
ހއ. މުރައިދޫގެ ފުޓްބޯޅަދަނޑުގެ މަސައްކަތް ވެސް އޯޓެކްސް ޕްރައިވެޓް ލިމިޓެޑާ 446،099.52 ރުފިޔާއަށް ހަވާލުކޮށްފައިވާއިރު، މި ދަނޑުގެ މަސައްކަތް ވެސް ހަތް ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

މުރައިދޫ ދަނޑު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ/ޔޫތް މިނިސްޓްރީ
މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމަންޓުން ތިން ރަށެއްގެ ފުޓްބޯޅަދަނޑުގެ ސަބްބޭސް ރެކްޓިފައިކުރުމުގެ މަސައްކަތް އަލުން ކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާއިރު، މީގެ ތެރެއިން ބައެއް ދަނޑުގެ ފަސްގަނޑު ވަނީ މީގެ ކުރިން އެތައް ފަހަރަކު ރަނގަޅުކޮށްފައެވެ.
މިއިން ކޮންމެ ފަހަރަކުވެސް މިކަން ކުރުމަށް ދައުލަތުގެ ބައިތުލްމާލުން ބޮޑެތި ޚަރަދުތަކެއް ކުރެއެވެ.

ތުޅާދޫ ފުޓްބޯޅަދަނޑު މިހާރު އޮތް ހާލަތު. ބައެއް ރަށްރަށުގެ ދަނޑުތަކުގައި ކާޕެޓު އެޅުން ލަސްވުމުގެ ސަބަބުން ވަނީ ވަރަށްބޮޑަށް ވިނަފަޅާފައި--
"ސަން"އަށް މައުލޫމާތު ލިބިފައިވާގޮތުގައި ދަނޑުގެ ސަބްބޭސް މަސައްކަތް ދެވަނަ ފަހަރަށް ކުރަންޖެހުމުގެ މައިގަނޑު ސަބަބަކީ އެ މަސައްކަތް ނިމޭއިރު، ދަނޑުގައި އަޅަންޖެހޭ ކާޕެޓު ނުލިބުމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދަނޑުތައް ނިންމުމުގައި މިހާރު ދިމާވާ ކަންކަން ހައްލުކުރުމަށް ޔޫތު މިނިސްޓްރީން މިހާރު ވަނީ ބައެއް ކަންކަން ކުރާ އުސޫލްތަކަށް ބަދަލުގެނެސްފައެވެ. މިގޮތުން މިހާރު އޮންނަގޮތުން ސަބްބޭސް އެއްވަރުކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ކާޕެޓް ގެންނަން އޯޑަރުދޭން ޖެހެއެވެ.