ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ފައްޓަވަން ޖައިޝަންކަރު ރާއްޖެ ވަޑައިގެންފި

18 ޖެނުއަރީ 2023: ރަސްމީ ދަތުރުފުޅެއްގައި ޖައިޝަންކަރު ރާއްޖެ ވަޑައިގަތުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ޓަކައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ޖައިޝަންކަަރަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޝާހިދުގެ އަރިހުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވެސް ހުންނެވިއެވެ.

މާފަރު އެއާޕޯޓުން ދެން ޖައިޝަންކަރު ވަޑައިގަތީ ނ. މަނަދުއަށެވެ.

މިއީ ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ހަތަރުވަނަ ރަސްމީ ދަތުރުފުޅެވެ.

ރަސްމީ ދަތުރުފުޅެއްގައި ޖައިޝަންކަރު ރާއްޖެ ވަަޑައިގެން ނ. މަނަދުއަށް ވަޑައިގަތުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

މި ދަތުރުފުޅުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފެއްޓެވުމުގެ އިތުރުން ރަސްމީ އެޖެންޑާގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވެއެވެ.

އެއާޕޯޓު މަޝްރޫއުގެ މަސައްކަތް ފެެށުމުގެ ރަސްމިއްޔާތު އޮންނާނީ މިރެއެވެ.

އެއާޕޯޓް މަޝްރޫއުގެ ސްކޯޕް

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖީއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 136.6 މިލިއަން އެމެރިކާ ޑޮލަރަށެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރެވޭނެއެވެ.

ހަމައެއާއެކު ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރާނެއެވެ.

އެ މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދޭނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާއާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބޭނެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެންމެ މުހިއްމު މަޝްރޫއުގެ ތެރެއިން އެއް މަޝްރޫޢެވެ.

އެ މަޝްރޫޢަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކޮށް، އެ ސަރަޙައްދުގައި ވިޔަފާރިއާއި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅުގައި ފެށޭނެކަމަށާއި 2024 ގައި މަޝްރޫޢު ނިމި އެއާޕޯޓްގެ ޚިދުމަތް ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް