12 އަހަރަށް ފަހު ހަނިމާދޫން ގޯތި ދޫކޮށްފި

ހަނިމާދޫ---

ހދ. ހަނިމާދޫން ގޯތި ދޫނުކުރާތާ 12 އަހަރު ފަހުން އެ ރަށުން 200 ގޯތި ދޫކޮށްފިއެވެ.

ހަނިމާދޫ ކައުންސިލުން ގޯއްޗަށް އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އެކަމާ ގުޅިގެން ހަނިމާދޫ ކައުންސިލުގެ ރައީސް އަބްދުއްސައްތާާރު ހަސަން މިއަދު "ސަން"އަށް ވިދާޅުވީ ގޯއްޗަށް ހުޅުވާލި މުއްދަތުގެ ތެރޭގައި 500އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅި ކަމަށެވެ. އަދި އޭގެ ތެރެއިން ގޯތި ދޫކޮށްފައިވަނީ ޖުމުލަ 200 މީހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ގޯތި ދޫކޮށްފައި ވަނީ ހަނިމާދޫގެ ރަސްމީ ބޯޅަދަނޑުގެ އިރުމަތީ ފަރާތުންްނާއި ހަތިފުށީ ރައްޔިތުންނަށް ދީފައިވާ ގޯތިތަކުގެ އިރުމަތީ ފަރާތުންނާއި ފެކްޓްރީ ހިންގުމަށް ކުރިން ދޫކޮށްފައިވާ ބިމުގެ ބަޔަކުން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތާނގައިވެސް ގޯތި ދޫކުރާނެ ކަމަށެވެ. އަދި އެކަން ކުރާނީ ރައްޔިތުން ބޭނުންވާ ގޮތްތަކަށް ބެލުމަށް ފަހު ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ހަނިމާދޫން މިފަހަރު ގޯތި ދޫކުރީ އެ ރަށުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް އެކަންޏެވެ. އެއީ އެ ރަށުގެ ބައެއް ރައްޔިތުން މިހާރު ވެސް ކުއްޔަށް އުޅޭތީ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ނަމަވެސް ހަނިމާދޫއަކީ އެހެން ރަށްރަށުގެ މީހުންވެސް ދިރިއުޅުމަށް ބޭނުންވާ ރަށަކަށް ވާތީ އެފަދަ މީހުންނަށް ހާއްސަކޮށް ބިން ދޫކުރުމުގެ ވިސްނުން ވެސް ގެންގުޅޭ ކަމަށް އަބްދުއްސައްތާރު ވިދާޅުވިއެވެ. އޭގެ ސަބަބުން ރަށުން ބިމުގެ ދަތިކަން ކުރިމަތިވުމަކީ އެކަށީގެންވާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަނިމާދޫ އަކީ ހދ. ހޮނޑައިދޫންނާއި ހއ. ހަތިފުއްޓާއި އއ. ފެރިދޫ އާއި ޅ. މާފިލާފުށިން ހިޖުރަ ކުރި މީހުން ވެސް ދިރިއުޅޭ ރަށެކެވެ.

ހަނިމާދޫގެ ޖުމުލަ އާބާދީ 3،000އަށްވުރެ މަތީގައި އުޅޭއިރު އެރަށުގައި ރަޖިސްޓްރީ ވެފައިވާ މީހުންގެ އާބާދީ އަކީ 2،386އެވެ.

comment ކޮމެންޓް