އުނގޫފާރު ކައުންސިލުން 2020ގައި ގަވައިދާ ޚިލާފަށް 11 މިލިއަން ރުފިޔާ ޚަރަދުކުރި

ރ.އުނގޫފާރު--- ފޮޓޯ/އެމްޓީސީސީ

ރ. އުނގޫފާރު ކައުންސިލުން މާލިއްޔަތު ގަވައިދާ ޚިލާފަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް އޮޑިޓާ ޖެނެރަލް ނެރުއްވި އެ ކައުންސިލްގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް ޙުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވާފައިވާ އުނގޫފާރު ކައުންސިލް އިދާރާގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ މުދަލާއި ޚިދުމަތް ހޯދުމުގެ ކުރިން ވެރިއެއްގެ ހުއްދަ ނުހޯދައި ކައުންސިލުން ޚަރަދުކޮށްފައިވާ މައްސަލައެވެ.

އޮޑިޓް ރިޕޯޓުގައިވާގޮތުން 2020 ވަނަ އަހަރު އެ ކައުންސިލުން، ހުއްދަ ދޭ ފޮތް ނުވަތަ ފޯމު ފުރިހަމަ ނުކޮށް ޖުމްލަ 4.5 މިލިއަން ރުފިޔާގެ ޚިދުމަތާއި ތަކެތި ހޯދާފައިވެއެވެ. މިކަމާ ގުޅޭގޮތުން އޮޑިޓަ ޖެނެރަލް ވިދާޅުވެފައިވަނީ، މިއީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް ވަކި ފަރާތަކަށް މަންފާ ހޯދުމަށް ހިންގާފައިވާ މުއާމަލާތެއްގެ ގޮތުގައި ބެލެވިދާނެކަމަށެވެ.

އުނގޫފާރު ކައުންސިލްގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު ދެން އެންމެ ފާހަގަކޮށްލެވެނީ ބީލަމަށް ހުޅުވާނުލައި، ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ މައްސަލައެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އުނގޫފާރު ކައުންސިލް އިދާރާއިން އެ އަހަރު 14 ޕޭމަންޓް ވައުޗަރަކުން ޖުމްލަ 3.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.

ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ގޮތުން ތަކެތި ގަތުމާއި މަސައްކަތް ކުރުވުމާއި ޚިދުމަތް ހޯދުމުގެ މަޝްރޫއުތަކުގެ އަގު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ އާންމުކޮށް އިޢުލާންކޮށް ބީލަމަށް ހުޅުވާލަން ޖެހެއެވެ.

އޮޑިޓް ރިޕޯޓުގައި ވާގޮތުން އުނގޫފާރު ކައުންސިލުން ވަނީ 2020 ވަނަ އަހަރު، މުދާ ބަލައިގަތުމަށްފަހު މުދާ ލިބުނުކަމަށް ސޮއިނުކޮށް 3.5 މިލިއަން ރުފިޔާގެ ތަކެތި ހޯދާފައެވެ. މުދަލަށް އޯޑަރުކުރާ ފޯމުގައި ސޮއިކޮށްފައި ނެތުމުން، އޯޑަރުކުރި ތަކެތި އިދާރާއަށް ހަމަޔަށް ލިބުނުކަމާއި، ލިބުނު ތަކެއްޗަކީ އިދާރާއަށް ބޭނުންކުރެވޭ ފެންވަރުގައި ހުރި ތަކެތިކަން ލިޔެކިޔުމުން ކަށަވަރުކުރެވިފައި ނުވާކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމުގެ ތެރޭގައި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިންތައް ކުއްޔަށް ދިނުމާ ގުޅޭ ލިޔުންތައް އޮޑިޓަށް ލިބިފައި ނުވުމާއި، ފައިސާލިބޭ ކަންތައްތަކުގެ ދަފްތަރު އަދާހަމަކޮށްފައިނުވުމާއި، ކައުންސިލް އިދާރާގައި ބެހެއްޓި ފައިސާގެ ލިޔެކިޔުންތައް ބަލަހައްޓާފައި ނުވުން ހިމެނެއެވެ. މީގެ އިތުރުން އުނގޫފާރު ކައުންސިލް އިދާރާގެ ބިޑް ކޮމިޓީ ފިނޭންސް މިނިސްޓްރީގައި ރަޖިސްޓަރީ ވެފައި ނުވާތީ އެކަންވެސް އޮޑިޓާ ޖެނެރަލްވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް