އެހެން ސަރުކާރަކަށް ފަސް އަހަރުން ނުކުރެވުނު ކަންކަން ދެ އަހަރުން ކޮށްދެވިއްޖެ: ރައީސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިހަވަންދޫގައި ވާހަަކަފުޅުދައްކަވަނީ -- ސަން ފޮޓޯ

އެހެން އެއްވެސް ސަރުކާރަކަށް ފަސް އަހަރުން ނުހިންގުނުހާ ތަރައްގީގެ ގިނަ މަޝްރޫއު މި ސަރުކާރުން އެންމެ ދެ އަހަރުގެ ތެރޭ ހިންގައިފައިވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިނަށް ހއ. އާއި ހދ.ގެ ބައެއް ރަށްތަކަށް ރައީސް ޞާލިޙު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. އިހަވަންދޫގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މި ދައުރުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރުންކަމަށެވެ.

އޭގެ ސަބަބުން ރާއްޖެއަށް ވެސް ގޮންޖެހުންތައް ކުރިމަތިވިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި ސަރުކާރުން އެ ހާލަތު މެނޭޖުކުރީ ބޭރުގެ ގައުމުތަކުން ވެސް ބަލައިގަންނަ ފަދަ ރަނގަޅު ގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އާންމު ހާލަތެއްގައި ވެރިކަމުގެ މުޅި ދައުރު ލިބުނު ނަމަ މާ ފުރިހަމައަށް ކަންކަން ހިންގުނީސްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އެ ހަނދާނެއް މިއަދު ނެތް. ހަތަރު އަހަރު އެކީގައި އަޅުގަނޑުމެން އާންމު ހާލަތުގައި އުޅުނު ކަމަށް ދެކެވަޑައިގެން ވާހަކަފުޅުދައްކަވަމުން އެބަ ގެންދޭ. އެހެންނަމަވެސް މި ލިބުނު ގާތްގަނޑަކަށް ދެ އަހަރު ތެރޭގައި އެއްވެސް ސަރުކާރަކުން މި ވޭތުވެދިޔަ ތަނުގައި ފަސް އަހަރު ދުވަހުގެ ތެރޭ ނުކުރާވަރުގެ ގިނަ މަސައްކަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެންނަށް ހިންގިއްޖެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްވަނީ އިހަވަންދޫ ދާއިރާއަށް ގެނެސްދެވުނު ތަރައްގީ ހިއްސާކުރައްވައިފައެވެ.

އެގޮތުން މިދިޔަ އަހަރު ނިމުނުއިރު އިހަވަންދޫއަށް 129.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މާރަންދޫއަށް 34 މިލިއަން ރުފިޔާ އަދި، މޮޅަދޫއަށް 44 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެން ވިސްނަންވީ ތަރައްގީއާއެކު ކުރިއަށްދާނީތޯ ނުވަތަ ނޫންތޯ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ވިސްނަންވީ މި ހިންގާ މަޝްރޫތައް އަނެއްކާ ވެސް މެދުކަނޑައިލައި މަގުމައްޗަށް ނިކުންނާނީތޯ. ނޫނިއްޔާ މި ފަށައިފައި ހުރި މަސައްކަތްތަކަށް، ކުރަން ހުރި މަސައްކަތްތަކަށް ފުރުސަތު ލިބޭ ގޮތަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން ދާނީތޯ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިހަވަންދޫއަކީ އެމްޑީޕީގެ "ހަބެއް"ކަމަށެވެ. އެހެންކަމުން އެ ދާއިރާއިން ޕްރައިމަރީގައި ނެރޭނެ ނަތީޖާއަކީ އެހެން ދާއިރާތަކުން ވެސް ފެންނާނެ ނަތީޖާކަމަށް ވިދާޅުވިއެވެ.

އަދި ރައީސް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ސާފުކޮށް ފެނިވަޑައިގަންނަވާ ހަގީގަތަކީ އެ މަނިކުފާނަށް އެ އިންތިޚާބު ކާމިޔާބުވާ މަންޒަރުކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް