119 ކިލޯ ޑްރަގް މައްސަލަ: ތިން މީހުންގެ ބަންދަށް ވެސް ލުޔެއް ނުދިން

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯ މަސްތުވާތަކެތި: އެ މައްސަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައި ---- ފޮޓޯ: ފުލުހުން

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބުރުޒުމަގުގައި ޕާކްކޮށްފައި އޮތް ޓެކްސީއަކުން އަތުލި 119 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް ލުއި ނުދޭން ޝަރީއަތުން ނިންމައިފިއެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވަނީ ގދ. ހޯޑެއްދޫ ގުލޭނޫރަންމާގޭ އަލީ ޒުބައިރާއި އެ ރަށު އިރުމަތީގޭ އަހުމަދު ސުނައިނާއި އެ ރަށު އަލޯރާ އަހުމަދު މުޖާހިދުގެ މައްޗަށެވެ.

ތިން މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި ބަންދު މުރާޖާ ކުރުމުގެ އަޑުއެހުމުގައި ދިފާއީ ވަކީލު އެދިވަޑައިގަތީ މައްސަލަ ވީހާވެސް އަވަހަކަށް ކުރިއަށް ގެންދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށެވެ. އަދި ބަންދާ ގުޅޭ ގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދިފާއީ ވަކީލު ވަނީ އެ މީހުންގެ ބަންދަށް ލުޔެއް ދިނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު މިއަދު ނިންމެވީ އެ ތިން މީހުންގެ ބަންދަށް ލުޔެއް ދޭންޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެ ތިން މީހުން ވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި 119 ކިލޯ ޑްރަގަކީ ފުޅާ ދާއިރާއެއްގައި ޑްރަގް ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރާ ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދަށް ނިސްބަތްވާ ތަކެއްޗެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މުޖާހިދަކީ އަރުޝަދުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ މުޖާހިދު ދޫކޮށްލުމަށް ވެސް އަމުރު ކޮށްފައެވެ. ނަމަވެސް އެ އަމުރު ހައި ކޯޓުން ވަނީ ބާތިލްކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރު ކޮށްފައެވެ.

comment ކޮމެންޓް