ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އިލްމީ ގޮތެއްގައި އެކަން ދެނެގަނެ އާންމުންނާ ހަމައަށް ގެނެސްދިނުމުގެ ގޮތުން، ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގެ ނަމުގައި ކޮންމެ އަހަރަކު ވެސް ޚާއްސަ ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.
ފުލުހުންނާއި، ހޯމް މިނިސްޓްރީގެ އިތުރުން ޕޮލިސްބޯޑު ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، މި ކޮންފަރެންސް ވާނީ، ރައްޔިތުންގެ މަޝްވަރާ ވެސް ލިބިގަނެވޭނެ ކޮންފަރެންސަކަށް ކަމަށެވެ.
"މި ކޮންފަރެންސްގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ޔުނިވާސިޓީ ކޮލެޖް، މަދަނީ ޖަމިއްޔާތައް ހިމެނޭހެން އަދި އަމިއްލަ ފަރާތްތަކުން ވެސް ކަރުދާސް ހުށަހަޅައި މަޝްވަރާކުރެވިގެން ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށް މަަސައްކަތްކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޕޮލިސް ބޯޑުގެ ޗެއާ އަހްމަދު ފަސީހު ވިދާޅުވީ، އިލްމީ ބޭފުޅުންނާއި ސަލާމަތީ ކަންކަމާ ގުޅުންހުރި އެންމެން އެއް މޭޒަކަށް ގެނެވިގެން ނޫނީ ރަނގަޅު ނަތީޖާއެއް ނުނެރެވޭނެކަމަށެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ބޯޑުގެ ޗެއާ އަހްމަދު ފަސީހު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
"އެނގިވަޑައިގަންނަވާނެ، ފުލުހުންނަކީ މަދަނީ ބަޔަކަށް ވެގެންދިޔައިމަ އަޅުގަނޑުމެން ކަންކަން ހައްލުކުރުމުގައި ރައްޔިތުންގެ ތެރެއިން ޚިޔާލްތައް ނެގި އެ ބޭފުޅުންނަށް އަޅުގަނޑުމެންނާ އެކީ މަސައްކަތްކުރެވިއްޖެނަމަ އަޅުގަނޑުމެން ނިންމާ ނިންމުންތައް ވަަރަށް ބޮޑަށް ފުރިހަމަ ކުރެވިގެންދާނެ،" ފަސީހު ވިދާޅުވިއެވެ.
މި ކޮންފަރެންސް މި އަހަރު އޮންނާނީ ކުރިއަށް އޮތް މާޗު މަހުގެ 18 އިން 20ގެ ނިޔަލަށެވެ. މި ކޮންފަރެންސްގައި ގިނަ ދާއިރާތަކަކުން ކަރުދާސް ހުށަހަޅާނެއެވެ.
އެ ދާއިރާތަކަކީ:
- ކްރައިމް ޕްރިވެންޝަން
- ނެޝަނަލް ސެކިއުރިޓީ އެންޑް ކައުންޓަ ޓެރަރިޒަމް
- ފައިނޭންޝަލް ކްރައިމް އެންޑް އެންޓި މަނީ ލޯންޑަރިން
- ސައިބާ ކްރައިމް
- ފޮރެންސިކްސް
- ލީޑާޝިޕް
- އޯގަނައިޒޭޝަން ރެސީލިއަންސް އެންޑް އޮފިސާސް ވެލްބިއިން
- އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ
- ޓްރާންސްޕޯޓް އެންޑް މެރިޓައިމް ސެކިއުރިޓީ
- އެފިޝެންސީ އެންޑް އިފެކްޓިވްނަސް
- ރޯޑް ސޭފްޓީ
ޕޭޕަރުތައް ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވައިލައިފައެވެ.
ކޮންފަރެންސްގެ ފުރަތަމަ ދުވަހު ކަރުދާސްތައް ހުށަހަޅައި މަޝްވަރާ ކުރާނެއެވެ. ދެވަނަ ދުވަހު ކުށްކުރާ މީހުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެއެވެ. އަދި ތިންވަނަ ދުވަހު އޮންނާނީ ސަލާމަތީ ޚިދުމަތްތަކުގައި ބޭނުންކުރާ ބައެއް ވަސީލަތްތަކާއި ހަރަކާތްތައް ދައްކާލުމުގެ އެކްސްޕޯއެކެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުންގެ މަސައްކަތް ހަރުދަނާކުރުމަށް ޓަކައި އިލްމީ ދިރާސާތައް މުހިންމުކަމަށެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ ޕޮލިސް މުހައްމަދު ހަމީދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
އެ ކަންވާނީ ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށް ލިބޭނެ އިތުރު ބާރަކަށްކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
"ފުލުހުންގެ މަސައްކަތަކީ ވަރަށް ބޮޑަށް ރިސާޗަށް ބޭސްކޮށް، ފުލުހުން ހިންގާ ހަރަކާތެއް އެންމެ ރަނގަޅަށް އެ ހަރަކާތަކުން ބޭނުންވާ ނަތީޖާ ހާސިލްކުރެވޭނީ ކޮން ގޮތަކަށް އެ ހަރަކާތެއް ހިންގައިގެންތޯ، އެ ލިބޭނެ ފަދަ އެވިޑެންސް އަޅުގަނޑުމެންގެ އަތުގައި ހުރެގެން އެ އެވިޑެންސަށް ބިނާކޮށް އަޅުގަނޑުމެން މަސައްކަތްކުރަނީ،" ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ މަސައްކަތަކީ ފުޅާދާއިރާއެއްްގައި ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ މުއައްސަސާއެއް ކަމަށެވެ. އަދި ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން ނެރެވޭ ނަތީޖާ ވެސް ރައްޔިތުންނަށް އެނގުން މުހިންމުކަމަށް ވިދާޅުވިއެވެ.