ރަޝިއާއިން ޔޫކްރޭނުގައި ކުރަމުންދާ ހަނގުރާމައިގައި ހުރިހާ ކަމެއް ވެސް ދަނީ އެގައުމުގެ ޑިފެންސް މިނިސްޓްރީން ރާވާފައިވާ ގޮތާ އެއްގޮތަށް ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.
ރަޝިއާގެ ޓީވީ ޕްރޮގްރާމެއްގައި ޕުޓިން ވިދާޅުވީ އެގައުމުގެ ޑިފެންސް މިނިސްޓްރީ އާއި އަސްކަރީ އޮފިސަރުންގެ ރާވާފައިވާ ގޮތަށް، ހަނގުރާމައިގެ ކަންތައްތައް ކުރިއަށްދާ ކަމަށެވެ. އަދި އެގައުމުގެ ހަނގުރާމަވެރިން ރަނގަޅު ނަތީޖާއެއް ނެރެ ގައުމު އުފާކޮށްދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޕުޓިން ވިދާޅުވިއެވެ.
ޕުޓިން އެފަދައިން ވިދާޅުވީ، ރަޝިއާއިން މިދިޔަ ހޮނިހިރު ދުވަހު ޔޫކްރޭނަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކެއް އެގައުމުގެ ނިޕްރޯ ސިޓީގައި އާންމުން ދިރިއުޅޭ އިމާރާތަކަށް އަރައި، މަރުވި މީހުންގެ އަދަދު 30އަށް ވުރެ މައްޗަށް އަރާފައި ވަނިކޮށެވެ.
ރަޝިއާއިން ޔޫކްރެއިނަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކެއްގައި އެ ޤައުމުގެ ސިޓީއެއް ކަމަށްވާ ޑްނިޕްރޯގައި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ގެއްލުންވުން -- ފޮޓޯ/ ބީބީސީ ނިއުސް
ރަޝިޔާއިން ޔޫކްރެއިނަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައި ވަނީ ޔޫކްރެއިން ދިފާއު ކުރުމަށް ހަނގުރާމަ ކުރަމުންދާ ސިފައިންނަށް އެންމެ ފަހުގެ ޒަމާނީ ޓޭންކުތަކެއް ފޯރުކޮށްދޭން ނިންމައި، އިނގިރޭސިވިލާތުން އެ ކަން އިއުލާނުކުރިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. ޔޫކެރޭނުން ވަނީ ޓޭންކު ފަދަ ހަނގުރާމަމަތީ ޒަމާނީ އުޅަނދުފަހަރު ފޯރުކޮށްދިނުމަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުގެ ކިބައިން އެދިފައެވެ.
ރައީސް ޕުޓިންގެ އެންގެވުމަށް ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ޔޫކްރޭނަށް އެރީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 24 ގައެވެ.
ރަޝިއާއިން ބުނާގޮތުން އެގައުމުން ޔޫކްރޭނަށް އެރީ ހަނގުރާމައެއް ފެށުމަށް ނޫނެވެ. ނަމަވެސް އެގައުމުގައި ޚާއްސަ އަސްކަރީ އޮފަރޭޝަނެއް ކުރިއަށްގެންދިޔުމަށެވެ.
ޔޫކްރޭނަށް ސިފައިން އަރަން ޕުޓިން އެންގެވީ، ނޭޓޯގެ އިއްތިހާދާ ގުޅެން އެގައުމުން މަސައްކަތް ކުރަމުންދާތީ އެކަމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވުމަށް ފަހުގައެވެ.
ރަޝިއާއިން ބުނާ ގޮތުގައި ޔޫކްރޭން ނޭޓޯގެ މެންބަރަކަށްވެއްޖެ ނަމަ ނޭޓޯގެ އަސްކަރީ ފައުޖުތައް އޮންނާނީ ރަޝިއާގެ ސަރަހައްދީ ރޮނގުގައެވެ. އެހެންކަމުން އެއީ އެގައުމަށް އޮތް ނުރައްކަލެއް ކަމަށް ރަޝިއާއިން ބުނެއެވެ.
ޔޫކްރޭންގެ ވެރިރަށަށް އަމާޒުވި ހަމަލާއެއްގައި ލިބުނު ގެއްލުންތަކެއް -- ފޮޓޯ/ ރޮއިޓާސް
ރަޝިއާ ވަނީ 2014 ވަނަ އަހަރު ޔުކްރެއިންގެ ކްރައިމިޔާވެސް ހިފާފައެވެ. ކްރައިމިޔާއަކީ ކުރިން ރަޝިއާގެ ސަރަހައްދެކެވެ. އެ ސަރަހައްދު ޔުކްރެއިން ތަނަކަށް ހެދީ ކުރީގެ ސޮވިއެޓް ޔޫނިއަންގެ ދުވަސްވަރުއެވެ. ކްރައިމިޔާގެ އާބާދީގެ ގާތްގަނޑަކަށް 85 އިންސައްތައަކީ ރަޝިއާ ދަރިކޮޅުގެ މީހުންނެވެ.