އަރުތަ ޕްރޮގްރާމުން ތަމުރީނުވުމުގެ ފުރުސަތު ރަފާއަށް

"އަރުތަ" ޕްރޮގްރާމްގައި ރަފާއާއެކު ސޮއި ކުރުމުގެ ތެރެއިން --- ފޮޓޯ/ މިނިސްޓަރު މަހުލޫފް

ޒުވާން ކުޅުންތެރިން ތަމުރީނުކޮށް ކުރިއެރުވުމުގެ މަގުސަދުގައި ޔޫތު މިނިސްޓްރީން ފެށި "އަރުތަ" ޕްރޮގްރާމުގެ ދަށުން ތަމްރީނު ހެދުމުގެ ފުރުސަތު ޓޭބަލް ޓެނިސްގެ ތަރި އައިޝަތު ރަފާ ނާޒިމަށް ދީފިއެވެ.

މިއަދު ޔޫތު މިނިސްޓްރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަރުތަ ޕްރޮގްރާމްގެ ދަށުން ރާއްޖޭން ބޭރުގައި ހަދާ ތަމްރީނުތަކަށް ބޭނުންވާ ކަންކަން ފަހިކޮށްދީ، ޓީޓީ މުބާރާތްތަކަށް ދިއުމަށް ރަފާއަށް އެހީތެރިކަން ފޯރުކޮށްދޭން 10 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ރަފާއާއެކު މިއަދު ޔޫތު މިނިސްޓްރީން ސޮއި ކޮށްފައިވާކަމަށެވެ.

ރަފާގެ ނަން އަރުތަ ޕްރޮގްރާމްގެ ލިސްޓަށް އިތުރުކުރުމުގެ ކުރިން ރާއްޖޭގެ ޒުވާން ފެތުންތެރިޔާ އީން އައްބާސް ޝަރީފާއި ރާއްޖޭގެ ގައުމީ ބީޗްވޮލީ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)އާއި، ކުރިއަރަމުން އަންނަ ބާރު ދުވުންތެރިޔާ އިބާދުﷲ އާދަމްގެ އިތުރުން އުމުރުން 14 އަހަރުގެ ޓެނިސް ކުޅުންތެރިޔާ އާރާ އާސާލް އާޒިމް ވެސް ވަނީ އެ ލިސްޓުގައި ހިމަނައިފައެވެ. އަދި ދާދިފަހުން ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީގެ ނަން ވެސް ވަނީ އެ ލިސްޓުގައި ހިމަނައިފައެވެ.

އަރުތަ ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގައި ޕްރޮފެޝަނަލް ކުޅުންތެރިން އުފެއްދުމެވެ.

އެ މަސައްކަތުގެ ތެރެއިން، އެތުލީޓުންނަށް ބޭނުންވާ އިލްމާއި ހުނަރާއި އަހުލާގު ދަސްކޮށްދިނުމުގެ ގޮތުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފެސިލިޓީތަކުގައި ދުނިޔޭގެ ފެންވަރުގެ ކޯޗުންނާއެކު ތަމްރީނުވުމުގެ ފުރުސަތު "އަރުތަ" ސްކޮލަޝިޕް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ތިބެގެން ތަމްރީނު ހޯދުމުގެ ފުރުސަތު ވެސް ފަހިކުރެވޭނެކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

އަރުތަ ޕްރޮގްރާމް ލޯންޗުކުރުމުގެ ކުރިންވެސް ސަރުކާރުގެ އެހީގައި ބައެއް ކުޅިވަރުތަކުގެ އެތުލީޓުން އައީ ރާއްޖެއިން ބޭރުގައި ތަމްރީން ހަދަމުންނެވެ.

comment ކޮމެންޓް