ނަތަންޔާހޫގެ ސަރުކާރަކީ ދީނީގޮތުން ހަރުކަށި ޖައްބާރު ސަރުކާރެއް: އިސްރާއީލުގެ އާންމުން

ނަތަންޔާހޫ ގެ ކޯލިޝަން އާ ދެކޮޅަށް އިސްރާއީލުގައި މުޒާހަރާކުރަނީ

ޓެލްއަވީވް (15 ޑިސެންބަރު 2022): ޔަހޫދީންގެ ހައްދުފަހަނަޅާފައިވާ ދީނީ ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކުލަވާލެއްވި އާ ސަރުކާރާ ދެކޮޅަށް އެގައުމުގައި ބޮޑެތި މުޒާހަރާތަކެއް ކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުގެ ބައެއް ސިޓީތަކުގައި ނަތަންޔާހޫގެ ހަރުކަށި ސަރުކާރާ ދެކޮޅަށް ރައްޔިތުން މުޒާހަރާކުރިއިރު މީގެތެރެއިން އެންމެ ބޮޑު މުޒާހަރާއެއްކޮށްފައިވަނީ ވެރިރަށް ޓެލްއަވީވުގައެވެ. ޓެލްއަވީވުގައި ކުރިމުޒާހަރާގައި 80 ހާހަށްވުރެ ގިނަ މީހުން ބައިވެރިވިއިރު މިއީ ރެކޯޑު އަދަދެކެވެ.

ޓެލްއަވީވުގެ އިތުރުން ހިފާފައިވާ ގުދްސުގައި ހުންނަ ބޮޑުވަޒީރުގެ ގެ ކައިރީގައާއި އިސްރާއީލުގެ ރައީސްގެ ގެކައިރީގައާއި އިސްރާއީލުން ހިފާފައިވާ އެގައުމުގެ އިރުމަތީ ރަށެއް ކަމުގައިވާ ހައިފާގައި ވެސް ނަތަންޔާހޫއާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރިއެވެ.

ނަތަންޔަހޫ އާއި އޭނާގެ ކޯލިޝަން ގެ ބައިވެރިއެއް

މުޒާހަރާކުރި މީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ އިސްރާއީލުގައި ހިމެނޭ ޔަހޫދީގޮތުން ހައްދުފަހަނަޅާފައިވާ ދީނީ ޕާޓީތަކާ ގުޅިގެން ނަތަންޔާހޫ ވެރިކަންކުރަން އުޅުއްވާތީއެވެ. ޔަހޫދީ ހައްދުފަހަނަޅާފައިވާ ދީނީ ޕާޓީތަކަކީ ޔަހޫދީ ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ވެރިކަމުގެ ބާރުތައް ހޯދަން މަސައްކަތްކުރާ ޕާޓީތަކެވެ. ދީނީގޮތުން މާބޮޑަށް ހަރުކަށިވުމަކީ އިސްރާއީލުގެ ޔަހޫދީންގެ ތެރޭގައި ހިމެނޭ ލާދީނީ މީހުންނާ އަދި މެދުމިނުގެ ޔަހޫދީންވެސް ވަރަށް ބޮޑަށް ރުޅިއަންނަ ކަމެކެވެ.

ކޯލިޝަނެއް ނުހަދައި ވެރިކަން ކުރެވޭވަރަށް ނަތަންޔާހޫގެ ޕާޓީއަށް ޕާލަމެންޓްގެ ގޮނޑި ނުލިބުމާއި ނަތަންޔާހޫއާއެކު ކޯލިޝަން ހަދަން ގިނަ ޕާޓީތައް ބޭނުންނުވުމުން އޭނާ ސަރުކާރު އެކުލަވާލީ ޔަހޫދީ ހަރުކަށި ދީނީ ޕާޓީއެއްކަމަށްވާ ޖެވިޝް ނެޝަނަލް ފްރަންޓާއި ރެލިޖަސް ޒަޔަނިޒަމް ޕާޓީއާ ގުޅިގެންނެވެ. މީގެތެރެއިން ޖެވިޝް ނެޝަނަލް ފްރަންޓް ޕާޓީގެ ވެރިއަކީ ހަރުކަށި ދީނީ ލީޑަރެއްކަމަށް އިތަމާރު ބެންގަވިންއެވެ. ރެލިޖަސް ޒަޔަނިޒަމް ޕާޓީ ގެ ލީޑަރަކީވެސް ދީނީގޮތުން ހައްދު ފަހަނަޅާފައިވާ ލީޑަރެއްކަމަށްވާ ބެޒެލެލް ސްމޮޓްރިޗްއެވެ.

ނަތަންޔާހޫ ގެ ވެރިކަމާ ދެކޮޅަށް އިސްރާއީލުގައި މުޒާހަރާކުރަނީ

މިދެޕާޓީއާއެކު ނަތަންޔާހޫ އުފެއްދި ސަރުކާރަކީ އިސްރާޢީލުގެ ތާރީޚުގައި ވެސް މިހާތަނަށް އުފެދުނު އެންމެ ނުރައްކާތެރި އަދި އެންމެ ޖައްބާރު ސަރުކާރުކަމަށް އިސްރާއީލުގެ އާންމުންވެސް ދަނީ ސިފަކުރަމުންނެވެ. ނަތަންޔާހޫ އަކީ ދީނީ ބޭފުޅަކަށް ނުވިނަމަވެސް އޭނާއަކީވެސް ސިޔާސީ ގޮތުން ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ ބޭފުޅެކެވެ. އޭނާގެ ކޯލިޝަން ބައިވެރިންނަކީ ކަނާތު ފިޔައިގެ ހަރުކަށި ވިސްނުމާއި ދީނީ ހަރުކަށި ވިސްނުމުގެ ބައެކެވެ.

ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުން ގެންދަނީ އިސްރާއީލުގެ ކުރީގެ ސަރުކާރުތަކަށް ވުރެވެސް ބޮޑަށް ފަލަސްތީނުގެ ރައްޔިތުންނަށް ބިރުދައްކައި ފަލަސްތީނު މީހުން މެރުމުގެ އަނިޔާވެރި ޖަރީމާތައް ހިންގަމުންނެވެ. އަނެއްކޮޅުން އިސްރާއީލުގެ އެތެރޭގައިވެސް ނަތަންޔާހޫގެ ސަރުކާރު ސިފަކުރެވެނީ ޑިމޮކުރަސީއަށް އޮތް ބިރެއްގެ ގޮތުގައެވެ.

ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން ގޮވަމުންދަނީ އެއީ ލަދުހަޔާތް ކުޑަ ސަރުކާރެއް ކަމަށާއި، ނަތަންޔާހޫއަކީ ޚުދުމުހުތާރު ވެރިއެއް ކަމުގައެވެ. އަދި ނަތަންޔާހޫ ފަދަ ލާދީނީ ލީޑަރަކު ދީނީ ހަރުކަށި މީހުންނާ ގުޅިގެން ސަރުކާރެއް އުފެއްދީ އިސްރާއީލުގެ ކޯޓުތަކުގައި ކޮރަޕްޝަނުގެ މައްސަލާގައި ނަތަންޔާހޫ އާ ދެކޮޅަށް ހިންގާ ދައުވާތަކަށް ބާރާއި ނުފޫޒު ހިންގައިގެން އެކަމަށް ހުރަސްއެޅުމަށް މުޒާހަރާގެ ބައިވެރިން ބުންޏެވެ.

comment ކޮމެންޓް