ދެވަނަ ބުރެއް ބާއްވާ ނަމަ އިތުރު 30 މިލިޔަން ރުފިޔާ ބޭނުންވާނެ: އީސީ

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލަފާ ކޮށްފައިވާ ގޮތަށް މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ޚަރަދުތައް ގޮސް، ދެވަނަ ބުރަކަށް ގޮސްފިނަމަ ބަޖެޓު ކޮށްފައިވާ މިންވަރުގެ އިތުރަށް 30 މިލިޔަން ރުފިޔާ ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުއާދު ވިދާޅުވީ އިންތިޚާބަށް އެ ކޮމިޝަނުން އަންދާޒާ ކުރީ 122 މިލިޔަން ރުފިޔާ ޚަރަދު ވާނެ ކަމަށް ކަމަށެވެ. އަދި ބަޖެޓުން ރިޔާސީ އިންތިޚާބަށް ދީފައިވަނީ 90 މިލިޔަން ރުފިޔާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ދެވަނަ ބުރަކަށް ގޮސްފިނަމަ އިތުރު 30 މިލިޔަން ރުފިޔާ ބޭނުންވާނެ ކަމަށެވެ.

"ރަފްކޮށް ދަންނަވާނަމަ އަޅުގަނޑުމެން އަންދާޒާކުރީ 122 މިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށް. އަޅުގަނޑުމެންނަށް ލިބުނީ 90 މިލިއަން ރުފިޔާ، އަޅުގަނޑުމެން ލަފާކޮށްފަ އޮތް ގޮތަށް ޚަރަދުތައް ދާނަމަ އިތުރަށް 30 މިލިއަން ބޭނުންވާނެ،" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރު އެއްވެސް ދައްޗެއް ނެތި ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް ދެވަނަ ބުރަކަށް ގޮސްފިނަމަ ދަތިތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ ދައުލަތުގެ ވަސީލަތްތައް ލިބިއްޖެނަމަ ޚަރަދުތައް ކުޑަކުރެވޭނެ ކަމަށެވެ. އެގޮތުން ދަތުރުފަތުރު ކުރުމުގައި ފުލުހުންގެ އެހީތެރިކަމާއި ޓެންޓު ޖެހުމުގައި އެމްއެންޑީއެފްގެ އެހީތެރިކަން ލިބި ދައުލަތުގެ ވަސީލަތްތައް ލިބިއްޖެ ނަމަ ގާތްގަނޑަކަށް 10 ވަރަކަށް މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ފައިސާ އިތުރަށް ބޭނުން ވެއްޖެނަމަ ދައުލަތުން އަބަދުވެސް ބޭނުންވާ މިންވަރަށް ފައިސާ ހަމަޖައްސައިދޭ ކަމަށެވެ. އަދި މިފަހަރު ވެސް އިތުރަށް ފައިސާ ބޭނުންވެއްޖެ ނަމަ ދައުލަތުން އެ ފައިސާ ދޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަންކަމާ ގުޅިގެން މިހާރު ވެސް ފިނޭންސް މިނިސްޓްރީއާއި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަން އެ ކޮމިޝަނުން މިއަދު ވަނީ އިއުލާނު ކޮށްފައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހުގައި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި އެ ބުރު ބާއްވާނީ ސެޕްޓެމްބަރު މަހުގެ 30ގައި ކަމަށް ވެސް އެ ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ.

comment ކޮމެންޓް