ދަރިވަރުންނަށް އުފާވެރި މާހައުލެއް ގާއިމުކޮށްދޭން ކެމްޕެއިނެއް ފަށަައިފި

ސްމައިލް އޮން ކެމްޕެއިންގެ ތެރެއިން / ދަރުމަވަންތަ ސްކޫލް ---- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދަރިވަރުންނަށް އުފާވެރި މާހައުލެއް ގާއިމްކޮށްދިނުމަށް މާލޭގެ ސްކޫލްތަކުގައި "ސްމައިލް އޮން"ގެ ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ މި ކެމްޕެއިނަކީ ދަރިވަރުންގެ ވަށައިގެންވާ މާހައުލަކީ އުފާވެރި ތަނަކަށް ހެދުމަށް ޓަކައި އަނެކާގެ ރަނގަޅު ސިފަތައް ދެނެގަނެ އެކަންކަން ފާހަގަ ކުރުމަށްޓަކައި، ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.

އެފަދަ މާހައުލެއް ގާއިމް ކުރުމަށްޓަކައި، ދަރިވަރުންގެ ކޮންމެ ދުވަހެއްގެ ތާވަލްގައި މި ކެމްޕެއިންގެ ދަށުން ތަފާތު ހަރަކާތްތައް ހިމަނައި، ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ "ސްމައިލް އޮން" ކެމްޕޭނުގެ ސަބަބުން ސްކޫލްތަކުގައި ދަރިވަރުންނަށް ރައްކާތެރި، ނަފުސާނީ ގޮތުން ދުޅަހެޔޮ މާހައުލެއް ގާއިމް ކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ. އަދި، އެކަކު އަނެކަކަށް އިޙްތިރާމް ކުރާ ދަރިވަރުން ތަކެއް ބިނާވެ ކަންކަމުގައި ޕޮޒިޓިވް ވިސްނުން ގެންގުޅޭ ސްކޫލު މުޖުތަމައެއް ބިނާ ވެގެންދާނެ ކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ.

މި ކެމްޕެއިން މިއަދު ފަށާފައި ވަނީ މާލޭގެ ސްކޫލްތަކުގައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް މި ކެމްޕެއިން ފަށައި ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެއެވެ.

comment ކޮމެންޓް