ޒަމާން ބަދަލުވަމުންދާ ހަލުވިމިނުގައި ފައިހަމަ ކުރުމަށް ފުލުހުންގެ ތަމްރީނަށް ބަދަލުގެންނަން ޖެހޭ: ސީޕީ

34 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ސީޕީ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ފުލުހުން

ރައްޔިތުން ކުރާ އުންމީދާއި ޒަމާން ބަދަލުވަމުންދާ ހަލުވި މިނުގައި ފައިހަމަ ކުރުމަށް ފުލުހުންގެ ތަމްރީނުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށްދިޔަ 34 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، ފުލުހުންގެ ކަންކަމުގައި ކަނޑައެޅޭ މިންވަރުތަކާއި ދެވޭ ތަމްރީނާ އެއްސީދާވާންޖެހޭ ކަމަށެވެ. އަދި މުވައްޒަފުންގެ ކިބައިގައި މަސައްކަތުގެ ވައްޓަފާޅި އަށަގެންނެވުމަށް ތަމްރީނުގެ ތެރެއިން މަސައްކަތް ކުރަންޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު މަސައްކަތް ކުރަނީ، އޮޕަރޭޝަނަލް ކޮންމެ ހާލަތަކަށްވެސް ހުރިހާ ގޮތަކުން ފިޓު ތަފާތު ހުނަރުތައް ހުންނަ ފުލުހުންތަކެއް ބިނާކުރުމަށް ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގައި އެންމެ ބޮޑު ބަދަލެއް ފެންނަންވާނެ ތަނަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓު ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ފުލުހުންގެ ކެރިއަރަކީ ދަސްވެނިވި ހުރިހާ އޮފިސަރުންގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި ކުރިއަށްދެވޭނެ އެންމެ ގިނަ ދާއިރާތައް ހުރި އެއް ދައިރާކަން ސީޕީ ފާހަގަ ކުރެއްވިއެވެ. އަދި ފުލުހުންގެ ކެރިއަރަކީ، ދުނިޔޭގެ ހުރިހާ ދިމާލަކުންވެސް ތައުލީމާއި ތަމްރީނުގެ ތަފާތު ފުރުސަތު ލިބިގެންދާނެ މުހިންމު ދާއިރާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް