ތިރީސް ހަތަރު ވަނަ ދިވެހި ޅެންވެރިންގެ ދުވަސް ރާއްޖޭގެ އެކި ސްކޫލުތަކުގައި ފާހަގަކޮށްފިއެވެ.
މި އަހަރުގެ ޅެންވެރިންގެ ދުވަސް ހާއްސަކޮށްފައިވަނީ ކުޅަދާނަ ޅެންވެރިޔާ ރަމްލާ ޢަބްދުލްޣަނީއަށެވެ.
ދިވެހިބަހުގެ އެކެޑަމީން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޅެންވެރިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް އެދިފައިވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އެގޮތުން ރާއްޖޭގެ އެކި ސްކޫލުތަކުގައި ވަނީ އެސެމްބްލީގައި ޅެންވެރިކަމާ ބެހޭ ގޮތުން ވާހަކަދައްކައި ދަރިވަރުންގެ ޅެންތަކެއް ހުށަހަޅއިދީފައެވެ. އޭގެ ތެރޭގައި އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލާއި ކ. ދިއްފުށީ ސްކޫލާއި ގދ. ތިނަދޫ ސްކޫލުގެ އިތުރުން ތިނަދޫ އަބޫބަކުރު ސްކޫލް ހިމެނެއެވެ.

އިސްކަންދަރު ސްކޫލުގައި ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން --- ފޮޓޯ/ އިސްކަންދަރު ސްކޫލް
އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އާމިނަތު ޝަހާދާ މިއަދު "ސަން"އަށް ވިދާޅުވީ ހެނދު ދަންފަޅީގަ އާއި މެންދުރުފަހު ދަންފަޅީގައިވެސް ދުވަހާ ގުޅިގެން ޚާއްސަ އެސެމްބްލީއެއް ބާއްވާފައިވާ ކަމަށެވެ. އަދި ހެނދުނު ދަންފަޅީގެ އެސެމްބްލީގައި ދަރިވަރުން ޅެން ހުށަހަޅާދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ސްކޫލުގައި ޅެންވެރިންގެ ދުވަހާ ގުޅޭ މައުލޫމާތުގެ ބެނާތަކެއް ވެސް ހަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްކަންދަރު ސްކޫލުގައި ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން --- ފޮޓޯ/ އިސްކަންދަރު ސްކޫލް
ތިނަދޫ ސްކޫލުގައި ވެސް ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވަނީ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން ދުވަހުގެ ޚާއްސަ އެސެމްބްލީއެއް ބާއްވައި ދިވެހި ގަޑިތަކުގައި ދަރިވަރުންނަށް ޅެން ލިޔަން ދަސްކޮށްދިނުމާއި ޅެން ކިޔުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ތިނަދޫ އަބޫބަރު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަޖީބް މިއަދު "ސަން"އަށް ވިދާޅުވީ މި އަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްސަކުރި ރަމްލާގެ ޅެންތައް ކިޔުމާއި ޅެމުން ވާހަކަދައްކައި ޑްރާމާ ކުޅުމާއި ދުވަހާ ގުޅޭ ޚާއްސަ އެސެމްބްލީއެއް ވެސް އެ ސްކޫލުގައި ބޭއްވި ކަމަށެވެ.

ތިނަދޫގެ އަބޫބަކުރު ސްކޫލުގައި ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން --- ފޮޓޯ/ އަބޫބަކުރު ސްކޫލް
ޅެންވެރިންގެ ދުވަސް ސްކޫލުގެ ރަސްމީ ގަޑީގައި ފާހަގަނުކުރި ނަމަވެސް ބައެއް ސްކޫލްތަކުން ވަނީ މި ދުވަސް ފާހަގަކުރަން ނިންމާފައެވެ.
އެގޮތުން ލިޔުންތެރިންގެ ގުޅުން ޖަމިއްޔާ އާއި ގުޅިގެން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ޅެންވެރިންގެ ދުވަހުގެ ޖަލްސާއެއް މިރޭ 20:30ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން ބުންޏެެވެ. އެ ޖަލްސާގައި ޅެންވެރިކަމާ ގުޅޭ މައުލޫމާތު ދިނުމާއި ޅެން ކިޔުމާއި ލިޔުމުގެ ހަރަކާތްތަކެއް ވެސް އޮންނާނެ ކަމަށް އެ ސްކޫލުން ބުނެއެވެ.

ތިނަދޫގެ އަބޫބަކުރު ސްކޫލުގައި ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން --- ފޮޓޯ/ އަބޫބަކުރު ސްކޫލް
މީގެ އިތުރުން އިއްޒުއްދީން ސްކޫލުގައި ޅެންވެރިންގެ ދުވަސް ވަރަށް ކުލަގަދަކޮށް އަންނަ ބުރާސްފަތި ދުވަހު ފާހަގަކުރުމަށް ނިންމާފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.
ޅެންވެރިންގެ ރަސްމީ ޖަލްސާ ބޭއްވުމަށް ނިންމަފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭގައެވެ.