އައިވީއެފް ފަންޑްގެ ދަށުން އިތުރު ދެ މީހަކަށް އިންޑިއާގެ އެސްޓާ މެޑްސިޓީ ހޮސްޕިޓަލުން އައިވީއެފް ހެދުމުގެ ފުރުސަތު ދިނުމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އާއި އެސްޓާ މެޑްސިޓީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެސްޓާ މެޑްސިޓީ ގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރު ފަރްހާން ޔާސިރެވެ. އަދި އެ ޖަމްޢިއްޔާގެ ފަރާތުން ސޮއިކުރެއްވީ ޓްރެޒަރާ ރީމާ ހުސައިންއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓާ މެޑްސިޓީގެ ސީއީއޯ ފަރުހާން ޔާސިރު ވިދާޅުވީ ރާއްޖެފަދަ ކުޑަ ޤައުމެއްގައި ދިރިއުޅޭ މީހުންނަށް އައިވީއެފް ޓްރީޓްމަންޓަކީ ކިހާ މުހިންމު އެއްޗެއްކަން އިހުސާސްވާކަމަށެވެ.
"އެކަން އަމިއްލައަށް ތަޖުރިބާކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން މި ޓްރީޓްމަންޓަށް އަރާނެ ޚަރަދާއި މިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް މިއީ ކިހާ މުހިންމުކަމެއްކަން ވަރަށް ރަނގަޅަށް އެނގޭ," ފަރުހާން ޔާސިރު ވިދާޅުވިއެވެ.
އަދި މި ފަންޑްގެ ދަށުން މިކަމަށް ބޭނުންވާ މީހުންނަށް އެފަދަ ފުރުސަތެއް ފަހިވާތީ ވަރަށް އުފާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އައިވީއެފް ފަންޑަކީ، މާލީ ދަތިތަކާ ހެދި އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ގެ ޓްރީޓްމަންޓް ހެދުމުގެ ފުރުސަތު ލިބިފައިނުވާ މީހުންނަށް ޚާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވާލި ފަންޑެކެވެ. މި ފަންޑްގެ އެހީގައި ކޮންމެ އަހަރަކުވެސް ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ލިބޭނެއެވެ. މިހާތަނަށް ލިބިފައިވާ އެހީތަކާއެކު ޖުމްލަ ފަސް ދެމަފިރިއަކަށް މިއަހަރު މި ފުރުސަތު ދެވޭނެކަމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބުންޏެވެ.
އައިވީއެފް ފަންޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން 25 އަހަރު ފުރިފައިވާ އަދި މަދުވެގެން ދެ އަހަރުވަންދެން ކައިވެނިކޮށްގެން އުޅޭ ދިވެހި ދެމަފިރިންނަށެވެ. އަދި 25 އަހަރު ނުފުރޭނަމަ ޚާއްސަ ހާލަތްތަކެއްގެ ދަށުން ސިއްޙީ ކަންކަމަށް ބަލައި އެ ފުރުސަތު އޮންނާނެނެއެވެ.
އެޕްލިކޭޝަން ފީގެ ގޮތުގައި 200 ރުފިޔާ ނަގާއިރު, ގުރުއަތުން ހޮވޭ މީހަކަށް ފަންޑް އެވޯޑްކުރުމުގެ ކުރިން ރެކޯޑު ސާފުކުރާނެވެ.
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބުނީ އައިވީއެފް ފަންޑަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަހަރުގެ ޖޫންމަހާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއަކީ ދަރިމައިވުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކޮށް، މި ކަމާ ގުޅިގެން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ލިބެންހުރި ފަރުވާތަކުގެ މައުލޫމާތުދީ، އަދި ދަރިމައިވުމުގެ އުނދަގޫތައް ތަހައްމަލުކުރާ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އުފެއްދި ޖަމްޢިއްޔާއެކެވެ.
ވަރަށް އާދައިގެ ގޮތަކަށް ފެށި އެ ޖަމްޢިއްޔާގެ މަސައްކަތް މިހާރު ވަނީ ދަރިމައިވުމުގެ ދަތިތަކާ ގުޅުންހުރި ތަފާތު މައުޟޫތަކަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުގެ އެކިއެކި ތަޖުރިބާކާރުންގެ އެހީއާއިއެކު މައުލޫމާތު ސެޝަންތައް ކުރިއަށްގެންގޮސްފައެވެ.