ފޭދޫގައި ޒަމާނީ އާ ސްކޫލެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށަނީ

މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން އައްޑޫ ސިޓީ، ފޭދޫގައި ޒަމާނީ ފެންވަރަށް އާ ސްކޫލެއް އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެއެވެ.

ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުގައި މިރޭ އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފޭދޫއަށް އާ ސްކޫލެއް ބޭނުންވާ ކަމަށެވެ.

"މިދިޔަ އަހަރުގެ މާޗު މަހުގައި ރައީސުލްޖުމްހޫރިއްޔާ އަރިހުގައި މި ރަށަށް ޒިޔާރާތްކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު. އެ ދަތުރުފުޅުގައި މި ރަށުގެ އަހުލުވެރިން އެ މަނިކުފާނާ ބައްދަލުވުމުން އެންމެ ބޭނުންވާ ކަމެއްގެ ގޮތުގައި ހުށަހެޅީ މި ރަށަށް އާ ސްކޫލެއް ލިބިގެން ދިއުން." މިނިސްޓަރު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވެސް ބައިވެރިވެ ވަޑައިގެންނެވި-- ފޮޓޯ: ރައީސް އޮފީސް

"އެ މަނިކުފާނަށް ރައްޔިތުން އިއްވި އަޑު ހަނދުމަފުޅު ހުންނެވިކަމުގެ ހެއްކަކީ 2023ވަނަ އަހަރުގެ ބަޖެޓުގައި، އާދެ މި އަހަރުގެ ބަޖެޓުގައި ފޭދޫގައި އާ މަދަރުސާއެއް ބިނާކުރަން ހިމަނުއްވައިފައިވާތީ."

މިނިސްޓަރު ވިދާޅުވީ، އަލަށް އަޅާ ސްކޫލު ވާނީ ޒަމާނީ ފެންވަރަށް މިހާރުގެ ބޭނުންތަކާ އެއްގޮތަށް ފަރުމާ ކުރާނެ ސްކޫލަކަށް ކަމަށެވެ.

އެގޮތުން އެ ސްކޫލުގައި ވޯކްޝޮޕްތައް ހިންގާނެ ޖާގައާއި ނާސްތާކުރާނެ މާލަންތަކާއި ބަދިގެއާއި ލެބޯޓްރީތަކާއި އެ ނޫން ވެސް ޒަމާނީ ވަސީލަތްތައް ހުންނާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދުކުރަނީ މި ހިތްގައިމު މަދަރުސާގެ ބިންގާ ހެޔޮ މިންވަރެއްގައި ވަރަށް އަވަހަށް ނިމިގެންދާނެކަމަށް. އަދި އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި އާ ސްކޫލުގެ މަސައްކަތް ކުރާނެ ބިމުގެ ރަޖިސްޓްރީ ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ހަވާލުކޮށްފައެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަދަރުސާއަކީ އެ ތަނެއްގެ މީހުންގެ އުޅުން ބައްޓަންކުރުމަށް ޓަކައި އެންމެ މުހިންމު ދައުރެއް އަދާކުރާ ތަންކަމަށެވެ.

އެގޮތުން މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ ބޮޑެތި މީހުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މުޖުތަމައަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންނަމަ އެ ބަދަލެއް ގެންނަންވީ މަދަރުސާގެ ތެރެއިން ކަމަށެވެ.

"އެފްރިކާގެ ހަރު ބަހެއްގައި އޮވޭ 'އިޓް ޓޭކްސް އަ ވިލޭޖް ޓު ރެއިޒް އަ ޗައިލްޑް'. މި ހަރުބަހުގެ މާނައަކީ ކުޑަކުއްޖަކު ހެޔޮ ގޮތުގައި ރައްކާތެރި ސިއްހަތު ރަނގަޅު ވެއްޓެއްގައި ބޮޑުވުމަށް އެ ކުދިން ދިރުއުޅޭ ތަނެއްގެ އެންމެން ނުވަތަ، އެ ކުދިންގެ އުޅޭ އަވަށްގަނޑެއްގެ އެންމެން އެ ކުދިންނާ ފަހިކޮށް މުއާމަލާތް ކުރަން ޖެހެޔޭ. މި ހަރުބަހުން ދޭހަވާ މާނައަކީ ކުޑަކުދިން ހެޔޮ ގޮތުގައި އުފަލުން ބޮޑުވަމުން ދަނީ ހަމައެކަނި ބެލެނިވެރިންގެ ސަބަބަކުން ނޫންކަން. މަދަރުސާއެއްގެ ސަބަބަކުން އެކަނި ނޫންކަން،" މިނިސްޓަރު ވިދާޅުވިއެވެ.

"މި ކަން މި ގޮތަށް ނުކުރާނަމަ އެކި ރަށްރަށުގެ ގޯޅިގޯޅި ކަންމަތީގައި ކޯޅިކޯޅިއަށް ތިބޭ ބައެއް ޒުވާނުން މި ރަށުން ވެސް ފެނުންވާނީ އިތުރު،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުޑަކުދީން ކުރާ ރަނގަޅު ކަންކަމަށް ހިތްވަރު ދޭންޖެހޭ ކަމަށެވެ. އަދި ގޯސްކަމެއް ހިނގާނަމަ ނަސޭހަތްތެރިވާން ޖެހޭ ކަމަށެވެ.

އަދި އެއީ ލަފާދާރު ރައްޔިތަކު ބިނާކުރުމަށް މުޖުތަމައުގެ ކޮންމެ ފަރުދަކު އަދާކުރަންޖެހޭ ޒިންމާއެއްކަމަށް އެ މިނިސްޓަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް