އަމީނީ މަގުގެ އެއްބަސްވުން ހާމަނުކުރަން މިނިސްޓްރީން ކޯޓަށް

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން

މާލޭ ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ ދަށުން އަމީނީ މަގު ހެދުމަށް ޕްލޭނިން މިނިސްޓްރީއާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ދެމެދު ހަދާފައިވާ އެއްބަސްވުން ހާމަނުކުރަން މިނިސްޓްރީން ކޯޓަށް ދާން ނިންމައިފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން އަމިއްލަ ފަރާތަކުން ވަނީ އަމީނީ މަގު ހެދުމަށް ޕްލޭނިން މިނިސްޓްރީއާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ދެމެދު ހަދާފައިވާ އެއްބަސްވުން ހޯދަން އެދިފައެވެ. އެދުމާ އެއްގޮތަށް އެއްބަސްވުން ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ވަނީ މިނިސްޓްރީއަށް އަންގައިފައެވެ.

އެކަމަކު، އައިކޮމްގެ ނިންމުމާ އެއްގޮތަށް އެ އެއްބަސްވުން އާންމުނުކުރަން ޕްލޭނިން މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެހެންވެ، އެ މިނިސްޓްރީން ވަނީ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފައެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި ޒަމާނީ ފެންވަރަކަށް އަމީނީ މަގު ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުމަކީ ތިންވަނަ ފަރާތަކަށް ހިއްސާ ކުރެވޭނެ މައުލޫމާތެއް ނޫނެވެ. އެކަމާ ބެހޭ އިތުރު ތަފުސީލެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު މިހާރު އޮތް ގޮތް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ފުރަތަމަ ކުރަން އުޅުނީ މާލޭ ސިޓީ ކައުންސިލުންނެވެ. ހަމަ އާރްޑީސީއާ ހަވާލުކޮށްގެން 39 މިލިއަން ރުފިޔާއަށް ހިންގަން އެއްބަސްވި ނަމަވެސް ފަހުން އެ މަސައްކަތް ކުރަން ނިންމީ ޕްލޭނިން މިނިސްޓްރީންނެވެ.

މިނިސްޓްރީން އެ މަސައްކަތް ކުރަން ނިންމީ ސިޓީ ކައުންސިލަށް އެ މަސައްކަތް ހަވާލުކުރި ވަރަށް ވުރެ ދެގުނަ އަގު ބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ.

ދިހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލު ކުރީ 1.7 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ތިންވަނަ ސެގްމެންޓުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އެ މަސައްކަތުގެ ދަށުން ފެނާއި ނަރުދަމާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމައި މިހާރު ކުރިއަށްދަނީ ފެންހިންދާ ނިޒާމު ގާއިމްކުރުމާއި ކާނު ހެދުމުގެ މަސައްކަތް ކަމަށް އާރްޑީސީން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް