ސިޔާސީ މުވައްޒަފުންނާއި ޚަރަދުގެ މައުލޫމާތު ނުދީ، ހައުސިންއިން އެދުނީ ރިކުއެސްޓް ބަދަލުކުރަން

މިނިސްޓަރު ޢަބްދުﷲ މުއްޠަލިބު: މައުލޫމާތު ނުދީ، އެ މިނިސްޓްރީން އެދުނީ ރިކުއެސްޓް ބަދަލުކުރަން --- ފޮޓޯ: ރައީސް އޮފީސް

ސިޔާސީ މުވައްޒަފުންނާއި ޚަރަދުގެ މައުލޫމާތު ހިމެނޭހެން ގިނަ އަދަދެއްގެ މައުލޫމާތު ހޯދަން އެދުމުން އެއީ ކަނޑައެޅިފައިވާ މުއްދަތުގައި ދެވޭނެ މައުލޫމާތެއް ނޫން ކަމަށް ބުނެ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި ރިކުއެސްޓް ބަދަލުކުރުމުން މައުލޫމާތު ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ގިނަ އަދަދެއްގެ މައުލޫމާތު ހޯދަން 'ސަން'އިން ފޮނުވި ރިކުއެސްޓްގެ ޖަވާބުގައި އެ މިނިސްޓްރީން ވަނީ ހޯދަން އެދުނު ގިނަ މައުލޫމާތަކީ ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި ދެވޭނެ މައުލޫމާތެއް ނޫން ކަމަށް ބުނެފައެވެ.

ގާނޫނުގެ މަގުސަދަކީ އެ މުއްދަތުގައި ދެވޭނެ މައުލޫމާތަށް އެދި ހުށަހެޅުން ކަމަށް ބުނެ، ހައުސިން މިނިސްޓްރީން ވަނީ މައުލޫމާތު ހޯދަން އެދުނު ރިކުއެސްޓް އިސްލާހުކުރަން އެދިފައެވެ. އެއަށް ފަހު، "ދެވެން ހުރި" މައުލޫމާތު ދޭނެ ކަމަށް އެ މިނިސްޓްރީން ހޮނިހިރު ދުވަހު ފޮނުވި ޖަވާބުގައިވެއެވެ.

އެކަމަކު، ހޯދަން އެދޭ މައުލޫމާތެއް ގާނޫނުގައި ބުނާ 21 ދުވަހުގެ ތެރޭގައި ފޯރުކޮށްދެވެން ނެތް ނަމަ، އިތުރު 14 ދުވަހަށް މުއްދަތު ދަންމާލެވެއެވެ.

https://sun.mv/215329

ހޯދަން އެދުނު މައުލޫމާތުގެ ތެރޭގައި އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ދަތުރު ޚަރަދާއި، މިނިސްޓްރީގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދާއި، އެޑްވައިޒަރުންގެ އަދަދާއި، ކޮންސަލްޓަންޓުންގެ މައުލޫމާތު ވެސް ހިމެނެއެވެ. އެއީ، އާންމު އުސޫލުން މީގެ ކުރީގައި އަބަދު ވެސް ހާމަކުރާ މައުލޫމާތެވެ.

ހޯދަން އެދުނު މައުލޫމާތުގެ ތެރޭގައި މިނިސްޓްރީގައި ތިއްބެވި މުވައްޒަފުންގެ އަދަދު ވެސް ހިމެނެއެވެ. އަދި، މި ދައުރުގައި ވަޒީފާ ދިން މުވައްޒަފުންނާއި، ސިޔާސީ މުވައްޒަފުންނާއި، ޖުމުލަ މުވައްޒަފުންނަށް މިނިސްޓްރީން ކުރާ ޚަރަދުގެ ތަފުސީލުތައް ވެސް ހޯދަން ވަނީ އެދިފައެވެ.

އެކަމަކު، އެއިން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެދުނީ ރިކުއެސްޓް އިސްލާހުކުރުމަށެވެ.

ރައީސް މުއިއްޒާއި ހައުސިން މިނިސްޓަރު މުއްތަލިބް: މައުލޫމާތު ނުދީ ހައުސިންއިން އެދުނީ ރިކުއެސްޓް ބަދަލުކުރަން --- ފޮޓޯ/ ހައުސިން މިނިސްޓްރީ

މީގެ އިތުރުން ހޯދަން އެދުނު ބައެއް މައުލޫމާތު:

  • މިނިސްޓްރީގެ ޚަރަދުތަކުގެ ތަފުސީލުތައް
  • މި ދައުރު ފެށުނު ފަހުން ނުދައްކާ ހުރި ބިލުތައް
  • ބޮޑެތި ޕްރޮކިއުމަންޓްތަކާ ގުޅޭ ތަފުސީލުތައް
  • މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ދަތުރު ޚަރަދުތައް
  • އިންޓާނަލް އޮޑިޓް ރިޕޯޓުތައް
  • ވެހިކަލް ގަންނަން މި ދައުރުގައި ކުރި ޚަރަދުތައް

އެއިން އެއްވެސް މައުލޫމާތެއް މިނިސްޓްރީން ފޯރުކޮށްދީފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިނިސްޓްރީތަކާއި އިދާރާތަކުން މައުލޫމާތު ފޯރުކޮށްނުދޭކަމުގެ ޝަކުވާ މިހާރު ވަނީ ބޮޑުވެފައެވެ.

މީގެ ކުރީ ހުރިހާ ސަރުކާރެއްގައި ވެސް ސިޔާސީ މުވައްޒަފުންގެ މައުލޫމާތު، ސަރުކާރުތަކުން އިސްވެ ހާމަކުރިއެވެ. އެކަމަކު، މި ސަރުކާރުގައި އެ މައުލޫމާތު ވެސް ހާމައެއް ނުކުރެއެވެ. އަދި، ޚަރަދު ކުޑަކުރުމުގެ ގޮތުން ވަކިކުރި ކަމަށް ރައީސް އޮފީހުން ރަސްމީކޮށް އިއުލާނުކުރި މުވައްޒަފުންގެ ތަފުސީލުތައް ވެސް ނުދީ ވަނީ ހިފަހައްޓާފައެވެ. އެ މައުލޫމާތު ނުދޭން ރައީސް އޮފީހުން ވަނީ ހައިކޯޓަށް ވެސް ގޮސްފައެވެ. އެކަމަކު، އެ މައްސަލަ ކުރިއަކަށް ނުދެއެވެ.

comment ކޮމެންޓް