ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް މުވައްޒަފުން ނެގި އަދަދާއި ކުންފުނީގެ ޚަރަދުތަކާ ގުޅޭ މައުލޫމާތު ވެސް ހާމަކުރެވެން ނެތް ކަމަށް ބުނެ، އެ މައުލޫމާތު ނުދެވޭނެ ކަމަށް އެ ކުންފުނިން މިއަދު އަންގައިފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ގިނަ އަދަދެއްގެ މައުލޫމާތު ހޯދަން 'ސަން'އިން ފޮނުވި ރިކުއެސްޓްގެ ޖަވާބުގައި އެ ކުންފުނިން ވަނީ ހޯދަން އެދުނު ގިނަ މައުލޫމާތަކީ ދެވެން ނެތް މައުލޫމާތެއް ކަމަށް ބުނެ، އެ މައުލޫމާތު ފޯރުކޮށްދޭން ދެކޮޅު ހަދާފައެވެ.
ހޯދަން އެދުނު މައުލޫމާތުގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުންގެ ޚަރަދާއި، މުވައްޒަފުން ނަގަމުން އައި ގޮތުގެ ތަފުސީލުތައް ހިމެނެއެވެ. އެގޮތުން، އަހަރުން އަހަރަށް ކުންފުނީގައި ތިބި މުވައްޒަފުންގެ އަދަދު ވެސް ހޯދަން ވަނީ އެދިފައެވެ. އެއީ، އާންމު އުސޫލުން މީގެ ކުރީގައި ހާމަކުރާ މައުލޫމާތެވެ.
ހޯދަން އެދުނު މައުލޫމާތުގެ ތެރޭގައި މި ދައުރުގައި ވަޒީފާ ދިން މުވައްޒަފުންނާއި، ސިޔާސީ މުވައްޒަފުންނާއި، ޖުމުލަ މުވައްޒަފުންނަށް ކުރާ ޚަރަދުގެ ތަފުސީލުތައް ވެސް ހިމެނެއެވެ.
މީގެ އިތުރުން ހޯދަން އެދުނު ބައެއް މައުލޫމާތު:
- ކުންފުނީގެ ޚަރަދުތަކުގެ ތަފުސީލުތައް
- މި ދައުރު ފެށުނު ފަހުން ނުދައްކާ ހުރި ބިލުތައް
- ބޮޑެތި ޕްރޮކިއުމަންޓްތަކާ ގުޅޭ ތަފުސީލުތައް
- މުވައްޒަފުންގެ ދަތުރު ޚަރަދުތައް
- އިންޓާނަލް އޮޑިޓް ރިޕޯޓުތައް
- ކުންފުނީގެ ދަރަނީގެ ތަފުސީލުތައް
- ވެހިކަލް ގަންނަން މި ދައުރުގައި ކުރި ޚަރަދުތައް
އެކަމަކު، އެއިން އެއްވެސް މައުލޫމާތެއް އެ ކުންފުނިން ފޯރުކޮށްދީފައެއް ނުވެއެވެ. ލިޔުމުން ފޮނުވި ޖަވާބުގައި ބުނީ، ހޯދަން އެދުނު މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 22 ވަނަ މާއްދާއާއި، 23 ވަނަ މާއްދާއާއި، 25 ވަނަ މާއްދާ އަދި 30 ވަނަ މާއްދާގެ ދަށުން ދޫކުރެވެން ނެތް މައުލޫމާތު ކަމަށެވެ.
ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ސިޔާސީ ބޭނުމަށް މުވައްޒަފުން ނަގާކަމުގެ ޝަކުވާ ބޮޑެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ ހިސާބުތަކުން އެނގޭ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިހާރު 38،000 މުވައްޒަފުން އެބަތިއްބެވެ. އެއީ، ސިވިލް ސާވިސްގައި މަސައްކަތްކުރާ 30،000 މުވައްޒަފުންނަށް ވުރެ ވެސް އިތުރު އަދަދެކެވެ. ޕީސީބީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އެސްއޯއީ އެނުއަލް ފައިނޭންޝަލް ރިވިއުގައި ވާގޮތުން އޭރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބީ 35،000 އެއްހާ މުވައްޒަފުންނެވެ. އެހެންވެ، މިއީ މި އަހަރު އެކަނި ވެސް ގާތްގަނޑަކަށް 3،000 އެއްހާ މުވައްޒަފުންގެ އިތުރުވުމެކެވެ.
މުވައްޒަފުންގެ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވާއިރު، ސަރުކާރު 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 281 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. އަދި، ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު އެކަނި ވެސް ގެއްލުމުގައި ހިންގާ ކުންފުނިތަކަށް ބަޖެޓުން ދެ ބިލިއަނެއްހާ ރުފިޔާ ޚަރަދުކުރަން ޖެހުނެވެ.
އެޗްޑީސީއަކީ ފައިދާގައި ހިންގާ ކުންފުންޏެއް ނަމަވެސް ދަރަނި ބޮޑުވުމުގެ މައްސަލަ އެ ކުންފުންޏަށް ވެސް އޮތީ ކުރިމަތިވެފައެވެ. އެ ކުންފުނީގެ ދަރަނި 9.3 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ޕީސީބީގެ ހިސާބުތަކުން ދައްކައެވެ. އެކަމަކު، އެ މައުލޫމާތު ވެސް ހިއްސާކޮށްފައިނުވާތީ، މިހާރު އެ އަދަދު ހުރީ ކިހާ ވަރެއްގައި ކަމެއް ނޭނގެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކުންފުނިތަކާއި އިދާރާތަކުން މައުލޫމާތު ފޯރުކޮށްނުދޭކަމުގެ ޝަކުވާ މި ފަހުން ވަނީ ބޮޑުވެފައެވެ.
މީގެ ކުރީ ހުރިހާ ސަރުކާރެއްގައި ވެސް ސިޔާސީ މުވައްޒަފުންގެ މައުލޫމާތު، ސަރުކާރުތަކުން އިސްވެ ހާމަކުރިއެވެ. އެކަމަކު، މި ސަރުކާރުގައި އެ މައުލޫމާތު ވެސް ހާމައެއް ނުކުރެއެވެ. އަދި، ޚަރަދު ކުޑަކުރުމުގެ ގޮތުން ވަކިކުރި ކަމަށް ރައީސް އޮފީހުން ރަސްމީކޮށް އިއުލާނުކުރި މުވައްޒަފުންގެ ތަފުސީލުތައް ވެސް ނުދީ ވަނީ ހިފަހައްޓާފައެވެ. އެ މައުލޫމާތު ނުދޭން ރައީސް އޮފީހުން ވަނީ ހައިކޯޓަށް ވެސް ގޮސްފައެވެ. އެކަމަކު، އެ މައްސަލަ ކުރިއަކަށް ނުދެއެވެ.