ސަމާލުވޭ: ކުޑަކުދިންނަށް ދޭ ދިޔާ ބޭހެއްގައި ނުރައްކާތެރި މާއްދާއެއް!

ކުޑަކުދިންނަށް ދޭ ދިޔާ ބޭހެއްގައި ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ހިމެނޭތީ ސަމާލުވުމަށް, މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޔޫރަޕިއަން ރީޖަންގައި ދައުރުވަމުންދާ ކުޑަކުދިންނަށް ދޭ ސިރަޕްތަކުގައި، ސިއްޚީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ، "ޑައިތްލީން ގްލައިކޯލް" އާއި "އެތްލީން ގްލައިކޯލް" ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާކަމަށެވެ.

އެ މާއްދާތައް ހިމެނެނީ އިންޑިއާގެ މެރިއަން ބައޮޓެކް ކުންފުނިން އުފައްދާފައިވާ Amboronol cough syrup އަދި DOK-MAX syrup ކިޔާ ދިޔާ ބޭހެއްގައެެވެ.

މިބޭސްތަކަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫން ނަމަވެސް ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސްތައް އިމްޕޯރޓް ވުމުގެ ފުރުސަތު އޮތްކަމަށް ވާތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ފުންޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ޙާއްސަ ސަމާލުކަމެއްދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މީގެއިތުރުން، މިބޭސްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 7200321 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

މީގެ ކުރިން ވެސް އެމްއެފްޑީއޭއިން ވަނީ މިފަދަ ބޭސްތަކެއް ބޭނުން ނުކުރުމަށް އަންގައިފައެވެ.

comment ކޮމެންޓް