ނީލަން ފިހާރަ ސަރަހައްދުގައި މިދިޔަ ހޯމަ ދުވަހު ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާގައި އެކޮމަޑޭޝަން ބްލޮކް އަނދައި ބޯހިޔާހިޔާވަހިކަން ގެއްލުނު ބިދޭސީންގެ ކަންކަން ވަރަށް ގާތުން މޮނީޓަރ ކުރަމުން އަންނަ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލަޑިވްސް (އެޗްއާރްސީއެމް)އިން މިއަދު ބުނެފިއެވެ.
އެ އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ 200 އެއްހާ މުވައްޒަފުން ދިރިއުޅެމުން އައި އެކޮމަޑޭޝަން ބްލޮކެއް ވަނީ އަނދައި ހުލިވެފައެވެ. އެ ބިދޭސީނަށް ވަގުތީ ބޯހިޔާވަހިކަން ސަރުކާރުން ހަމަޖައްސައި ދިނީ ހުޅުމާލެއިންނެވެ.
އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހާދިސާއާ ގުޅިގެން އެ ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ވަނީ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތައް ވަގުތީ ގޮތުން ބޭތިއްބުމަށް ހަމަޖެއްސި، އިމާދުއްދީން ސްކޫލާއި ހުޅުމާލެ ވަގުތީ ހިޔާ (ކޮވިޑް ފެސިލިޓީ)އަށް ޒިޔާރާތްކޮށް ކަމާ ބެހޭ އިދާރާތަކުން މައުލޫމަތު ސާފުކޮށްފައި ކަމަށެވެ. އަދި އެ ފަރާތްތަކަށް ފެނާ، ކެއުމާ، ފާޚާނާ ކުރުން ފަދަ ޒަރޫރީ ބޭނުންތައް ފުއްދުމަށް ހަމަޖެހިފައިވާ އިންތިޒާމް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް އެޗްއާރުސީއެމްއިން ބުނެއެވެ.
އެޗްއާރްސީއެމުން ބުނީ މި ހާދިސާއާ ގުޅިގެން ސަރުކާރުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރާ ކަމަށާއި، މިފަދަ ދަނޑިވަޅެއްގައި އާންމު ރައްޔިތުންގެ ފަރާތުން މެދުކެނޑުމެއް ނެތި ލިބެމުން އަންނަ އެއްބާރުލުމާއި ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރާ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ލިބިދޭ ހައްގުތަކަކީ އެއްވެސް ތަފާތުކުރުމެއް ނެތި ބިދޭސީންނަށް ވެސް ލިބިގެންވާ ހައްގުތަކެއް ކަމަށް ވާއިރު އެޗްއާރްސީއެމްގެ ފަރާތުން ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ނީލަން ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގުން --- ފޮޓޯ/ އެމްއެންޑީއެފް
މީގެ ކުރިން ވެސް އެކި ފަހަރުމަތިން ނީލަން ފިހާރައިގައި ވަނީ ރޯވެފައެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުވެސް ވަނީ އެތަނުގައި އަލިފާން ރޯވެފައެވެ. އެ ދެ ފަހަރު ވެސް އެތަނުގައި ގަސްތުގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވުނެވެ.
އެތަނުގައި ވިޔަފާރިކުރުން މިފަހުން އަނެއްކާ ވެސް މަނާކޮށް އެކަން ހުއްޓުވިފަހުން އަލުން އެތަނުގައި ވިޔަފާރިކުރަން ފެށީ ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށް މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.